ރޭ ނިމުނު ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކްލަބް އީގަލްސް އުފުލާލައިފި އެވެ.
ފޯރިގަދަ ފައިނަލްގައި ކަސްޓަމް ރެކްރިއޭޝަން ކްލަބުގެ މައްޗަށް އީގަލްސް ކާމިޔާބު ހޯދީ ސީދާ ތިން ގޭމުންނެވެ.
ފައިނަލްގެ ޑަބަލްސް ކެޓެގެރީގެ ގޭމް އީގަލްސް ކާމިޔާބު ކުރީ 7-4 ފްރޭމުންނެވެ. އަނެއް ސިންގަލްސް ދެ ގޭމްގެ ތެރެއިން އެއް ގޭމް ކާމިިޔާބު ކުރީ 7-4 ފްރޭމުންނެވެ. އަނެއް ގޭމް ކާމިޔާބު ކުރީ 7-3 ފްރޭމުންނެވެ.
އީގަލްސް އާއި އެކި ކެޓެގެރީތަކުން ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް އިނާމު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ. އަންހެން ސިންގަލްސް ޗެމްޕިއަނަކީ ދީނާ އަހްމަދެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އާއި އަލީ ފަޔާޒުގެ ޕެއާ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ އެވެ. ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ބިލިއާޑް އެސޯސިއޭޝަން (އޭމްޕީބީއޭ) ގެ ރައީސް އަހްމަދު ނާސިފް ވިދާޅުވީ، އެ މުބާރާތްތަކުގައި ޖިންސުގެ ހަމަހަމަކަން ހިފެހެއްޓުމަށް އިސްކަން ދެއްވާނެ ކަމަށެވެ. ގައުމީ މުބާރާތުގައި ގިނަ އަންހެން އެތުލީޓުން ބައިވެރި ވުމުން އޭނާ ވަނީ އެކަމުގެ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ. އެ ހިތްވަރާއެކު، ނާސިފް ވިދާޅުވީ އަންނަ އަހަރު ގައުމީ އަންހެން ޓީމެއް އެކުލަވައިލާނެ ކަމަށެވެ.
އޭގެ އިތުރުން 16 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ ޒުވާން ގައުމީ ޓީމެއް ބިނާކުރުމަށް ވެސް އެމްޕީބީއޭ އިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވިގޮތުގައި، ބިލިއާޑްގެ ގައުމީ ޓީމަށް އަންނަ އަހަރު ކޯޗަކު ހަމަޖައްސައި ދޭނެ އެވެ.
ބިލިއާޑްގެ ގައުމީ ޓީމަށް 2019 ގައި ވެސް ސްޕޯޓްސް މިނިސްޓްރީން ކޯޗަކު ހަމަޖައްސައިދިނެވެ. ފިލިޕީންސްގެ ވެލެންޓީނޯ ރާއްޖޭގެ ބިލިއާޑް ކޯޗުގެ ގޮތުގައި އެ އަހަރު މަސައްކަތް ކުރިއިރު އޭނާ އަކީ ގައުމީ ޓީމުގައި މަސައްކަތްކުރި ފުރަތަމަ ބިދޭސީ ކޯޗެވެ.