އިންޑިއާގައި ފިލްމު ޝޫޓިންތައް ނުފަށަން ގޮވާލައިފި

ކޮރޯނާވައިރަހާ ހެދި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ތެރޭގައި އިންޑިއާގެ އެއްވެސް ފިލްމީ މަސައްކަތެއް ނުފެށުމަށާއި މި ވަގުތު އެކަން ކޮށްފި ނަމަ އެއީ އަމިއްލަ އަށް ކަށްވަޅުކޮނުން ކަހަލަ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން ބުނެފި އެވެ.


އެތަނުން މި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ފިލްމީ މަސައްކަތްތައް އަލުން ފަށާ އިރު، އަމަލުކުރާނެ ގޮތުގެ ގަައިޑްލައިންތަކެއް ވެސް މިދިޔަ ހަފުތާގައި އާންމުކޮށްފައި ވަނިކޮށް، ބައެއް ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތް ފަށަން ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތައްޔާރުވަމުން އަންނާތީ އެވެ.

މިކަމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ އޮތް ބޮލީވުޑް ވިލަރެސްކުރާ ވަރަށް ގިނަ ބޮޑީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ދޭ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުން ވެސް ބޯލެނބުމަށް އިލްތިމާސްކުރަމުންނެވެ.

އޭގެ ތެރޭގައި ސިނެ އެންޑް ޓީވީ އާޓިސްޓްސް އެސޯސިއޭޝަން (ސިންޓާ) އާއި އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް (އައިއެމްޕީޕީއޭ) ގެ އިތުރުން އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް ކައުންސިލް (އައިއެފްޓީޕީސީ) ގެ އިތުރުން ވެސްޓާން އިންޑިއާ ފިލްމު ޕްރޮޑިއުސާޒް އެސޯސިއޭޝަން (ޑަބްއައިއެފްޕީއޭ) ހިމެނެ އެވެ.

"މުމްބާއީ އަކީ އަދި ވެސް ރެެޑް ޒޯނެއްގެ ގޮތުގައި އޮތް ތަނެއް. އެހެންވީމަ މި ތަނުގައި ފިލްމީ އެއްވެސް މަސައްކަތެއް ފެށިގެން ނުވާނެ. އަދި އެ ފުރުސަރު އެއްވެސް ފަރާތަކުން ދީގެން ވެސް ނުވާނެ،"

އެފްޑަބްލިއުއައިސީއީގެ ޖެނެރެލް ސެކްރެޓަރީ އަޝޯކް ޑޫބޭ ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފިލްމީ މަސައްކަތްތައް މި ހާލަތުގައި ފަށައިގެން ނުވާނެ ކަމަށެވެ. އަދި މިކަމަށް މަސައްކަތްކުރެވޭނީ ފިލްމީ ދާއިރާ ތަމްސީލުކުރާ ހުރިހާ ބޮޑީތަކެއް އެކައްޗެއް ކިޔައިގެން، އެއްގޮތަކަށް އަމަލުކޮށްގެން ކަމަށް ވިދާޅުވި އެވެ.

އަޝޯކް ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރެވި ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ކަނޑަޅައި، ފިލްމީ ދާއިރާގެ މަސައްކަތްތައް ގާތުން ބަލަން ޖެހޭ ކަމަށެވެ.

"މުމްބާއީ އަކީ އަދި ވެސް ރެެޑް ޒޯނެއްގެ ގޮތުގައި އޮތް ތަނެއް. އެހެންވީމަ މި ތަނުގައި ފިލްމީ އެއްވެސް މަސައްކަތެއް ފެށިގެން ނުވާނެ. އަދި އެ ފުރުސަތު އެއްވެސް ފަރާތަކުން ދީގެން ވެސް ނުވާނެ،" އޭނާ ވިދާޅުވި އެވެ. "މިކަން މިގޮތަށް ކޮށްފި ނަމަ މިއީ އަމިއްލަ އަށް ކަށްވަޅު ކޮނުން ކަހަލަ ކަމަކަށްވާނީ."

އަޝޯކް ވިދާޅުވި ގޮތުގައި ސަރުކާރުން ވެސް ފިލްމީ ދާއިރާގެ ކަންކަން ބަލަން ޖެހެ އެވެ. އަދި އަލުން މަސައްކަތް ފެށުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަން ޖެހެ އެވެ.

"މި ދަނޑިވަޅުގައި ޝޫޓިންތައް ފަށައިފި އެއީ އަމިއްލަ އަށް ކަށްވަޅު ކޮނުން ކަހަލަ ކަމަކަށްވާނީ."

އަލަށް އާންމުކުރި ބައެއް ގައިޑްތަކުގެ ތެރޭގައި ފިލްމީ ސެޓްތަކުގައި ވީހާ ވެސް މަދުން މީހުން އުޅުމާއި ރައްކާތެރިކަމުގެ ގޮތުން ހުރިހާ އެންމެން ވެސް މާސްކާއި އަންގި ބޭނުންކުރުމާއި ވީހާ ވެސް ބޮޑަށް ގައިދުރުކޮށް ބެހެއްޓުމާއި ތޮއްޖެހުން ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރޭވުން ހިމެނެ އެވެ. އަދި ތަރިން ވެސް ސެޓްތަކަށް ދާ އިރު، ގޭގައި މޭކަޕްކޮށްގެން ދިއުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ތިބުން ފަދަ ކަންކަން ކުރުން ހިމެނެ އެވެ.

އިންޑިއާގެ ލޮކްޑައުނާ އެކު އިންޑިއާގެ ފިލްމު އިންޑަސްޓްރީ މާޗް މަހުގެ ތެރޭގައި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން ސިނަމާތައް ބަންދުކޮށް، ފިލްމުތައް ދެއްކުން ހުއްޓާލައި، ފިލްމީ ޓީވީ އުފެއްދުންތަކުގެ ހުރިހާ ޝޫޓިންތަކެއް ވަނީ ހުއްޓާލައިފަ އެވެ. އަދި މީގެ ސަބަބުން ދަނީ މާލީ ގެއްލުންތައް ލިބެމުންނެވެ. އޭގެ ތެރޭގައި ދުވަހު މުސާރަ އަށް ފިލްމީ މަސައްކަތްކުރާ މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތުމާއި ފިލްމުތައް ރިލީޒްނުކުރެވި، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ބޮޑެތި ގެއްލުންތައް ލިބުން ހިމެނެ އެވެ.

ލޮކްޑައުނާ ހެދި ބޮލީވުޑްގެ މި އަހަރުގެ ފިލްމީ ކަލަންޑަރު ހަރާބުވެފައިވާ އިރު، މި ހާލަތުން އަރައިގަނެވޭނެ އިރެއް ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.