މީރުވަސް ދުވާ އެކި ވައްތަރުގެ އެއްޗެހި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުންކުރެ އެވެ. ބައެއް މީހުން ސެންޓު ޖަހަނީ ގައިން ނުބައި ވަހެއް ދުވާފާނެތީ އެވެ. އަނެއްބަޔަކު ސެންޓު ޖަހަނީ މީރުވަސް ދުވުމުން އެ ލިބޭ ހިތްހަމަޖެހުމަށެވެ. މީހުންނަށް ވަސް ދައްކަން ބޭނުންވާތީ ސެންޓު ޖަހާ މީހުން ވެސް އުޅެ އެވެ.
ނަމަވެސް މީހަކު ލައިގެން އުޅޭ ކޮލޯނެއް ފަދަ އެއްޗެއްގެ ވަސް ޖެހިގެން ބަލިވެދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ސައިންސްވެރިން ބުނާ ގޮތުން ނަމަ މިއީ ހަމަ ގަބޫލުކުރަން ޖެހޭނެ ހަގީގަތެކެވެ.
ސެންޓު ނުވަތަ ކޯލާވާޓަރު ފަދަ މީރުވަސްދުވާ އެއްޗެއްގެ ވަސް ޖެހިގެން މީހަކު ބަލިވުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ނޭވާހިއްލުން އަދި ގައިގައި ބިިހި ނެގުން ހިމެނެ އެވެ. ބިހި ނަގަނީ އެ ވަހަކަށް ހަންގަނޑު ސެންސިޓިވް ވީމަ ކަމަށް، "ދަ ކޭސް އެގެއިންސްޓް ފްރެގްރެންސް" ރިސާޗްގައި ބަޔާންކޮށްފައިވެ އެވެ.
އަދި 2014 ގައި ކޮށްފައިވާ މިފަދަ ދިރާސާއެއްގައިވާ ގޮތުން މައިގްރެއިން މައްސަލަ ދިމާވާ އަންހެނުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް މައިގްރެއިން އެޓޭކެއް އައިސްގެން ބޮލުގައި ރިހެން ފެށީ ކޮންމެވެސް ވަހެއް ޖެހިގެންކަން ފާހަގަކުރެވިފައިވެ އެވެ. އަދި މިގޮތަށް މައިގްރެއިން އެޓޭކް އަންނަ މައިގަނޑު އެއްޗަކަށް ވަނީ މީރުވަސް ދުވާ ސެންޓު ފަދަ ތަކެއްޗެވެ.
ދަ އިންޑިޕެންޑެންޓްގައި ޝާއިއުކޮށްފަވާ މި ރިޕޯޓް ލިޔުއްވި ގްރެންވެލްގެ ބައެއް ތަޖުރިބާތަކާއި ކުޑައިރު އޭނާގެ މަންމަ ޖަހާ ސެންޓުން ދުވާ ވަހުން ލިބުނު ހިތްހަމަޖެހުމުގެ ވާހަކަ ވެސް ބަޔާން ކޮށްފައިވެ އެވެ. ނަމަވެސް މަސްނޫއީ ވަސްތަކުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން އޭނާ ތަހުލީލުތައް ކުރަން ފެށުމުން މައިގްރެއިންގެ ސަބަބުން ބޮލުގައި ރިހުމާއި މީރުވަސްދުވާ އެއްޗިއްސާ ހުރި ގުޅުން ފާހަގަ ކުރެވުނެވެ.
މި ފޮތް ލިޔުމަށް ރިސާޗް ހަދަމުން ދިޔައިރު މި ޒަމާނުގެ ޕާފިއުމް އާއި ސެންޓުގައި އާޓިފިޝަލް ކެމިކަލްސް ބޭނުންކޮށްފައި ހުންނަ މިންވަރު ފާހަގަ ކުރެވުނެވެ. ޕާފިއުމް އުފައްދާ ފަރާތްތަކުން އެ އެއްޗެހީގައި ބޭނުންކޮށްފައިވާ ހުރިހާ އެއްޗެއް ހާމަކުރަން ދެކޮޅު ހަދާ ކަމަށާއި އެމީހުން ބުނަނީ އެއީ ވިޔަފާރީގެ ސިއްރެއް ކަމަށް ކަމަށް ވެސް މި ރިޕޯޓުގައި ގްރެންވެލް ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން، މީރުވަސް ދުވާ ގިނަ ބާވަތްތަކެއް ތައްޔާރުކުރަން ބޭނުންކުރާ ނެޗުރަލް އެސެންޝިއަލް އޮއިލްސް އިން ވިހަ އަސަރުތަކެއް ކުރާކަން ވަރަށް ފަހުން ކުރި އެހެން ދިރާސާއަކުން ހާމަވެފައިވާ ކަމަށް ވެސް ގްރެންވެލްގެ ފޮތުގައި ބަޔާންކޮށްފައިވެ އެވެ. އަދި ސެންޓުގެ ވަހުގެ ސަބަބުން ދިފާއީ ނިޒާމަށް އަންނަ ރިއެކްޝަނަކާ ހެދި ވެސް ބައެއް ސިއްހީ މައްސަލަތައް ދިމާވާކަން ވަނީ ފާހަގަކޮށްފަ އެވެ.