ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދަތު ދުބާއީ އަށް

މިދިޔަ މަހުން ފެށިގެން ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު އަންގާރަ ދުވަހު ދުބާއީ އަށް ހިނގައްޖެ އެވެ.


އަންހެނުން މަންޔަތާ ދަތާ އެކު ދަތުރުމަތީގައި ނަގާފައިވާ ފޮޓޯއެއް މަންޔަތާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފަ އެވެ. މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި ކީމޯތެޕަރީ ފަރުވާގެ ފުރަތަމަ މަރުހަލާ ސަންޖޭ ނިންމާފައިވާ އިރު އޭނާ ދުބާއީ އަށް ފުރައިގެން ދިޔަ އިރު ހަގު ދެ ކުދިން ތިބީ މަންޔަތާގެ އާއިލާގެ ބަޔަކާ އެކު އެ ގައުމުގަ އެވެ.

ކޮވިޑް-19 އާ އެކު އިންޑިއާގައި މާޗް މަހު ލޮކްޑައުން އިއުލާންކުރި އިރު މަންޔަތާ ވެސް ހުރީ ދަރިންނާ އެކު ދުބާއީގަ އެވެ. އަދި އޭނާ އެނބުރި މުމްބާއީ އަށް އެކަނި ދިޔައީ ސަންޖޭ ފުއްޕާމޭގެ ކެންސަރު ޖެހުނުކަން އެނގުމާ ގުޅިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސަންޖޭ 10 ވަރަކަށް ދުވަހު ދުބާއީގައި ހޭދަކުރާ އިރު އެތަނުގައި ވެސް އޭނާ ބައްޔާ ގުޅޭ ޓެސްޓްތަކެއް ހަދާނެ އެވެ. ދާދި ފަހުން ސަންޖޭ ވަނީ އެމެރިކާ އިން ފަރުވާ ހޯދަން އެ ގައުމުން ފަސް އަހަރުގެ ވިސާ ވެސް ހޯދައިފަ އެވެ. މީޑިއާތަކުން ބުނީ ސަންޖޭ އެމެރިކާ އަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

ސަންޖޭ، 61، ބަލިވި އިރު އޭނާ މަސައްކަތް ފަށާފައި އޮތް ފަސް ފިލްމެއްގެ މަސައްކަތް ނުނިމި އޮތެވެ. އޭގެ ތެރެއިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ގެ ނުނިމި ހުރި މަސައްކަތްތައް މި މަހުގެ ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ޑައިރެކްޓަރު ކަރަން މަލްއުތުރާ ގެނެސްދޭ އެ ފިލްމުގެ ކާސްޓްގައި ރަންބީރް ކަޕޫރާއި ވާނީ ކަޕޫރް ވެސް ހިމެނެ އެވެ.

މިދޔަ މަހު ރިލީޒްކުރި "ސަޅަކް 2" އިން ފެނިގެން ދިޔަ ސަންޖޭގެ ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީޒްވާނީ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އެ ފިލްމުގައި އަޖޭ ދޭވްގަނާއި ސޮނާކްޝީ ސިންހާ ވެސް ހިމެނެ އެވެ.