މަދިރިން ޖެހޭ ބަލިތަކާ ދެކޮޅަށް މޮޑިފައިކޮށްފައިވާ މަދިރި

މަދިރިން ޖެހޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިތައް ނައްތައިލަން އެމެރިކާގައި ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ މަދިރިތަކެއް ފްލޮރިޑާ އަށް ދޫކޮށްލަން ނިންމައިފި އެވެ.


"OX5034" ގެ ނަން ދީފައިވާ އީޑީޒް އެޖިޕްޓީ މަދިރީގެ 750 މިލިއަން މަދިރި ފްލޮރިޑާ ކީޒް އަށް ދޫކޮށްލަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. މި މަދިރި އަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ހުއްދަ ދިނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ނަމަވެސް ޖެނެޓިކް ބަދަލުތަކެއް ގެނެސްފައިވާ މަދިރި މާހައުލަށް ދޫކޮށްލާތީ، ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިހާރު އަންނަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެފަދަ ޖަމާއަތްތަކުން މިކަން "ޖުރަސިކް ޕާކް އެކްސްޕެރިމަންޓް" ގެ ގޮތުގައި ސިފަކޮށް ބުނެފައި ވަނީ މިފަދަ މަދިރިތަކެއް މާހައުލަށް ދޫކޮށްލުމުން، އިންސާނުން ދިރިއުޅޭ މާހައުލަށް ހީވެސް ނުކުރާ ކަހަލަ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

އެހެންވެ މިކަމާ ދެކޮޅަށް ދަނީ ޗޭންޖް.އޯގްގައި ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ. އޭގައި މިހާތަނަށް 240،000 އެއްހާ މީހުން ސޮއިކޮށްފައިވެ އެވެ.

"OX5034" އަކީ އިންސާނުންގެ ގެއިން ލޭ ބޯ އަންހެން އީޑީޒް މަދިރީގެ އާބާދީއާ ދެކޮޅަށް ނެރޭ މަދިރިތަކެކެވެ. އެމެރިކާގެ އެންވަޔަރަމަންޓް އެޖެންސީގެ ހުއްދައާ އެކު މި މަދިރި އުފައްދާފައި ވަނީ އިނގިރޭސިވިލާތުގައި ހިންގާ އެމެރިކާގެ ކުންފުނި އޮކްޒިޓެކުންނެވެ. އެތަނުން ބުނި ގޮތުގައި މޮޑިފައިކޮށްފައިވާ މަދިރި އަކީ ޑެންގީ އާއި ޒިކާ އާއި ޗިކުންގުންޔާގެ އިތުރުން ރީނދޫ ހުން ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާނެ އެއްޗެކެވެ.

އޮކްޒެޓިކުން ބުނީ މޮޑިފައިކޮށްފައިވާ މަދިރި ފްލޮރިޑާ އަށް ދޫކޮށްލަނީ މީގެ ފީލްޑް ޓްރަޔަލްތަކެއް ބްރެޒިލްގައި ވެސް ވަރަށް ކާމިޔާބުކަމާ އެކު ނިންމާލި އިރު، އޭގެ ނަތީޖާ ވެސް ފެނިފައިވާތީ ކަމަށެވެ. އެހެންވެ މިކަމުގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ބުންޏެވެ. އަދި މިކަމަށް ހޭލުންތެރިކަން އުފައްދައި އާންމުންގެ ހިލާޔު ހޯދަން ވަރަށް އަވަހަށް ވެބިނާއެއް ވެސް ބާއްވަން އޮކްޒިޓެކުން ވަނީ ނިންމައިފަ އެވެ.

މޮޑިފައިކޮށްފައިވާ މަދީރީގެ 750 މިލިއަން މަދިރި ފުރަތަމަ މަރުހަލާގައި ފްލޮރިޑާ އަށް ދޫކޮށްލުމުގެ ހުއްދަ ދީފައިވާ އިރު، ފްލޮރިޑާ ކީޒް މޮސްކިޓޯ ކޮންޓްރޯލް ޑިސްޓްރިކްޓް (އެފްކޭއެމްޑީސީން) ބުނީ މި މަދިރީގެ މަރުހަލާ ދެ އަހަރަށް ދެމިގެންދާނެ ކަމަށެވެ.