އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް އިންވެސްޓާސް ވީކް" އާ ގުޅުވައިގެން ސީއެމްޑީއޭ އިން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
އެ ހަރަކާތްތައް ފެށުމުގެ ގޮތުން ސީއެމްޑީއޭއިން ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހަސަން މަނިކެވެ. އެ ރަސްމިއްޔާތުގައި އޭނާ ވަނީ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނެކޭ އެއްފަދައިން ރީޓެއިލް އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
ސީއެމްޑީއޭއިން ބުނީ މި މަހުގެ ތިނަކުން ނުވައަކަށް އިންވެސްޓާސް ވީކް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކެޕިޓަލް މާކެޓާއި، ފައިނޭންޝަލް ލިޓަރަސީއަށް އާއްމުން އަހުލުވެރިކުރުވުމަށް ސީއެމްޑީއޭގެ ފޭސްބުކް މެދުވެރިކޮށް ހިންގާ ކުއިޒެއް ހިމެނޭ ކަމަށެވެ. އަދި އާއްމުންނާއި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އަމާޒުކޮށް ކޮލެޖުތަކާއި ޔުނިވާސިޓީގައި ކެޕިޓަލް މާކެޓާ ގުޅޭ ގޮތުން މައުލޫމާތު ދޭ ސެޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ޖާނަލިސްޓުންނާއި އެޑިޓަރުން، މާލީ ކަންކަމާބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ދިނުމުގައި ބަލަންޖެހޭ ކަންކަމަށް އަހުލުވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސީއެމްޑީއޭއިން ބުންޏެވެ.
ވާލްޑް އިންވެސްޓާސް ވީކަކީ، ސެކިއުރިޓީޒް ރެގިއުލޭޓަރުންގެ ބައިނަލްއަގުވާމީ ޖަމިއްޔާގެ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (އައިއޯއެސްސީއޯ) އިން 2017 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުންދާ ހަފްތާއެކެވެ. މި ހަފްތާ ފާހަގަކުރުމުގެ މަގުސަދަކީ، ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށް އިތުބާރު އުފައްދައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.