ސަނާޔާ: ލޯބީގެ އާ ސިލްސިލާއަކަށް ވަނީ ސޮއިކޮށްފައި.
23 އޮކްޓޯބަރ 2018 - 07:30
ސްޓާ ޕްލަސް އިން ގެނެސްދިން މަޝްހޫރު ޓީވީ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ސަނާޔާ އިރާނީ އެ ސިލްސިލާ ގެނެސްދިން ޕްރޮޑަކްޝަން ހައުސް، ފޮ ލަޔަންސް ފިލްމްސްގެ އާ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.
އެކަން އެ ކުންފުނީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ގޯކީ އެމް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި އަލަށް ހަދަން ނިންމާފައިވާ ސިލްސިލާގެ ބަތަލާގެ ރޯލުން ސަނާޔާ ފެނިގެން ދާނެ އެވެ.
"އެކަމަކު މީގެ އިތުރު ތަފުސީލަކަށް ދާން އަދި މާ އަވަސް. އަހަރެމެން ވަރަށް އަވަހަށް ސިލްސިލާގެ ނަމާއި މީގެ އިތުރު ކާސްޓުންނަކީ ކޮބައިކަން އިއުލާން ކުރާނަން،" އޭނާ ބުންޏެވެ.
ގޯކީ ބުނި ގޮތުގައި އާ ސިލްސިލާ ވެސް ވެގެން ދާނީ ވަރަށް އަސަރުގަދަ ލޯބީގެ ސިލްސިލާއަކަށެވެ. އަދި ބެލުންތެރިން ބޭނުންވާ ހުރިހާ ރަހައެއް އާ ސިލްސިލާގައި ވެސް ހުންނާނެ ކަމުގެ ޔަގީންކަން މިހާރު ވެސް ދެވިދާނެ ކަމަށް ބުންޏެވެ.
ސަނާޔާ، ބަރުންއާ އެކު: މި ޖޯޑު ވަރަށް މަގުބޫލު.
"އަންނަ އަހަރުގެ ތެރޭގައި ސިލްސިލާގެ މަސައްކަތް ފަށާނެ،" ގޯކީ ބުންޏެވެ.
"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އަކީ ޖޫން، 6، 2011 އިން ނޮވެމްބަރު، 30، 2012 އާ ހަމައަށް ކުރިއަށް ގެންދިޔަ ވަރަށް މަގުބޫލު ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި މީގެ 398 އެޕިސޯޑް ދައްކާފައިވެ އެވެ.
ސަނާޔާ އެކު "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" ގައި ބަތަލުގެ ރޯލް ކުޅުނީ ބަރުން ސޮބްތީ އެވެ. މި ސިލްސިލާގެ ބޮޑު ކާމިޔާބީއާ ގުޅިގެން، ސިލްސިލާގެ ދެވަނަ ސީޒަނެއް އަށް އެޕިސޯޑްގެ ވެބް ސީރިޒެއްގެ ގޮތުގައި 2015 ގައި ހޮޓްސްޓާ އިން ގެނެސް ދީފައިވެ އެވެ.
އަދި މީގެ ތިން ވަނަ ސީޒަނެއް ސްޓާ ޕްލަސް އިން މިދިޔަ އަހަރު ގެނެސް ދީފައިވެ އެވެ. އޭގައި ލީޑް ރޯލް ކުޅުނީ ބަރުން އާއި ޝިވާނީ ތޯމަރް އެވެ. އެކަމަކު ބެލުންތެރިންގެ މަގުބޫލުކަން ކުޑަވުމުން 70 އެޕިސޯޑަށް ފަހު، ތިން ވަނަ ސީޒަން ވަނީ ހުއްޓާލައިފަ އެވެ.
ބެލުންތެރިންނަށް "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" ކަމުދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ސަނާޔާ އާއި ބަރުންގެ ކެމިސްޓްރީ މަގުބޫލުވުމެވެ. ސަނާޔާ ދާދި ފަހުން ވަނީ "ޒިންދާބާދު" ކިޔާ ވެބް ސީރީޒެއްގައި ވެސް މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިއޭމް
23 October 2018
ލޯބީގެ ފިލްމްސް ތައް އަބަދުވެސް ފަނޑުވުމެއް ނެތި ހިނގަނީ އެއީ ކީއްވެތޭ އޭގެ މައިގަނޑު ސަބަބަކީ އިންސާނާ އުފައްދަވާފައިވާ އިރު އޭނާގެ މައިގަނޑު ކޯސް އަކީ އެއީ ލޯތްބާއި އަޅާލުމަށް ޓަކައި އުފެދިފައިވާ ވަަރަށް އަގުހުރި މަޚްލޫގު އަކަށް ވާތީވެ އެކަކު އަނެކަކަށް އަޅާލާ އަދި އެއަޅާލުން ހަގީގީ އިމޯޝަނަލް ލޯތްބަށް ބަދަލުވުން އެއީ އިންސާނީ ނަސްލު ޒަމާން ތަކަށް ދިގު ދެމި އަދި މިދުނިޔެ އިމާރާތް ކުރަން ލިބޭ ރަނުގެ ފުރުސަތަކީ އައި އޭމް ސޯ ހެޕީ ޓު ނޯ އިޓް..