ސޯނޫ ސޫދު ހިލޭ ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި

މާލީ ގޮތުން ފުދުންތެރި ނޫން އާއިލާތަކުގެ ދަރިވަރުންގެ މަތީ ތައުލީމަށް ސްކޮލަޝިޕްތަކެއް ދޭން ނިންމައި އެ ޕްރޮގްރާމަށް ކުރިމަތިލާން އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ހުޅުވާލައިފި އެވެ.


ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކުރިމަތިލާން، އެކި ދާއިރާތަކުން ހުޅުވާލި ސްކޮލަޕްޝިޕް ޕްރޮގްރާމަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ އެކްޓަރުގެ މަންމަ ޕްރޮފެސަރު ސަރޯޖް ސޫދުގެ ނަމުގައި ހުޅުވާލި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ސްކޮލަޝިޕް ދޭން ނިންމާފައިވާ ދާއިތަކުގެ ތެރޭގައި މެޑިސިން، އިންޖިނިއަރިން، ލޯ، ހޮޓެލް މެނޭޖްމަންޓް، އެއާލައިންސް އެންޑް ޓޫރިޒަމް، ހެލްތުކެއާ ސައިންސް، ޕެރަމެޑިކަލް ސައިންސް، އެގްރިކަލްޗާ، އެމްބީބީއެސް، މެނޭޖްމަންޓް ސްޓަޑީޒް، ޖާނަލިޒަމް، ފެޝަން، އެޑިއުކޭޝަން އެންޑް ޓެކްނޮލޮޖީ، ސައިބަސެކިއުރިޓީ އަދި ބިޒްނެސް ސްޓަޑީޒް ފަދަ އެތައް ދާއިރާއެއް ހިމެނެ އެވެ.

މި ދާއިރާތަކުން ސްކޮލަޝިޕްތަކަށް ކުތިމަތިލެވޭނީ އަހަރަކު ދެ ލައްކަ ރުޕީސް އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކުގެ ދަރިވަރުންނަށެވެ. ކިޔެވުމުގެ ހުރިހާ ހަދަރެއް ސޯނޫގެ ފަރާތުން ދޭ ސްކޮލަޝިޕްތަކުގެ މައިގަނޑު ޝަރުތަކީ ކުރިމަތިލާ ދަރިވަރުންނަކީ ތައުލީމީ ފެންވަރު ރަނގަޅު ދަރިވަރުންނަށްވުމެވެ.

ސޯނޫ ބުނީ އެޕްލައިކުރާ ކުދިންނަށް އޭނާގެ ޓީމުން އިތުރު މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމާ އެކު ސޯނޫ، 47، އަންނަނީ އެކި ގޮތްގޮތުން މީސްމީހުންނަށް އެހީވަމުންނެވެ. މިއާ އެކު އާންމުންގެ މެދުގައި ސޯނޫ އަށް ވަނީ ފިލްމު ކުޅެގެން ނުލިބޭ ވަރުގެ ބޮޑު މަޝްހޫރުކަމެއް ލިބިފަ އެވެ. އަދި އިންޑިއާގެ ގިނަ ބަޔަކު މިހާރު އޭނާ ސިފަކުރަނީ ހަގީގީ ހީރޯއެއްގެ ގޮތުގަ އެވެ.