އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ އާ އަލްބަމެއްގެ އިންތިޒާރުގައި ފޭނުން ތިބޭތާ ހަ އަހަރު ފަހުން، އޭނާގެ ހަވަނަ އަލްބަމް އިއުލާންކޮށްފި އެވެ.
ބިޔޯންސޭގެ އާ އަލްބަމެއް ގެނެސްދޭން އުޅޭކަން އިއުލާންކުރީ އޭނާގެ ވެބްސައިޓްގައި ކުރި ޕޯސްޓެއްގަ އެވެ.
"ރެނަސަންސް" ކިޔާ އެ އަލްބަމްގައި 16 ލަވަ ހިމެނެ އެވެ. އެ އަލްބަމްގެ ލަވަތައް ނެރެން ނިންމާފައި ވަނީ އެކި ތާރީހުތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި ރިލީޒްކުރަނީ އަންނަ މަހު 29 ގަ އެވެ.
ބިޔޯންސޭގެ ވެބްސައިޓުގައި ބުނީ އެ އަލްބަމްގެ ޓީޝާޓް، ސީޑީ، ބުކްލެކްޓް، އަދި މިނީ ޕޯސްޓަރު ހިމެނޭ ހަދިޔާ ފޮށިތަކަށް ޕްރީ-އޯޑާކުރުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަލްބަމް ރިލީޒްކުރާ ތާރީހުގައި އެ އެއްޗެހީގެ ޑެލިވަރީ ވެސް ފަށާނެ ކަމަށް ބުންޏެވެ.
އާ އަލްބަމްގެ ވާހަކަ ބިޔޯންސޭ ހިއްސާކުރީ، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފޮޓޯ ރިމޫވްކޮށް، ފޭނުންގެ ހިތްތަޅުވާލައިފަ އެވެ.
ބިޔޯންސޭ 2016 ވަނަ އަހަރު ގެނެސްދިން "ލެމަނޭޑް" އަލްބަމަށް ފަހު އަދި އަމިއްލަ އަލްބަމެއްގެ މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ފާއިތުވި އަހަރުތަކުގައި ވަނީ އޭނާގެ ފިރިމީހާ ޖޭ ޒީއާ ގުޅިގެން "އެވްރީތިން އިޒް ލަވް"ގެ ނަމުގައި އަލްބަމެއް ނެރެފަ އެވެ. އަދި ޑިޒްނީގެ ލައިވް އެކްޝަން "ލަޔަން ކިންގް" ފިލްމަށް ސައުންޑްޓްރެކް ހަދައިދިނުމުގެ މަސައްކަތް ވެސް ކުރި އެވެ.