15 ނޮވެމްބަރ 2019 - 08:42
އިންޑިއާގެ ޗެނެލަކުން މިހާރު ދައްކާ އެންމެ ދުވަސްވީ އެއް ސިލްސިލާ، ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ވާހަކަ 20 އަހަރު ކުރިއަށް ޖައްސައިލަން ނިންމާފައިވާތީ، މިހާރު އޭގެ ލީޑް ދެ ތަރިން ސިލްސިލާ އިން ވަކިވާން ނިންމައިފި އެވެ.
މިފަދަ ބަދަލެއް ގެންނަން ނިންމިކަން 2009 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާގެ ޕްރޮޑިއުސަރު ރަޖަން ޝާހީ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް ގެންނަ އެންމެ ބޮޑު ބަދަލު އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އަދި މިފަދަ ބަދަލެއް ސިލްސިލާއެއް ގެންނަ އިރު، ވަކި ތަރިއަކީ މާ މުހިއްމު މީހެއް ނޫން ކަމަށާއި އެންމެ މުހިއްމު ކަމަކީ ސިލްސިލާގެ ވާހަކަ ކަމަށް ބުންޏެވެ.
ރަޖަން ބުނިގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ބޮޑު މަސައްކަތަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރުވަމުން އަންނަ އިރު، މިއީ ގޮންޖެހުން ބޮޑު، އެކަމަކު ބެލުންތެރިންނަށް ގެނެސްދެވޭނެ ވަރަށް ހެޔޮ ބަދަލަކަށް ވާނެ އެވެ.
"މި ބަދަލާ އެކު ސިލްސިލާ، އަންނަ އަހަރުން ފެށިގެން ކުރިއަށްދާނީ ހޮވާލެވޭ ކާސްޓުންތަކަކާ އެކު،" އޭނާ ބުންޏެވެ. "އަދި ކުރިން ހެދުނު ގޯސްތައް ތަކުރާރުނުކުރަން މަސައްކަތްކުރާނަން."
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ވާހަކަ 20 އަހަރު ކުރިއަށް ޖައްސައިލުމާ އެކު، މިހާރު މީގެ ލީޑް ރޯލް ކުޅޭ ޝިވާންގީ ޖޯޝީ (ނައިރާ) އާއި މުހްސިން ޚާން (ކާތިކް) ގެ ކެރެކްޓާތައް ބަދަލުވެގެންދާނީ ޒުވާން ދަރިއެއްގެ މައިންބަފައިންގެ ރޯލަށެވެ. ސިލްސިލާގެ މައިގަނޑު ވާހަކަ މިހާރު އެނބުރެނީ އެ ދެ މީހުންގެ 5 އަހަރުގެ ދަރިފުޅު ކައިރާވް ވަށައިގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޒުވާން ދަރިއެއްގެ މައިންބަފައިންގެ ރޯލް 21 އަހަރުގެ ޝިވާންގީ އާއި 28 އަހަރުގެ މުހްސިން ކުޅެން ބޭނުންނުވާތީ އެ މީހުން ވަނީ ސިލްސިލާ ދޫކޮށްލަން ނިންމައިފަ އެވެ.
މިއީ މިފަދަ ބޮޑު ބަދަލެއް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަންނަ ފުރަތަމަ ފަހަރެއް ނޫނެވެ. ނައިރާ އާއި ކާތިކް ކެރެކްޓާ އުފަންވެގެން އައީ ވެސް މިފަދަ ބަދަލެއްގެ ތެރެއިންނެވެ.
އެއާ އެކު ކުރިން މީގައި ލީޑް ރޯލް ކުޅުނު ހީނާ ޚާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނައިތިކް) ވެސް ވަނީ ބޮޑެތި ދަރިންތަކެއްގެ ރޯލް ކުޅެން ޖެހުމުން ސިލްސިލާ އިން ވަކިވެފަ އެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަކީ ޖެނުއަރީ 12، 2009 އިން ފެށިގެން ދައްކަމުން އަންނަ އިންޑިއާގެ އެންމެ ކާމިޔާބު އެއް ސިލްސިލާ އެވެ. މީގެ 3،040 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ވަނީ ދައްކައިފަ އެވެ. އަދި މި ސިލްސިލާ މިހާތަނަށް އެތައް އެވޯޑެއް ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣފފގބ
16 November 2019
ޢެހެންވީމަ 20 އަހަރު ފަހަތަށް ތާ އެޖައްސަނި ...ކުރިއަކަށް ނޫނެންނު..
ޔޭރިޝްތާ
16 November 2019
ހަމަ ވެދާނެ ދޯ މި ޝޯގެ ސިސޮޓާ ޝޯގެ ލީޕްއެއް ކަމައް. (ޔޭރިޝްތޭހޭ ޕިޔާރް ކީ)
ނަން
15 November 2019
ދުވަހެއް ނުވެ އެއްނު މި އެއްޗެއް ދައްކާތާ. ހުއްޓަާލާކަށް ނުވޭތަ؟؟؟؟؟؟؟ ???
ށަވިޔަނި
15 November 2019
ތިޔަ ޑުރާމާ ގަނޑު ހުއްޓާލާ