ކޮވިޑް-19 ގެ ބަލިމަަޑުކަމުގެ ތެރޭގައި އިންސާނިއްޔަތަށްޓަކައި އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު އެ ގައުމުގެ އާންމުންނަށް ވާން ފެށި އެހީގެ އަގު ވަޒަންކޮށް ޔޫއެންޑީޕީން އެވޯޑެއް ދީފި އެވެ.

އޭޭނާގެ ހިދުމަތްތައް ފާހަގަކޮށް ޔޫއެންޑީޕީން ދިނީ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) "ސްޕެޝަލް ހިއުމަނިޓޭރިއަން އެކްޝަން އެވޯޑް" އެވެ.

"މިއީ ވަަރަށް ބޮޑު ޝަރަފެއް. އަމިއްލަ ހައިސިއްޔަތުން ގައުމުގެ ރައްޔިތުންނަށް ހިދުމަތްކުރުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިކަމުގައި ދެމިހުންނާނަން. އިންސާނިއްޔަތަށްޓަކައި ވެވޭ ކިތަންމެ ކުޑަކުޑަ އެހީ އަކީ ވެސް ބައެއްގެ ދިރިއުޅުން ބަދަލުކޮށްލެވިދާނެ ކަމެއް." ޔޫއެންޑީޕީ އަށް ޝުކުރު އަދާކުރަމުން ސޯނޫ ބުންޏެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުގެ ފިލްމުތައް ވެސް ކުޅޭ 47 އަހަރުގެ ބަތަލު ބުނި ގޮތުގައި ޔޫއެންޑީޕީން ލިބުނު އެވޯޑް ވަރަށް ވެސް ހާއްސަ އެވެ. އެ އެވޯޑް ސޯނޫ އަށް ލިބުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި މަރުހަބާ ކިޔަމުންނެވެ.

ސޯނޫ ބުނީ ޔޫއެންޑީޕީގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ކުރެވޭ މަސައްކަތާ ގުޅުވައިގެން އޭނާ އަށް އެ ޖަމިއްޔާ އިން ދިން އެވޯޑަކީ ގައުމުގެ ރައްޔިތުން ދިން ލޯބީގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ.

"އެ މީހުންނާ ނުލައި މި އެވޯޑް އަހަންނަށް ނުލިބުނީސް،" ސޯނޫ ބުންޏެވެ.

އާންމުކޮށް ފިލްމުތަކުގައި ނެގަޓިވް ރޯލްތައް ކުޅޭ ސޯނޫ އަށް ޔޫއެންޑީޕީގެ އެވޯޑް ދިނީ ވާޗުއަލްކޮށް ބޭއްވި ހަފުލާއެއްގަ އެވެ.

ސޯނޫ އަށް އެވޯޑް ދިނުމުގައި އެންމެ ބޮޑަށް ރިއާޔަތްކޮށްފައި ވަނީ ކޮވިޑް-19 ގެ ތެރޭ މާޗް މަހުގެ ފަހުކޮޅު އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައި ދަތުރުފަތުރުގެ ސަބަބުން އިންޑިއާގެ އެކިއެކި ސްޓޭޓްތަކުގައި ތާށިވި މީހުންނާއި ގައުމުން ބޭރުގައި ކިޔަވަން ތިބި ދަރިވަރުން، އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައިދޭން ފެށި މަސައްކަތަށެވެ. ސޯނޫ ވަނީ އަމިއްލަ ހަރަދުގައި ރޭލާއި ބަހާއި ޗާޓަރު ފްލައިޓްތަކުގައި ވެސް އެތައް ހާސް ބަޔަކު އަމިއްލަ ވަޒަނަށް ފޮނުވައި ދީފަ އެވެ. މީގެ އިތުރުން ވެސް ލޮކްޑައުންގެ ތެރޭގައި އެކި ގޮތްގޮތުން ހާލުގައި ޖެހުނު އެތައް ބަޔަކަށް އެހީވެފައިވެ އެވެ.

އޭގެ ތެރޭގައި ބޭސް ފަރުވާކޮށް ދިނުމާއި އަސާސީ ބައެއް ތަކެތި ހޯދައި ދިނުމާއި ދަރިވަރުންގެ ކިޔެވުމުގެ ފީ ހަމަޖައްސައި ދިނުން ފަދަ ކަންކަން ހިމެނެ އެވެ. މިދިޔަ މަހު ސޯނޫ ވަނީ އޭނާގެ މަންމަގެ ނަމުގައި ސްކޮލަޝިޕް ސްކީމެއް ވެސް ތައާރަފުކޮށް މާލީގޮތުން ފުދުންތެރިކަން ކުޑަ އާއިލާތަކުގެ ދަރިވަރުންނަށް ހިލޭ ކިޔުވުމުގެ ފުރުސަތު ވެސް ދޭން ނިންމައިފަ އެވެ.

އިންސާނިއްޔަށް ވާން ފެށި އެހީއާ އެކު އިންޑިއާގެ ބައެއް ސްޓޭޓް ސަރުކާރުތަކުން ވެސް ސޯނޫގެ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދީފައި ވެ އެވެ. އަދި އިންޑިއާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ބާރަތު ރަތުނާ އެވޯޑް ވެސް އޭނާ އަށް ދޭން ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.