ބާސެލޯނާ (ނޮވެމްބަރު 6) – ގަތަރުގެ އަލް ސާދުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު، ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބާސާގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
އުމުރުން 41 އަހަރުގެ ޒަވީ އަކީ އެ ޓީމުގެ އާ ކޯޗު ކަމަށް ބާސެލޯނާއިން ހާމަކޮށްފައި ވާއިރު، ޒަވީއާ ޓީމު ހަވާލުކުރީ ސާދުގެ ކޮންޓްރެކްޓެއްގައި ހުރުމުން އޭނާ ދޫކޮށްލަން އެ ޓީމަށް ދައްކަން ޖެހޭ 5.7 މިލިއަން ޑޮލަރު ދައްކާގޮތަށް އެއްބަސް ވެގެންނެވެ.
މިދިޔަ މެއި މަހު ޒަވީ ދެ އަހަރު ދުވަހަށް ސާދުގެ ކޮންޓްރެކްޓް އާކުކުރިއިރު، އޭނާ ދޫކޮށްލަން ސާދަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 2.8 މިލިއަން ޑޮލަރު ދޭން ނިންމީ، ހުސްވެފައިވާ ބާސާގެ ކޯޗުގެ މަގާމާ ހަވާލުވާން ބޭނުންވެފައި ހުރި ޒަވީ އެވެ.
މި ސީޒަނުގެ ބާކީ ބައިގެ އިތުރުން ކުރިޔަށް އޮތް ދެ ސީޒަނަށް ޒަވީ ބާސާގެ ކޯޗަކަށް ހަމަޖެއްސިއިރު އޭނާ މިހާރު ހުރީ ސްޕެއިންގަ އެވެ. އަދި ރަސްމީކޮށް ކޯޗެއްގެ ގޮތުގައި ދައްކާލާނީ އަންނަ ހޯމަ ދުވަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެންމެ ފަހުން ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން މަގާމުން ދުރުކުރީ، ޓީމާއެކު އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުންނެވެ. މާލީ ގޮތުން އަޑިއަޅާލައިފައިވާ ބާސެލޯނާ މި ވަގުތު އޮތީ 11 މެޗު ކުޅެގެން ހޯދި 16 ޕޮއިންޓާ އެކު ތާވަލުގެ ނުވަ ވަނައިގަ އެވެ. މީގެ ތެރެއިން ބާސާ ތިން މެޗުން ބަލިވެފައި ވާއިރު، މޮޅުވީ އެންމެ ހަތަރު މެޗުންނެވެ. އަދި ޗެމްޕިއަންސް ލީގުގައި ވެސް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އިރު މޮޅުވީ އެންމެ މެޗަކުންނެވެ.
ޒަވީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާ އަށް 17 ސީޒަން ކުޅެދީފަ އެވެ. އެ ޓީމަށް 767 މެޗު ކުޅެދިން ޒަވީ ވަނީ ޓީމާ އެކު 25 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ލަ ލީގާ އަށް ފަހަރު، ކޮޕަ ޑެލް ރޭ ތިން ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ހަތަރު ޗެމްޕިއަންސް ލީގާއި ދެ ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ.
ބާސެލޯނާ ދޫކޮށް ޒަވީ ގަތަރުގެ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ސާދާ އެކު ވެސް ޒަވީ ވަނީ ގަތަރުގެ ސްޓާސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމަށް ހަތަރު ސީޒަން ކުޅެދިނުމަށް ފަހު އޭނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ.
ސްޕެއިންގެ ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން، ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ދެ ފަހަރު ކާމިޔާބުކުރި ޒަވީ ވަނީ ކޯޗެއްގެ ގޮތުގައި ވެސް އަލް ސާދަށް ކާމިޔާބު ހޯދައިދީފަ އެވެ. އެޓީމަށް ލީގު ކާމިޔާބު ކޮށްދިނުމުގެ އިތުރުން، މި އަހަރު އަލަށް ފެށި ގަތަރު އެފްއޭ ކަޕް ފިޔަވައި ޑޮމެސްޓިކް ހުރިހާ މުބާރާތެއް ވެސް ޒަވީ އެ ޓީމާ އެކު ކާމިޔާބު ކުރި އެވެ.
ގަތަރު ދޫކޮށް، ބާސެލޯނާއާ ހަވާލުވާން ނިންމުމަށް ފަހު ޒަވީ ވަނީ އޭނާއާއި ބާސެލޯނާގެ ސަޕޯޓަރުންނަށް ވީޑިއޯ މެދުވެރިކޮށް ހާއްސަ މެސެޖެއް ވެސް ދީފަ އެވެ.
"ކޭމްޕް ނޫ (ބާސާގެ ހޯމް ސްޓޭޑިއަމް) އަކީ އަބަދުވެސް އަހަރެންގެ ގެ. ބާސާގެ ސަޕޯޓަރުންނަކީ އަހަރެންގެ މީހުން، އަހަރެންގެ ރަހުމަތްތެރިން، ވީޑިއޯގައި ޒަވީ ބުނެފައި ވެ އެވެ.
ބާސާއަކީ އޭނާ އެންމެ ލޯބިވާ ކްލަބް ކަމަށާއި، ވަރަށް އަވަހަށް ސަޕޯޓަރުންނާ ދިމާވާނެކަމަށް ވެސް މި ވީޑިއޯ ކްލިޕުގައި ޒަވީ ބުންޏެވެ.