"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެކަމުގެ އިޝާރާތެއް

ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން ނިންމައި ފަސްކޮށްފައިވާ ދެ ފިލްމު ކަމަށްވާ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެކަމުގެ އިޝާރާތެއް އެ ދެ ފިލްމު ޕްރޮޑިއުސްކުރުމުގައި ހިއްސާވި ރިލަޔަންސް އެންޓަޓައިންމަންޓުން ދީފި އެވެ.


އެތަނުގެ ސީއީއޯ ޝިބާޝިސް ސަރުކާރު މީޑިއާތަކަށް ބުނީ އަދިވެސް އެ މީހުންގެ އުންމީދަކީ މި އަހަރުގެ ތެރޭގައި ދެ ފިލްމު ސިނަމާތަކުގައި އަޅުވަން ފުރުސަތު ލިބޭނެ ކަމަށެވެ.

"އެހެންވެ ދިވާލީ [ނޮވެމްބަރު މަހުގެ ތެރޭގައި މެދުތެރެ] ނުވަތަ ކްރިސްމަސް އަށް ވުރެ (ޑިސެމްބަރު މަހުގެ ފަހުކޮޅު] އަށް ފަސްކުރާކަށް ބޭނުމެއް ނޫން. ފިލްމުތައް ރިލީޒްނުކުރެވި ލަސްވާ ކަމަށް ވަންޏާ އިތުރު ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހޭނެ،" އޭނާ ބުންޏެވެ. "އެހެންވެ ދެ ފިލްމު ދިވާލީ އާއި ކްރިސްމަސްއާ ދޭތެރޭ ސިނަމާތަކަށް ގެނެވޭނެ ކަމަށް އުންމީދުކޮށްގެން މި ތިބެނެނީ."

"ޑިޖިޓަލްކޮށް ފިލްމުތައް ޕްރިމިއާކުރާނީ އެ ނޫން އޮޕްޝަނެއް މި އަހަރު ނެތްކަން ކަށަވަރުވާ ހާލަތަށް ދިޔައިމަ."

ކޮވިޑް-19 އާ ހެދި އިިންޑިއާގައި މާޗް މަހު އިއުލާންކުރި ލޮކްޑައުންއާ އެކު އެ ގައުމުގެ ހުރިހާ ސިނަމާތަކެއް ބަންދުކޮށްފައިވާތާ މިހާރު ހައެއްކަ މަސް ވެއްޖެ އެވެ. އަނެއްކޮޅުން ސިނަމާތައް ހުޅުވާނެ އިރެއް ކަށަވަރުނުވާ އިރު، ފިލްމީ ދާއިރާގެ މީހުން ލަފާކޮށްގެން ތިބީ އޮކްޓޯބަރު މަހުގެ ކޮންމެވެސް ހިސާބެއްގައި އަލުން ސިނަމާތައް ހުޅުވޭނެ ކަމަށެވެ. އެކަމަކު މިއާއެކު އެންމެ ބޮޑަށް އުފެދިފައިވާ ސުވާލަކީ ކުރިއެކޭ އެއްގޮތަށް އާންމުން ސިނަމާތަކަށް ވަންނާނެތޯ އެވެ؟

ޝިބާޝިޝް ބުނީ ސިނަމާތައް ބަންދުކޮށްގެން މާ ގިނަ ދުވަހު ތިވެންވެއްޖެ ފިލްމީ ވިޔަފާރި އެއްކޮށް ހަލާކުވެދާނެ ކަމަށެވެ. އެހެންވެ ޓެސްޓްކުރުމުގެ ގޮތުން ވެސް ސިނަމާތައް ހުޅުވުމާ ދޭތެރޭ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށް ބުންޏެވެ.

އޭނާ ބުނީ އެކަމުގެ އިޝާރާތެއް ނުލިބޭތީ "ސޫރިޔާވަންޝީ" އާއި "3" ޑިޖިޓަލްކޮށް ޕްރިމިއާކުރަން ހުރި ފުރުސަތުތައް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ ދެ ފިލްމަކީ ވެސް ބޮޑު ބޮޑު ދެ ފިލްމުވާތީ އާދައިގެ އަގުތަކަކަށް ޑިޖިޓަލް ރައިޓްސް ވިއްކައެއްނުލާނެ އެވެ. އެހެންވެ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކާ އެކު ކުރިއަށްދާން ވިސްނުން ހުރި ކަމަށް ޝިބާޝިސް ބުންޏެވެ.

"ޑިޖިޓަލްކޮށް ފިލްމުތައް ޕްރިމިއާކުރާނީ އެ ނޫން އޮޕްޝަނެއް މި އަހަރު ނެތްކަން ކަށަވަރުވާ ހާލަތަށް ދިޔައިމަ." އޭނާ ބުންޏެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ސޫރިޔާވަންޝީ" އަކީ ކުރިން މާޗް 24 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. އަދި ކަބީރު ޚާން ޑައިރެކްޓްކުރި "83" އަކީ އެޕްރީލް 10 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ.

ސިނަމާތައް ބަންދުކުރުމާ ގުޅިގެން މިހާރު ވެސް ބައެއް ފިލްމުތައް އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުން ޕްރިމިއާކޮށްފައިވާ އިރު، އަދިވެސް ގިނަ ފިލްމުތަކެއް ޕްރިމިއާކުރަން އެބަހުއްޓެވެ. ހިންދީ ބޮޑެތި ފިލްމުތައް ޑިޖިޓަލްކޮށް ޕްރިމިއާކުރަމުން އަންނަ ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އާއި ނެޓްފްލިކްސްގެ އިތުރުން ޑިޒްނީ ޕްލަސް ހޮޓްސްޓާ ހިމެނެ އެވެ.