ސެންޓްރަލް ލީގުގެ ގުރޫޕް ޑީ ގައި ނިލަންދޫ ސްޕޯޓްސް ކުލަބާއި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ކުޅުނު ދެވަނަ ލެގު މެޗު 2-0 އިން ކާމިޔާބުކޮށް، ނިލަންދޫ އިން ގުރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިލަންދޫގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބައްސާމް އަބްދުއްސަލާމް ސުލެއިމާން އަބްދުﷲ އެވެ. އަދި ދެ ވަނަ ހާފުގައި ކެޕްޓަން އާދިލް އަލީ ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ އޭނާ އެވެ. އޭނާ ވަނީ ފުރަތަމަ ލެގުގައި ވެސް ނިލަންދޫ އަށް ލަނޑެއް ޖަހައިދީފަ އެވެ.

މި ގުރޫޕުގައި ދެން ވާދަކުރަން އޮތް ފ. ނިލަންދޫ އާއި މަގޫދޫ އަށް މުބާރާތުގައި ވާދަ ކުރެވޭ ގޮތް ނުވުމުން، ނިލަންދޫ އާއި ކުޑަހުވަދޫ އަށް ވަނީ އޮޓަމެޓިކުން އަންނަ އަހަރުގެ ސެންޓްރަލް ލީގު އެއް ވަނަ ޑިވިޝަނުން ޖާގަ ލިބިފަ އެވެ. ދެ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.

މާލެ ސަރަހައްދު ނުހިމެނޭ ހެން ކުރިއަށް ގެންދާ ސެންޓްރަލް ލީގުގައި އެންމެ ފުރަތަމަ ކުޅުނީ ގުރޫޕް ބީ ގެ މެޗުތަކެވެ. މި ގުރޫޕުގެ އެއް ވަނަ ހޯދީ ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ. އަދި ދެ ވަނަ ހޯދީ ކ. ގުޅި ފުޓްބޯޅަ ކްލަބެވެ.

އެހެން ނަމަވެސް ގުރޫޕް އޭ ގެ ކްލަބް އޭދަފުށްޓާއި ގުރޫޕް ސީ ގައި ވާދަކުރަން އޮތް އއ. މާޅޮހަށް އެއްވަނަ ޑިވިޝަންގެ ޖާގަ ލިބިފައި ވަނީ، އެ ދެ ގުރޫޕުގައި ވާދަކުރަން ހުރި ޓީމުތައް ޑިސްކޮލިފައި ވުމުން، މެޗެއް ނުކުޅެ އޮޓަމެޓިކުންނެވެ.

ސެންޓްރަލް ލީގުގެ އެއްވަނަ ޑިވިޝަނަށް ޖުމްލަ އަށް ޓީމެއް ހޮވޭނެ އެވެ. ނިލަންދޫ އާއި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އާއެކު، އެއްވަނަ ޑިވިޝަން ކުޅޭ ހަ ޓީމު ވަނީ ޔަގީން ވެފަ އެވެ.

ދެ ވަނަ ޑިވިޝަންގައި ދެން ބާކީ އޮތީ ގުރޫޕް އީ ގެ މެޗުތަކެވެ. އެއް ވަނަ ޑިވިޝަންގެ ބާކީ ދެ ޖާގަ ލިބޭނީ މި ގުރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށެވެ.

ގުރޫޕް އީ ގައި މ. އަތޮޅަށް ނިސްބަތްވާ ހަތަރު ރަށެއްގެ ޓީމު ވާދަކުރާނެ އެވެ. އެއީ މުލައް، ވޭވަށް، މަޑުއްވަރި އަދި ނާލާފުށްޓެވެ. މި ގުރޫޕްގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 14 އިން 30 ގެ ނިޔަލަށެވެ.