އިންޓަނެޓް ރަނގަޅުކުރަން ސޯނޫ ސޫދުގެ އެހީގައި އެންޓަނާއެއް ޖަހައިފި

އެކި ގޮތްގޮތުން އިންޑިއާގެ ރައްޔިތުންނަށް އެހީވަމުން އަންނަ އެ ގައުމުގެ އެކްޓަރު ސޯނޫ ސޫދު ޗަންދީގަޅްގެ އަވަށެއް ކަމަށްވާ މޯރްނީގެ އިންޓަނެޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓަވަރެއް ޖަހައިދީފި އެވެ.


މީޑިއާތަކުން ބުނީ މި ދުވަސްވަރު ދަރިވަރުން އޮންލައިންކޮށް ކިޔަވަން ޖެހިފައިވާ އިރު މޯރްނީގެ ދަރިވަރުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ. ސަބަބަކީ އެތަނުގެ އިންޓަނެޓް ވިއުގެ ބަލިކަށިވުމުގެ ސަބަބުން އިންޓަނެޓް ސްލޯވުމާއި ކެނޑޭ މައްސަލަ ބޮޑުވުމެވެ. އެހެންވެ އެކަން ހައްލުކޮށް ދިނުމުގެ ގޮތުން ސޯނޫގެ އެހީގައި ޓަވަރު ޖަހައިދިނީ މޯރްނީ އަށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނި ކަމަށްވާ އެއާޓެލް އާއި އިންޑަސް ޓަވާޒްގެ ވިއުގައިގެ ތެރެއިންނެވެ. މި މަސައްކަތުގައި ސޯނޫއާ އެކު ބައިވެރިވީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށްވާ ކަރަން ގިލްހޯތްރާ އެވެ.

ސޯނޫގެ ސަމާލު ކަމަށް އިންޓަނެޓްގެ މައްސަލަ އައީ ޗަންދީގަޅް ޑަޕާނާ އަވަށުގެ ދަރިވަރަކު އިންޓަނެޓް ކަނެކްޝަން ހޯދަން ގަހަކަށް އަރައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އޭނާ ޓެގްކުރި ހިސާބުންނެވެ. އެއާ އެކު އެކަން ހައްލުކޮށްދޭން އޭނާ ވަގުތުން މަސައްކަތް ފެށީ އެވެ.

ސޯނޫ ބުނީ ކިޔަވާ ކުދިންނަކީ ގައުމުގެ ކުރިމަގު ކަމަށްވާތީ އެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ޖެހޭ ކަމަށެވެ.

"އިންޑިއާގެ ހުރިހާ ހިސާބެއްގެ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ލިބެންވާނެ. އިންޓަނެޓް ނުލިބުން ފަދަ މައްސަލަތަކާ ހެދި ކިޔަވާ ކުދިން އެކަމުން މަހުރޫމުވެގެން ނުވާނެ،" އޭނާ ބުންޏެވެ. "އަހަންނަށްވީ ވަރަކުން އަބަދު ވެސް ދަރިވަރުންގެ ދަތިތަކަށް ހައްލު ހޯދައިދޭނަން. އަދި ޗަންދީގަޅު ކަނެކްޓިވިޓީ ރަނގަޅުކުރަން ޓަވަރެއް ޖެހުމަކީ ލިބޭ ޝަރަފެއް ވެސް މެ."

ދާދި ފަހުން ސޯނޫ ވަނީ ޗަންދީގަޅްގެ ސަރުކާރުގެ ސްކޫލެއްގެ ދަރިވަރުންތަކަށް ސްމާޓްފޯނު ވެސް ހަދިޔާކޮށްފަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ވަނީ މާލީ ތަނަވަސްކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ހިލޭ މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޔުނިވަސިޓީތަކަކާ ގުޅިގެން ސްކޮލަޝިޕް ސްކީމެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ސްކޮލަޝިޕް ޕްރޮގްރާމް ތައާރަފުކުރީ ސޯނޫގެ މަންމަ ޕްރޮފެސަރު ސަރޯޖް ސޫދުގެ ނަމުގަ އެވެ.

އިންޑިއާގެ ރައްޔިތުންނަށް އަމިއްލަ ގޮތުން ސޯނޫ ވަމުން އަންނަ އެހީތަކާ ގުޅިގެން މިދިޔަ މަހު ޔޫއެންޑީޕީން ވަނީ އޭނާ އަށް ސްޕެޝަލް ހިއުމަނިޓޭރިއަން އެކްޝަން އެވޯޑް ވެސް ދީފަ އެވެ.