ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އަގު ހެޔޮކޮށް ތެޔޮ ގަތުމަށް ފަހު ކަޅު ބާޒާރުގައި އަގު ބޮޑުކޮށް ތެޔޮ ވިއްކަމުންދާތީ އެކަން ހުއްޓުވަން އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމް އިން ވިއްކާ ތެޔޮ ގަތުމަށް ފަހު ބޮޑު އަގުގައި ތެޔޮ ވިއްކަމުންދާ މައްސަލައާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު "މިހާރު"އަށް ވިދާޅުވީ މިފަދަ ގިނަ މައްސަލަތަކެއް އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ހުއްޓުވުމަށް ތެޔޮ ވިއްކާ އިރު މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީގެން، ރަށްރަށުގައި ތެޔޮ ވިއްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެފްއެސްއެމް މެދުވެރިކޮށް ރަށްރަށުގައި ތެޔޮ ފޯރުކޮށްދޭ ބައެއް ފަރާތްތަކުން އިތުރަށް ތެޔޮ ގަނެ، ތެޔޮ ވިއްކަމުން ދަނީ ރިސޯޓްތަކަށެވެ.
އަމްރު ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ގަންނަ ވަރަށް ވުރެން އިތުރަށް ތެޔޮ ގަންނަ ނަމަ، އެކަން ބަލާނެ އެވެ.
"ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރަށް ނަހަމަ ގޮތުގައި މަސައްކަތްކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށް ވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫ ނުކުރެވޭނެ ގޮތަކަށް ކަންކަން އެބަ ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެހެންވެ ރައްޔިތުންނަށް ވެދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށާއި ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް އެފްއެސްއެމް އިން ތެޔޮ ވިއްކަނީ ލިބޭ އަގަށް ވުރެ ދަށް އަގެއްގަ އެވެ. ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުން އަންނަނީ ހަމަ އަގުގަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 107 ޑޮލަރަށެވެ.