އަޖޭގެ ދަރިފުޅަ އުފަންދުވަހު ގަސް އިންދުމުން މޯދީގެ ތައުރީފު

އެކްޓަރު އަޖޭ ދޭވްގަންގެ ފިރިހެން ދަރިފުޅުގެ 10 ވަނަ އުފަން ދުވަސް ފާހަގަކުރަން ގަސް އިންދާފައިވާތީ އެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތައުރީފު ކުރައްވައިފަ އެވެ.


އަޖޭ އާއި ބަތަލާ ކާޖޮލްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅު ޔުގް ދޭވްގަން އަށް 10 އަހަރު ފުރުނީ މި މަހުގެ 13 ގަ އެވެ. އަދި އެ ދުވަހު ޔުގް ގަސްތަކެއް އިންދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އަޖޭގެ ދެމަފިރިން ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

ކުޑަކުއްޖެއްޖެ އުފަން ދުވަސް ފާހަގަކުރަން ގަސް އިންދުމުން އެކަމަށް ތައުރީފުކޮށް ބޮޑުވަޒީރު ހިތްވަރު ދެއްވީ ބުރާސްފަތި ދުވަހު ފާހަގަކުރި މޯދީގެ 70 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ޓްވިޓާ އިން އަޖޭ ފޮނުވުމާ ގުޅިގެންނެވެ.

އެކަމަށް ޝުކުރު އަދާކުރައްވައި މޯދީގެ ޓްވީޓްގައި ވިދާޅުވީ ދުނިޔޭގެ ހިމާޔަތަށްޓަކައި ކުޑަކުއްޖަކު ގަސް އިންދުމަކީ ވަރަށް ވެސް ރަނގަޅު މިސާލެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހޭލުންތެރިވުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މޯދީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން މިހާރު ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ އިރު އިންޑިއާ އަކީ ސާފު ރީތި އަދި ފެހި ގައުމަކަށް ހެދުމަށް ހާއްސަ ކެމްޕޭންތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

އަޖޭގެ ދަރިފުޅުގެ މަސައްކަތް ފާހަގަކޮށް މޯދީ ހިތްވަރު ދެއްވި އިރު، އޭނާ އަކީ އަޖޭގެ އާއިލާއާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެގޮތުން އަޖޭގެ ބައްޕަ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަން މެއި 27، 2019 ގައި މަރުވުމުން މޯދީ އެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެ ހިތްވަރުގެ ސިޓީއެއް ވެސް ފޮނުއްވި އެވެ.