ރާއްޖެ ވަރުގަދަ، ތާރީހަށް ބަރޯސާނުވާނަން: އިންޑިއާ ކޯޗު

ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ތާރީހު އިންޑިއާ ކޮޅަށް އޮތް ނަމަވެސް އެއަށް ބަރޯސާވެވެން ނެތީ ރާއްޖޭގައި އޮތީ ވަރުގަދަ ޓީމެއް ކަމަށްވާތީ ކަމަށް އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފި އެވެ.


ރާއްޖެ އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އެ ފަަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖޭން އިންޑިއާ އަތުން 2-0 އިން މޮޅުވި އެވެ.

އެކަމަކު މި ފަހަރުގެ މުބާރާތުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 2-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުން އިންޑިއާ އިން މި މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ނުކުތް ފަސް މެޗުން ވެސް ވަނީ ކުރިހޯދައިފަ އެވެ.

އިންޑިއާ ޓީމާ ކޮންސްޓަންޓިން ހަވާލުވި ފަހުން އަދި ރާއްޖެ އަތުން ބަލިނުވެ އެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ކޯޗަކަށް މިހާރު ހުރި ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން 2015 ވަނަ އަހަރުގެ ސާފް ފައިނަލުގައި ކުޅުނު އަފްގާނިސްތާން ބަލިކޮށްފަ އެވެ. މި ހުރިހާ ކަމެއް ކޮންސްޓަންޓިން އަށް ފައިދާވާ ގޮތަށް އޮތް ނަމަވެސް އޭނާގެ ނަޒަރުގައި ކުރިއަށް އޮތް މެޗު އުނދަގުލެވެ.

"ތާރީހަކީ އެއްވެސް އެއްޗެއް ނޫން. މާދަމާ އޮތީ ފައިނަލެއް. އަހަރެމެންނަށް ގިނަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ރެކޯޑެއް އެބައޮތް. އެކަމަކު މީގެ ކުރިން ކުޅެފައި ހުރީ ތަފާތު މެޗުތަކެއް. އަހަރެމެންގެ ކުރިމަތީގައި އޮތީ އުނދަގޫ މެޗެއް. އަހަރެންގެ މަސައްކަތަކީ މި ކުޅުންތެރިންނަށް އެ މެޗުގެ މުހިއްމުކަން ވިސްނައިދީގެން ފައިނަލުގައި ބަލިނުވުން،" ކޮންސްޓަންޓިން ބުންޏެވެ.

ރާއްޖޭން ގްރޫޕް ސްޓޭޖުގައި އިންޑިއާ ކޮޅަށް ނުކުތީ ކުރިއަށް ކުޅޭ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަދި އަލީ ފާސިރު (ސެންޓޭ)ގެ ބަދަލުގައި ފުރަތަމަ އެގާރައިގައި އަސަދުﷲ އަބްދުﷲ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަހުމަދު އިމާޒް (އާއްކޮ) ހިމަނައިގެންނެވެ. އެކަމަކު ފަހު ހާފުގައި ހަމްޕު އާއި ސެންޓޭ އަދި ދާދު ކުޅުނެވެ.

"ރާއްޖޭން އަހަރެމެންނާ ކުޅުނީ އެ މީހުންގެ ކުރިއަށް ކުޅޭ މުހިއްމު ދެ ކުޅުންތެރިން ނުލައި. އެ މީހުން ވަރަށް މޮޅަށް ކުޅުނު ނޭޕާލް މެޗުގައި. އަހަރެމެން އެބަޖެހޭ ރާއްޖެ އަށް އިހުތިރާމް ކުރަން. އެ މީހުންނަށް ހައްގު ފައިނަލުގެ ޖާގައެއް،" އޭނާ ބުންޏެވެ.

މި މުބާރާތަށް އިންޑިއާގެ ސީނިއާ ޓީމު ނުގެންނަން ނިންމި ނިންމުމާ ބެހޭގޮތުން އިންޑިއާ ކޯޗު ކޮންސްޓަންޓިން އަށް ތަކުރާރުކޮށް ސުވާލުކުރިމަތިވާތީ އޭނާ ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެން ވަރަށް ގިނައިން މި ސުވާލަށް ޖަވާބުދީފިން. އަހަރެން ސީނިއާ ޓީމު ގެނައިނަމަ މި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތެއް ނެތް. އެ މީހުންނަށް އޮތް ހަމައެކަނި ދެ މުބާރާތަކީ އޭޝިއަން ގޭމްސް އާއި އޮލިމްޕިކްސް އޭގެ އިން ފުރުސަތެއް ނުލިބޭ. ދެން ކިހިނެއް އަހަރެމެން ޗެތުރީ، ސަންދޭޝް އަދި ޖޭޖޭ ފަދަ ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ހޯދާނީ،" ކޮންސްޓަންޓިން ބުންޏެވެ.

އޭނާގެ ކޯޗުކަމުގައި ދުނިޔޭގެ ރޭންކިންގެ 96 އަށް އިންޑިއާ އެރި ނަމަވެސް އުއްމީދުތައް މާ މަތި ނުކުރާނެ ކަމަށް ކޮންސްޓަންޓިން ވަނީ ބުނެފަ އެވެ.

"އަހަންނަށް ހަމައެކަނި ވާހަކަ ދެއްކޭނީ އަހަރެންގެ ޓާގެޓްގެ ވާހަކަ. އަހަރެންގެ ހަތަރު އަހަރުގައި އިންޑިއާ އިން އަލަށް 38 ކުޅުންތެރިން ގައުމީ ޓީމަށް މެޗު ކުޅެފި. ދެން އަހަރެން ވިސްނީ މި ކުޅުންތެރިން ގޮވައިގެން އޭޝިއަން ކަޕަށް ދާން. އެކަންވާނެ ފަސް މަސް ފަހުން. ދެން މިހާރު މި ވިސްނަނީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައިދާން. ފަހަރަކު ކަމެއް ވާނީ،" އިންޑިއާގެ ބޮޑު ޓާގެޓަކީ ކޮބައިތޯ އޮޅުންފިލުވުމަށް ނޫސްވެރިން ކުރި ސުވާލަށް ކޮންސްޓަންޓިން ޖަވާބު ދިނެވެ.

ރާއްޖެ އާއި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ އިރުއޮއްސި 6 ޖަހާއިރު އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އިންޑިއާ އިން މާދަމާ ނުކުންނާނީ ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި ދިފާއުކުރުމުގެ އަމާޒުގަ އެވެ.