ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ، ރާނީ މުކަރްޖީގެ އާ ފިލްމު "މަރުދާނީ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


މިއީ އޭނާ ފުލުހެއްގެ ރޯލް ކުޅުނު 2014 ގެ ކާމިޔާބު ފިލްމު "މަރުދާނީ" ގެ ދެވަނަ ބައެވެ. ކުރީ މި ފިލްމާ އެއްގޮތަށް މި ފަހަރު ވެސް އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުން ހަމަބިމަށް ތިރިކުރަން ހިތްވަރުގަދަ ފުލުހެއްގެ ގޮތުގައި ރާނީ ކުރާ މަސައްކަތްތައް ދައްކުވައިދޭނެ އެވެ. "މަރުދާނީ 2" ގެ ޓްރެއިލާ އިން އެކަން ސާބިތުކޮށްދެ އެވެ.

ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ފިލްމު މި ފަހަރު ޑައިރެކްޓްކޮށްފައި ވަނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭ ލިޔުނު ގޯޕީ ޕުތުރާން އެވެ. "މަރުދާނީ" ޑައިރެކްޓްކުރީ ޕަރްދީޕް ސަރުކާރެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ހިޗްކީ" އަށް ފަހު، ރާނީ ސްކްރީނަށް އަންނަ "މަރުދާނީ 2" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 13 ގަ އެވެ.

"ޕާނިޕަޓް" ގެ ލަވައެއް ދައްކާލައިފި

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ ފިލްމު "ޕާނިޕަޓް" ގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

އަޝުތޯޝް ގޮވަރިކާ ޑައިރެކްޓްކޮށްފައިވާ ތާރީހީ ހަނގުރާމަ ފިލްމުގެ ލަވަތަކުގެ ތެރެއިން ދޫކޮށްލި ފުރަތަމަ ލަވައަކީ "މަރުދު މަރާޓާ" އެވެ. އަޖޭ-އަތުލް މިއުޒިކް ހަދާފައިވާ ލަވައިގެ އަޑުގެވެރިންގެ ތެރޭގައި އެ ދެ މީހުންނާ އެކު ސުދޭޝް ބޯސްލޭ، ކުނާލް ގަންޖާވާލާ، ސްވަޕްނިލް ބަންޑޯޑްކަރް، ޕަދްމަނާ ކައިގްވާޅް އަދި ޕްރިޔަންކާ ބަރްވޭ ހިމެނެ އެވެ. ލަވައިގެ ޅެން ހަދާފައި ވަނީ ޖާވިދު އަޚްތަރެވެ.

"ޕާނިޕަޓް" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަރުޖުން ކަޕޫރާއި ކްރިތީ ސެނަން އާއި ސަންޖޭ ދަތެވެ. އަދި މީގެ ކާސްޓުންގެ ތެރޭގައި ޒީނަތު އަމަން، ޕަދުމީނީ ކޯލަޕޫރީ އަދި މޯނިޝް ބޭލް ފަދަ ތަރިން ހިމެނެ އެވެ.

"ޕާނިޕަޓް" އަކީ ޒުވާން ދެ ތަރިން ކަމަށްވާ އަރުޖުން އާއި ކްރިތީގެ ފުރަތަމަ ތާރީހީ ފިލްމު ވެސް މެ އެވެ. އަދި މިއީ މި ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ގުޑް ނިއުޒް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 27 ގައި ގެނެސްދޭ ފިލްމު "ގުޑް ނިއުޒް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އައިވީއެފްގެ އެހީގައި ދަރިން ހޯދާ އާއިލާއެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ހަދާފައިވާ ފިލްމެކެވެ. "ގުޑް ނިއުޒް" ގެ ލީޑް ތަރިންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ކިއާރާ އަދުވާނީ އެވެ.

މި ފިލްމަކީ ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސްދޭ ހަތަރު ވަނަ ފިލްމެވެ.

"ބޫލް ބުލައްޔާ 2" ގެ ކާސްޓަށް ތައްބޫ

މިހާރު ޝޫޓިން ވެސް ފަށާފައިވާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ރޯލަކަށް ތައްބޫ ސޮއިކޮށްފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެވެ.

މީޑިއާތަކުން ބުނީ އެ ދެ ތަރިންނާ އެކު "ބޫލް ބުލައްޔާ 2" ގެ ވަރަށް މުހިއްމު ރޯލަކުން ތައްބޫ ފެނިގެންދާނެ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ ޖޫން މަހު ރިލީޒްކުރި "ބާރަތު" ގެ ކުޑަކުޑަ ރޯލަކުންނެވެ. ތައްބޫ ވަނީ ކުރިން ވެސް ހޮރޯ-ކޮމެޑީއެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ރޯހިތު ޝެޓީ 2017 ގައި ގެނެސްދިން "ގޯލްމާލް އެގެއިން" އެވެ.

ތައްބޫގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން"، ކަންގަނާ ރަނާވަތުގެ "ދާކަޅު"، މީރާ ނައިރްގެ "އަ ސޫޓަބަލް ބޯއި" ހިމެނެ އެވެ.

"ބޫލް ބުލައްޔާ 2" އަކީ އަންނަ އަހަރުގެ ޖުލައި 31 ގައި ރިލީޒްކުރާ ފިލްމެކެވެ.

"ދަ ބިގް ބުލް" ގެ ރޯލަކަށް ނިކިތާ

އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، އަބީޝެކް ބައްޗަން ބަތަލުގެ ރޯލް ކުޅޭ ފިލްމު "ދަ ބިގް ބުލް: އޭން އަންރިއަލް ސްޓޯރީ" ގެ ރޯލަކަށް ނިކިތާ ދައްތާ ސޮއިކޮށްފި އެވެ.

ދާދި ފަހުން ރިލީޒްކުރި ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" ވެސް ރޯލެއް ކުޅުނު ނިކިތާ އަކީ ޓީވީ ސިލްސިލާތަކުން ވެސް ފެންނަ ބަތަލާއެކެވެ. "ދަ ބިގް ބުލް" ގެ ކާސްޓުންގެ ތެރޭގައި އިލިއާނާ ޑި ކްރޫޒާއި ސޯރަބް ޝުކްލާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ 90 ގެ އަހަރުތަކުގައި އިންޑިއާ އަށް ކުރިމަތިވި މާލީ އަޑިގުޑަންތަކާއި އެއިން އަރައިގަތުމަށް ކުރި މަސައްކަތްތަށް ބިނާކޮށް ކޫލީ ގްލާޓީ ޑައިރެކްޓްކުރާ ފިލްމެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޝޫޓިން ފެށި "ދަ ބިގް ބުލް" އަކީ 85 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.