މުނިފޫހިފިލުވުން / ބޮލީވުޑް ކައިވެނި

ބޮލީވުޑްގެ ކާމިޔާބު ބައެއް ކައިވެނިތައް

އަނިލް އަންހެނުން ސުނީތާއާ އެކު.

ފިލްމީ ތަރިންނަށް ކާމިޔާބު ކައިވެނީގެ ހަޔާތެއް ބިނާކުރުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. ހާއްސަކޮށް އެކްޓަރުންނަށް ޕްރޮފެޝަނަލް ކެރިއަރާ އެކު ޒާތީ ދިރިއުޅުން ބެލެންސްކުރަން އެހާ ފަސޭހައެއް ނޫނެވެ. މިކަހަލަ މައްސަލަތަކުގައި ރޫޅުނު ކައިވެނިތައް އެހާރާއި މިހާރު ވެސް މަދެއް ނޫނެވެ.

ފަހުގެ ކައިވެނިތަކަށް ބަލައިފިނަ ރޫޅިދާނެ ކަމަށް ބަޔަކު ހީވެސް ނުކުރާ ބައެއް ތަރިންގެ ކައިވެނިތައް ރޫޅިފައިވެ އެވެ. އޭގެ ތެރޭގައި އެކްޓަރު ރިތިކް ރޯޝަނާއި ޑައިރެކްޓަރު/އެކްޓަރު ފަރްހާން އަހްތަރާއި ބަތަލާ ކަރިޝްމާ ކަޕޫރް ފަދަ ތަރިން ނެގިދާނެ އެވެ.

ނަމަވެސް ކާމިޔާބު އަދި ނަމޫނާ ދައްކުވައިދޭ ކައިވެނީގެ ގުޅުންތަކެއް ބޮލީވުޑުން ފެންނަން އެބަހުއްޓެވެ. އެފަދަ ބައެއް ޖޯޑުތަކަށް ބަލައިލަމާ ހިނގާށެވެ.

އަމީތާބާއި ޖާޔާ

މިއީ މިހާރު މާމާ/ކާފަވެފައި ތިބި ދެ ތަރިންނެވެ. ކައިވެނީގެ ކުރީކޮޅު އެކި ކަހަލަ މައްސަލަތައް ހުއްޓެވެ. އެއް ދުވަސްވަރެއްގައި އަމީތާބް ބައްޗަން، 77، އާއި ޖާޔާ ބައްޗަން، 71، ގެ ކައިވެނި ރޫޅީދާނެހެން ވެސް ހީވި އެވެ. އެއީ ރޭކާ އާއި އަމީތާބް ގުޅުން ސީރިއަސްވެގެންނެވެ.

މި ކުޅިގަނޑު އެތައް އަހަރެއް ވަންދެން ދިގު ދެމިގެން ވެސް ދިޔަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ 1981 ގައި ގެނެސްދިން ލޯބީގެ ފިލްމު "ސިލްސިލާ" އަކީ އަމީތާބާއި ޖާޔާ އާއި ރޭކާގެ ގުޅުމަށް ބިނާކޮށް ހެދި ފިލްމެކެވެ. އެ ފިލްމު ކުޅުނީ ވެސް އެ ތިން ތަރިންނެވެ.

އަމީތާބާއި ޖާޔާ ކައިވެނިކުރީ 1973 ގަ އެވެ.

ރިޝީ އާއި ނީޓޫ

މި ވެސް ދެ ތަރިންނެވެ. ރިޝީ ކަޕޫރާއި ނީޓޫ ސިންގް ކައިވެނިކުރީ، ރިޝީ އާއި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ލޯބީގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުން ދިޔަ ދުވަސްވަރެއްގަ އެވެ. އެ ދެ މީހުން ބޮލީވުޑަށް ތައާރަފުވީ ވެސް އެކީގަ އެވެ. އެއީ 1973 ގެ ފިލްމު "ބޮބީ" އިންނެވެ. އަދި ހަމަ އެ އަހަރު ޑިމްޕަލް ވަނީ އޭނާ އަށް ވުރެ އެތައް އަހަރެއް ދޮށި ކުރީގެ ސްޕަސްޓާ ރާޖޭޝް ކަންނާއާ ކައިވެނިކޮށްފަ އެވެ.

ރިޝީ އާއި ނީޓޫ ކައިވެނިކުރީ 1980 ގަ އެވެ. ދެ މީހުންނަށް ދެ ދަރިން ވެސް ލިބި މިހާރު ވަނީ ކާފަ/މާމަ ވެސް ކިޔައިފަ އެވެ. އަންހެން ދަރިފުޅު ރިދިމާ ކަޕޫރް ކައިވެނިކުރި ނަމަވެސް ރިޝީ އާއި ނީޓޫގެ ފިރިހެން ދަރިފުޅު އަދި އެކްޓަރު ރަންބީރު ކަޕޫރް ކައިވެންޏެއް ނުކުރެ އެވެ.

ރިޝީ އާއި ނީޓޫގެ ގުޅުމަކީ ވަރަށް ލޯބި ގުޅުމެކެވެ. މިދިޔަ މަހާ ހަމައަށް ރިޝީ އަހަރެއްހާ ދުވަސްވަންދެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދި އިރު، ނީޓޫގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ލޯތްބާއި އަޅާލުމުގެ ވާހަކަ ރިޝީ އަބަދު ވެސް ދައްކަ އެވެ.

ޝާހްރުކާއި ގޯރީ

ޝާހްރުކް ޚާން 1992 ގައި ބޮލީވުޑަށް ނުކުތް އިރު ވެސް އުޅެނީ ކައިވެނިކޮށްގެންނެވެ. އޭނާ އާއި ގޯރީ ޚާން ކައިވެނިކުރީ 1991 ގަ އެވެ.

މިހާރު ތިން ކުދިން ވެސް ތިބި މި ޖޯޑަކީ ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ ޖޯޑެކެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ލިސްޓުން ޝާހްރުކް ޖާގަ ހޯދައި، ރަސްކަންކުރަމުން ދިޔަ އިރު އޭނާ އަކީ އެތައް އަންހެނުންނެއް ފިދާވަމުން ދިޔަ އެކްޓަރެކެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ޝާހްރުކް ކައިވެނީގެ ބޭރުން އެހެން ސީރިއަސް ގުޅުމެއް ހިންގިކަމުގެ އަޑެއް ނާރަ އެވެ.

ނަމަވެސް "ޑޮން" ސީރީޒްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ޝާހްރުކާ ދެމެދު އަޑި ނޭނގޭ ސިއްރު ގުޅުމެއް ހިންގި ކަމަށް މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ދެކެވިފައި އެވެ. އަދި އެކަމާ ނުރުހިގެން އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ގޯރީ އާއި ޝާހްރުކާ ދެމެދު މައްސަލަތައް ޖެހި އެންމެ ފަހުން އެކަން ނިމުމަކަށް އައީ ޕްރިޔަންކާއާ އެކު ޝާހްރުކް ދެން މަސައްކަތްނުކުރާނެ ކަމަށް ވައުދުވުމުން ކަމަށްވެ އެވެ.

އަޖޭ އާއި ކާޖޮލް

އަޖޭ ދޭވްގަން އާއި ކާޖޮލްއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ދެމަފިރިންނެވެ. މި ދެ ތަރިން ކައިވެނި ކުރި ދުވަސްވަރަށް ބަލާއިރު، އެއީ ކާޖޮލްގެ ފިލްމީ ހަޔާތުގެ އެންމެ ކާމިޔާބު ދުވަސްވަރެވެ. ދެ ތަރިން ކައިވެނިކުރީ 1999 ގަ އެވެ.

ކައިވެންޏަށް ފަހު ފިލްމު ކުޅުން ކާޖޮލް މަދު ވެސް ކުރި އެވެ. އެކަމަކު އަޖޭއަކީ ހަމަ ހުއްޓުމެއް ނެތި ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ އެކްޓަރެކެވެ. މި ދެ މީހުންގެ މިހާރު ދެ ދަރިން ވެސް އެބަތިއްބެވެ. އަޖޭ އާއި ކާޖޮލްގެ ކައިވެނީގައި ކުނިތަކެއް ޖެހުނު ވާހަކަތަކެއް މީޑިއާތަކުގައި އެއްވެސް އިރެއްގައި އެހާ ސީރިއަސްކޮށް ދެކެވިފައެއް ނުވެ އެވެ.

އެކަމަކު އަޖޭ އެއް ދުވަސްވަރެއްގައި ބަތަލާ ކަންގަނާ ރަނާވަތާ މާ ހާއްސަ ގުޅުމެއް ބޭއްވި ކަމުގެ އަޑުތަކެއް އެރި އެވެ. ނަމަވެސް އެއީ މާ ބުރަދަން ހުރި ވާހަކައަކަށް ނުވެ އެވެ.

އަކްޝޭ އާއި ޓްވިންކަލް

އަޖޭ އާއި ކާޖޮލް އަދި އަމީތާބާއި ޖާޔާ ގޮތަށް އަކްޝޭ ކުމާރާއި ޓްވިންކަލް ކަންނާ އަކީ ވެސް ފިލްމީ ތަރިންނެވެ. މި ދެ މީހުން ކައިވެނިކުރީ 2001 ގަ އެވެ. މިހާރު ދެ ކުދިން އެބަތިއްބެވެ.

އަކްޝޭއާ ޓްވިންކަލް ކައިވެނިކުރީ އޭނާގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގަ އެވެ. ނަމަވެސް އަކްޝޭއާ ކައިވެނިކުރުމާ އެކު، ޓްވިންކަލް ވަނީ ބޮޑު ސްކްރީން ދޫކޮށްލައިފަ އެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ޓްވިންކަލްއާ ކައިވެނިކުރުމުގެ ކުރިން އަކްޝޭ އެހެން ބައެއް ބަތަލާއިންނާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުންތަކެއް ބޭއްވި ކަމެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ރަވީނާ ޓަންޑަނާއި ޕޫޖާ ބަޓްރާ ފަދަ ބަތަލާއިން ހިމެނެ އެވެ.

އަކްޝޭ އާއި ޓްވިންކަލްގެ ކައިވެންޏަށް ފަހު، މި ދެ މީހުންގެ ގުޅުމުގައި ކުނި ޖެހުނު ކަމަށް ވަނީ ޕްރިޔަންކާއާ ހެދި އެވެ. ޕްރިޔަންކާގެ ކެރިއަރުގެ ކުރީކޮޅު އެންމެ ގިނަ ފިލްމުތައް ވެސް ކުޅުނީ އަކްޝޭއާ އެކީގަ އެވެ. އޭގެ ނަތީޖާއަކަށްވީ މި ދެ ތަރިން ސިއްރު ގުޅުމެއް ހިންގަން މަގުފަހިވުމެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އަކްޝޭ އާއި ޕްރިޔަންކާގެ ގުޅުމުގައި ސިއްކަ ޖެހުނީ ޓްވިންކަލް ދިން އިންޒާރަކާ ގުޅިގެންނެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ފިރިމީހާ އަށް ޕްރިޔަންކާއާ އެކު ދެން ދުވަހަކު ވެސް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ފިލްމީ ކެރިއަރު ދޫކޮށްލި ނަމަވެސް ޓްވިންކަލްއަކީ އިންޓީރިއާ ޑިޒައިނަރެއް އަދި ލިޔުންތެރިއެކެވެ. އަދި އޭނާއަކީ ބޮލީވުޑްގެ އަނބިންގެ ތެރެއިން އެންމެ ކޫލް އަނބީގެ ގޮތުގައި މީޑިއާތަކުން ސިފަކުރާ މީހެކެވެ.

ސުނިލް އާއި މާނާ

ސުނިލް ޝެޓީ އަކީ ވެސް ބޮލީވުޑަށް 1992 ގައި ނިކުތް އިރު ވެސް ކައިވެނިކޮށްގެން ހުރި މީހެކެވެ. އޭނާ އާއި މާނާ ޝެޓީ ކައިވެނިކުރީ 1991 ގަ އެވެ.

މި ދެ މީހުންނަށް ލިބުނު ދެ ދަރިން ވެސް މިހާރު ތިބީ ޒުވާންނުންނަށްވެ އަމިއްލަ ކެރިއަރު ވެސް ފަށައިފަ އެވެ. އަންހެން ދަރިފުޅު އާތިޔާ ޝެޓީ މީގެ ހަތަރު ކުރިން ފިލްމު ކުޅެން ފެށި އިރު، ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުވާނީ އަންނަ އަހަރު އެވެ. އޭނާ މިހާރު އަންނަނީ މިލަން ލުތުރިއާ ޑައިރެކްޓްކުރާ ފިލްމެއް ކުޅެމުންނެވެ.

ބޮލީވުޑްގައި މާ ކާމިޔާބު އެކްޓަރަކަށް ނުވިޔަސް ކައިވެނީގެ ގޮތުން ބަލާއިރު ސުނިލްއަކީ ވަރަށް ކާމިޔާބު މީހެކެވެ. އޭނާ އާއި މާނާގެ ކައިވެނީގެ ތެރެއަށް ތިން ވަނަ މީހަކު ވަންކަމުގެ އަޑެއް ދުވަހަކު ވެސް ނާރަ އެވެ.

އައިޝްވާރިޔާ އާއި އަބީޝެކް

މި ދެ ތަރިންގެ ކައިވެންޏަކީ ވަރަށް ހީނުކުރާ ކަހަލަ ގޮތަކަށް ކުރެވުނު ކައިވެންޏެކެވެ. އެއް ކަމަކީ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ވެސް ސީރިއަސް އެހެން ގުޅުންތަކެއްގެ ތެރޭގައި ކުރިން އުޅުނު ކަމެވެ.

އަބީޝެކް އެންމެ ފުރަތަމަ އެންގޭޖްވި ތަރިއަކީ ކަރިޝްމާ ކަޕޫރެވެ. ކައިވެނީގެ ތައްޔާރީތައް ދެ ފަރާތުގެ އާއިލާގެ ތެރޭގައި ވަމުން ދަނިކޮށް އެންގޭޖްމަންޓް ފަހުން ވަނީ ރޫޅާލައިފަ އެވެ. އައިޝްވާރިޔާއަކީ ސަލްމާން ޚާނާއި ވިވެކް އޮބެރޯއީ ވަރަށް ސީރިއަސް ގުޅުންތަކެއް ބޭއްވި ބަތަލާއެކެވެ.

މިސް ވޯލްޑްގެ ތާޖް ވެސް ހާސިލުކޮށްފައިވާ އިޝްވާރިޔާ އާއި އަބީޝެކް ކައިވެނިކުރީ 2007 ގަ އެވެ. މިހާރު ދެ މީހުންގެ 8 އަހަރުގެ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ. މި ގުޅުމުގައި އެއްވެސް ވަރެއްގެ ނުތަނަވަސްކަމެއް ނެތެވެ.

ކައިވެނީގެ ހަޔާތް ކާމިޔާބު ނަމަވެސް ދެ ތަރިން މިހާރު ފާހަގަކުރެވީ ފިލްމީ ކެރިއަރު އެހާ ކާމިޔާބު ނޫން ދެ ތަރިންގެ ގޮތުގަ އެވެ.

މި ތަރިންތަކުގެ އިތުރަށް ވެސް ބޮލީވުޑުން ކާމިޔާބު ކައިވެނިތައް ފެންނަން އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ޖޯޑުތަކަށް ބަލާއިރު، ބަތަލާ ސޮނާކްޝި ސިންހާގެ މައިންފައިން ކަމަށްވާ އަދި ކުރީގެ ދެ ތަރިން ކަމަށްވާ ޝަތުރަގަން ސިންހާ އާއި ޕޫނަމް ސިންހާ، ގޯވިންދާ އާއި ސުނީތާ އަހޫޖާ، އަނިލް ކަޕޫރާއި ސުނީތާ ކަޕޫރް، ޗޫހީ ޗާވްލާ އާއި ޖޭ މެހެތާ، މަދޫރީ ޑިކްސިޓާއި ޑރ. ސްރީ ރާމް ނޭނޭ، ސޮނާލީ ބެންޑްރޭ އާއި ގޯލްޑީ ބޭލް، ރަވީނާ ޓަންޑަނާއި އަނިލް މެހެތާ، ވިދިޔާ ބާލަން އާއި ސިދާތު ރޯއި ކަޕޫރް، އިމްރާން ހާޝިމީ އާއި ޕަރްވީން ޝަހާނީ، ވިވެކް އޮބެރޯ އާއި ޕްރިޔަންކާ އަލްވާ، ޖޯން އަބްރަހަމާއި ޕްރިޔާ ރުންޗާލް އަދި ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތު ހިމެނެ އެވެ.

މި ލިސްޓަށް، ދާދި ފަހުން ކައިވެނިކުރި އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ، ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގް އަދި ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ ވެސް އިތުރުކޮށްލެވިދާނެ އެވެ. މި އެންމެންނަކީ ވެސް އަލަތު ކައިވެނި މަތީގައި ސާބިތުވެ ތިބި ތަރިންނެވެ.

3 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 4%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނީ

16 October 2019

އެމީހުންގެ ކައިވެނި ވަރަށް ކުރިން ޓްވިންކަލް މެން ކުޑައިރު ވަނީ ރޫޅިފަ އަދި ވަރަށްފަހަކާ ޖެހެންދެން ރާޖޭޝް ކަންނާ ލިވިންޕާރޓްނަރ އެއްގެ ގޮތުގަ ގެންގުޅުނީ އެހެންމީހެއް އޭނާ މަރުވާން ކައިރިވެފަ ވަނިކޮށް ޑިންޕަލް އަނެއްކާ އޭނާ ކައިރިޔަށް ދިޔައީ އޭރުވެސް އުޅެނީ ވިހިއަހަރު ކުރިން ހިތާވެގެން އުޅުނު ސަނީއާ އެކުގަ މިހާރުވެސް ސަނީއާ ޑޮމްޕަލް އުޅެނީ ދެމަފިރިން ގޮތަށް ދެން މީގަ އެބަހުރި އަދި އެންމެ ދެއަހަރުވީ ކައިވެނިވެސް ލިޔެފަ

The name is already taken The name is available. Register?

ޝާހިދާ

16 October 2019

ދޯ ގަ އިއްޔެ ޝާއިއު ކުރި ރާއްޖޭގެ ނަމޫނާ ކަޕްލްސް ލިސްޓާ މިއާ އަޅާކިޔާލާ. ރާއްޖޭ ކަޕްލްސްގެ ފެންވަރު ފާހަގަ ކުރެވޭނެ. ދިވެހި ކަޕްލްސް އާ ސޯ ވެރީ ފޭކް އެންޑް ބޯރިންގ ޓޫ

The name is already taken The name is available. Register?

ފަރުހާދު

16 October 2019

ކޮބާ ޓްވިންކަލްގެ މަންމަ ޑިމްޕަލް އާއި ރާޖޭޝް ކަންނާ ޢެވެސް ފިލްމީ 2 ތަރިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!