26 ސެޕްޓެމްބަރ 2019 - 07:44
ދެހާހުގެ އަހަރުތައް ފެށިގެން އައި އިރު ބޮލީވުޑްގެ އެންމެ ވިދާލި އެއް ބަތަލާ ޕްރިތީ ޒިންތާ އާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހަފުތާގައި ބޭއްވި 20 ވަނަ އައިފާ އެވޯޑްސްގައި ވެސް ބައިވެރިވި ބަތަލާ ސޮއިކުރީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަޝުތޯޝް ގޮވަރިކާ ޕްރޮޑިއުސްކުރާ ފިލްމަކަށް ކަމަށް ނޫސްތަކުން ބުންޏެވެ.
ޑެކަން ކްރޮނިކަލް އިން ބުނި ގޮތުގައި އެމެރިކާ މީހަކާ 2016 ގައި ކައިވެނިކޮށްގެން އެ ގައުމުގައި އާންމުކޮށް ދިރިއުޅޭ ޕްރިތީ، 44، ސޮއިކުރި ފިލްމަކީ ޅީދަރިއަކާއި ބަފާބެއާ ދެމެދު ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އަދި އެ ފިލްމުގައި ޕްރިތީގެ ބަފާބެގެ ރޯލް ކުޅޭނީ ޕަރޭޝް ރާވަލް ކަމަށާއިި އޭނާ ފިލްމުގައި ފެންނާނީ ޑަބަލް ރޯލަކުން ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ފިލްމު ޑައިރެކްޓްކުރާނީ އަޝުތޯޝްއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އާ ޑައިރެކްޓަރެއް ކަމަށްވެ އެވެ.
ނަމަވެސް މި ފިލްމާ ބެހޭ ގޮތުން ޕްރިތީ ވެސް އަދި އަޝުތޯޝް ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. "ލަގާން" އާއި "ސްވަދޭސް" ފަދަ ފިލްމުތައް ގެނެސްދިން އަޝުތޯޝް މި ވަގުތު އަންނަނީ ޑިސެމްބަރުގައި ރިލީޒްކުރާ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ މަސައްކަތްކުރަމުންނެވެ.
ޕްރިތީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ރިލީޒްނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށް މިދިޔަ އަހަރު ފަހުކޮޅު ސިނަމާތަކަށް ގެނައި "ބެއްޔާޖީ ސުޕަހިޓް" އިންނެވެ. އެ ފިލްމުގައި އޭނާ ފެނުނީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް އާއި އަރުޝަދު ވަރްސީއާ އެކީގަ އެވެ.
ޕްރިތީ ކުޅުނު ކާމިޔާބު އަދި ރީތި ފިލްމުތަކުގެ ތެރޭގައި "ސޯލްޖާ"، "ކިޔާ ކެހެނާ"، "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ"، "ކަލް ހޯ ނަހޯ"، "ދިލް ޗާތާ ހޭ"، "ވީރް-ޒާރާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާސަރީ
26 September 2019
އަދިވެސް ހާދަ ނަލައޭ... ވާއު... ×0×0