ޑްރޯންއަކުން ހެރީގެ ދަރިކަލުންގެ ފޮޓޯ ނެގުމުން ދައުވާކޮށްފި

ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ 14 މަސްވީ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްޒާގެ ފޮޓޯތަކެއް ޑްރޯން ބޭނުންކޮށްގެން ނެގި މީހެއްގެ މައްޗަށް ދައުވާކުރަން އެމެރިކާގެ ލޮސް އެންޖެލިސްގެ ކޯޓަކަށް ބުރާސްފަތި ދުވަހު ހުށަހަޅައިފި އެވެ.


ހެރީގެ ދެކަނބަލުން އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލެއްވުމަށް ފަހު، ދުވަސްތަކެއް ވަންދެން ކެނެޑާގައި ދިރިއުޅުއްވުމަށް ފަހު، މި އަހަރުގެ ކުރީކޮޅުން ފެށިގެން ދިރިއުޅުއްވަނީ މޭގަންގެ އުފަން ގައުމު އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ފޮޓޯ ނެގި މީހާގެ ނަން ހާމަނުކޮށް މީޑިއާތަކުން ބުނީ ފޮޓޯގްފާރަފަށް ހެރީގެ ދެކަނބަލުން ދައުވާކުރެއްވީ އެ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅުގެ މަތިން މި ލޮކްޑައުންގެ ތެރޭގައި ޑްރޯން އަރުވައިގެން ފޮޓޯ ނެގި މައްސަލައިގަ އެވެ. އަދި އެ ކަމަކީ އެ މީހުންގެ ޕްރައިވެސީ އަށް އަރައިގަތުމުގެ އަމަލެއް ކަމަށާއި އެފަދަ ގޮތަކަށް ފޮޓޯ ނެގުމަކީ ކެލިފޯނިއާގައި ގާނޫނީ ގޮތުން ވެސް މަނާ ކަމަށް ބުނެފައިވެ އެވެ.

"ކެލިފޯނިއާގެ ކޮންމެ ރައްޔިތަކީ އެ މީހުންގެ ގޭގައި އަމިއްލަ މިނިވަންކަމާއި ޕްރައިވެސީއާ އެކު އުޅުމުގެ ހައްގު ލިބިދީފައިވާ އެއް. އެހެންވީމާ ޑްރޯނާއި ހެލިކޮޕްޓަރު ފަދަ ވަސީލަތްތަކުގެ އެހީގައި ބައެއްގެ ހައްގަކަށް އަރައެއް ނުގަނެވޭނެ،" ދެމަފިރިންގެ ގާނޫނީ ވަކީލް މައިކަލް ކަމްޕް ވިދާޅުވި އެވެ. "މިއީ ބަލައިގަނެވޭނެ ކަމެއް ނޫން."

ވަކީލު ވިދާޅުވި ގޮތުގައި ދަރިކަލުންގެ ފޮޓޯ ނެގި މައްސަލާގައި ދައުވާކުރައްވަން ހެރީގެ ދެބަކަނބަކުން ނިންމެވީ އެކަމަކީ ދަރިކަލުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށްވާތީ އެވެ.

"މިފަދަ ކަންކަންކުރާ މީހުންގެ ބޭނުމަކީ ބައެއްގެ ހައްގުތަކަށް އަރައިގަނެ މާލީ މަންފާތަކެއް ހޯދުން ކަމަށްވާތީ އެ ފުރުސަތު އަހަރެމެންނެއް ނުދޭނަން." މައިކަލް ވިދާޅުވި އެވެ.

ދައުވާގައި ބުނެފައިވާ ގޮތުން އާޗީގެ ފޮޓޯ ނަގާފައި ވަނީ އާއިލާ ދިރިއުޅުއްވާ ގެއަށް ދުރާލައި ފާރަލައިގެން ހެރީ އާއި މޭގަންގެ ހަރަކާތްތަކަށް ވެސް ވަރަށް ބޮޑަށް ބަލައިގެންނެވެ. އަދި ޕަޕަރާޒީންގެ ފަރާތުން މިފަދަ ކަންކަން ތަކުރާރުވަމުންދާކަން ވެސް ދައުވާގައި ބުނެފައިވެ އެވެ.

ދަރިކަލުންގެ ފޮޓޯ ސިއްރުން ނެގި މައްސަލާގައި ދައުވާކު އިރު މެއި 6، 2019 ގައި އުފަންވެވަޑައިގަތް އާޗީ އަށް ފޮޓޯއަކުން ފުރައްސާރަކުރި މައްސަލައެއްގައި މިދިޔަ އަހަރު އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޯޑްކާސްޓަރު ބީބީސީގެ ދަށުން ހީންގާ ބީބީސީ ރޭޑިއޯ 5ގެ މުވައްޒަފަކު މިދިޔަ އަހަރު ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.

މީގެ އިތުރުން ހެރީ އާއި މޭގަންގެ ޒާތީ ވާހަކަތަކެއް ގެނެސްދިން އިނގިރޭސި ނޫސްތަކަކަށް ވެސް ދެބޭފުޅުން މިދިޔަ އަހަރު ދައުވާކުރައްވާފައިވެ އެވެ. އަދި ނޫސްތަކުން ބޮއިކޮޓްކުރައްވާފައި ވެސް ވެ އެވެ.