އަމިއްލަ ކުންފުނިތަކުގައި މިހާރު އަދާކުރައްވާ މަގާމުތައް ދޫކޮށްލުމަށްފަހު، ސޯޝަލް މީޑިއާ އިންފްލޫއެންސާއަށް ވުމާ ދޭތެރޭ ވިސްނާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ބުނެފި އެވެ.
ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި އެ މޭރުމުން ވާހަކަ ދައްކަައި، ޓްވިޓާގެ އަހުވެރިން ގާތު ސުވާލު ކޮށްފައިވަނީ "އެކަމާ ކަލޭމެންގެ ހިޔާލަކީ ކޮބައިތޯ؟" އެވެ.
އީލޮންގެ މި ޓްވީޓާ ގުޅިގެން "މިސްޓަ ބީސްޓް" ގެ ނަމުން މަޝްހޫރު ޔޫޓިއުބާ ޑޮނަލްޑްސަން ކުރި ޓްވީޓެއްގައި ވަނީ ޔޫޓިއުބް ވިއުސް ހޯދާނެ ގޮތުގެ ތަމްރީނު ދޭން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
ބައެއް މީހުން ކުރި ރައްދުގެ ޓްވީޓްތަކުގައި ބުނެފައި ބޮޑެތި ކުންފުނިތަކެއްގެ އިސް މަގާމުތަކާ އީލޮން ފެއަށް ޖެހުން ވާނީ ދުނިޔޭގެ އިގުސާދަށް ލޮޅުން އަރައިފާނެ ކަމެއް ކަމަށެވެ.
އަދި ބައެއް މީހުން ވަނި އަވަހަށް އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިންފްލުއެންސާއަކަށް ވާންވީ ކަމަށާއި އެ މީހުން ތިބީ އޭނާ ސަބްސްކްރައިބް ކުރަން ތައްޔާރަށް ކަމަށެވެ.
ސޯޝަލް މީޑިއާ އިންފްލުއެންސާއަކަށް ވުމުގެ ވާހަކަ "މާ ސީރިއަސްކޮށް ނޫންކޮށް" އީލޮން ދެއްކި އިރު، ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ޓްވިޓާގައި އޭނާ އަބަދު ވެސް ވަރަށް ހަރަކާތްތެރި އެވެ. އީލޮންގެ ފޮލޯވަރުންގެ އަދަދު 65.8 މިލިއަނަށް އަރަ އެވެ.
ދާދި ފަހުން އީލޮން ވަނީ ޓެސްލާގައި އޮތް އޭނާގެ އަމިއްލަ ހިއްސާގެ ތެރެއިން އެތައް ހިއްސާއެއް ވެސް ޓްވިޓާގައި އާންމުންގެ ހިޔާލު ހޯދުމަށްފަހު ވިއްކާލައިފަ އެވެ.