އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި، މިއަދުގެ ފުރަތަމަ ރަން މެޑަލް ބޮޑީ ބިލްޑިން ލެޖެންޑް މުހައްމަދު މޫސާ (މޯޑް) ރާއްޖެ އަށް ހޯދައި ދީފި އެވެ.
މިއަދު ބޭއްވި ބޮޑީ ބިލްޑިން އަޕް ޓް 55 ކެޓަގަރީގައި ވާދަކޮށް މޯޑް ވަނީ އިންޑިއާ، ވިއެޓްނާމް، މިޔަންމާ އަދި އިރާގްގެ އެތުލީޓުން ފަހަތަށް ޖައްސައިލައިފަ އެވެ. މޯޑް ވަނީ މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.
ކ. މާފުށީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވަނި، މިހާތަނަށް ދެ ރަން މެޑަލް ހޯދައިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން އޭނާ ރަން މެޑަލް ހޯދީ ގެ ފައިނަލުގައި އިންޑީއާ އާއި ޕާކިސްތާންގެ އެތުލީޓުން ފަހަތައް ޖައްސާލުމަށް ފަހު އެވެ.
އަޒްނީންގެ ރަން މެޑައްޔާއެކު އޭނާ ވެފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހްގައި އަމިއްލަ ގައުމުގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެ އިން ފުރަތަމަ ރަން މެޑަލް ހޯދީ ދެކުނު ކޮރެއާގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ކުރީގެ ބޮޑީ ބިލްޑާ ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ރަން މެޑަލް ހޯދި އެވެ.