މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯ އިން ރޭ ނެރުނު މާލީ ބަޔާނުން އެނގޭ ގޮތުގައި، ނިމުނު ކުއާޓާގައި އެ ކުންފުންޏަށް 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 515 ރުފިޔާ އެވެ. އެއީ މިދިޔަ ކުއާޓާއާ އަޅާބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރާ ހުރިހާ ވިޔަފާރިތައް ރަނގަޅުވެ، މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 255 މިލިއަން ރުފިޔާ ލިބިފައި ވާއިރު، އެއީ މިދިޔަ ކުއާޓާ އަށް ވުރެ 18 ޕަސެންޓުގެ ކުރިއެރުމެކެވެ. އޭގެ މައިގަނޑު ސަބަބަކީ، އެސްޓީއޯއިން ބުނި ގޮތުގައި، ޖުމްލަ ފައިދާ އިތުރުވުމާ އެކު ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަވުމެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާ އެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވިޔަސް ކުންފުނީގެ ސާފު ފައިދާ އިތުރުވެފައިވާކަން އެސްޓީއޯއިން ފާހަގަކުރި އެވެ.
ޓެކްސް އަށް ކެނޑުމުގެ ކުރިން، ނިމުނު ކުއާޓާގެ ފައިދާ އަކީ 205 މިލިއަން ރުފިޔާ އެވެ. ޓެކްސް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާގެ 168 މިލިއަން ރުފިޔާ އަކީ ދެވަނަ ކުއާޓާއާ އަޅާބަލާއިރު އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.
ތިން ވަނަ ކުއާޓާގައި އެ ކުންފުނީގެ ހިއްސާ އަކަށް ޖެހުނީ 149 ރުފިޔާ އެވެ.