އީލޮން މަސްކް.
15 ޖޫން 2022 - 07:11
ޓުވިޓާ ގަންނަން ނިންމާފައިވާ މަޝްހޫރު މަހުޖަނު އީލޮން މަސްކް، ފުރަތަމަ ފަހަރަށް އެ ކުންފުނީގެ މުވައްޒަފުންނާ އެކު ބައްދަލުވުމެއް ބާއްވަން ނިންމަވައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ބައްދަލުވުމުގައި މަސްކް ވަނީ ޓުވިޓާގެ މުވައްޒަފުންނަށް ސުވާލުކުރުމަށް ފުރުސަތު ދޭން ވެސް ނިންމަވައިފަ އެވެ.
މަސްކް ޓުވިޓާގެ މުވައްޒަފުންނާ ބައްދަލުކުރައްވަން ބޭނުންވާކަން އެންގީ، އެ ކުންފުނީގެ ސީއީއޯ ޕަރަގް އަގަރްވާލް މިދިޔަ ހޯމަ ދުވަހު ހުރިހާ މުވައްޒަފުންނަށް ފޮނުއްވެވި އީމެއިލެއްގަ އެވެ. އަދި މަސްކްއާ އެއްވެސް ސުވާލެއް ކުރަން ބޭނުންވާ ނަމަ، އެ ބައްދަލުވުމުގެ ކުރިން ސުވާލުތައް ފޮނުވުމަށް ވެސް އެންގެވި އެވެ.
ޓުވިޓާ ގަންނަން މަސްކް ނިންމެވިޔަސް އަދި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެއް ނުވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓުވިޓާގައި ހުންނަ ފޭކް އެކައުންޓްތަކާ ގުޅޭ ޑާޓާތައް ނުދީފި ނަމަ، އެ އެއްބަސްވުމުގައި ސޮއިނުކުރައްވާނެ ކަމުގެ އިންޒާރު ވެސް މަސްކް ދެއްވާފައިވެ އެވެ. އެ ޕްލެޓްފޯމު ގަތުމަށް ފަހު، އޭގައި ހުންނަ ފޭކް އެކައުންޓްތައް ހުއްޓުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy