ކުޅިވަރު / ދިވެހި ޕްރިމިއަ ލީގު 2023-2024 ގެ ކޮލިފިކޭޝަން

ސެންޓްރަލް ލީގު/ ދެ ވަނަ ޑިވިޝަން: ހަތަރު ވަނަ ގުރޫޕްގައި ދެ ޓީމު، ފުރަތަމަ މެޗު އެއްވަރު

ސެންޓްރަލް ލީގު ދެ ވަނަ ޑިވިޝަންގެ ގުރޫޕް ޑީ ގައި ނިލަންދޫ އާއި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗުގެ ކުރިން ދެޓީމުގެ ކެޕްޓަނުން، މެޗުގެ އޮފިޝަލުންނާ އެކު.-- ފޮޓޯ: ނިލަންދޫ ސްޕޯޓްސް ކުލަބް

ދިވެހި ޕްރިމިއާ ލީގުގެ 2023/2024 ސީޒަނަށް ކޮލިފައިވާން ކުރިއަށް ގެންދާ ސެންޓްރަލް ލީގުގެ ގުރޫޕް ޑީ ގެ ފުރަތަމަ މެޗުގައި އިއްޔެ ނިލަންދޫ ސްޕޯޓްސް ކުލަބާއި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރު ވެއްޖެ އެވެ.

ގުރޫޕް ޑީ ގައި ފ. އަތޮޅާއި ދ. އަތޮޅުން ޖުމްލަ ހަތަރު ޓީމެއް ވާދަކުރަން ހަމަޖެހުނެވެ. އެއީ ދ. ކުޑަހުވަދޫ އާއި، ފ. ނިލަންދޫ، މަގޫދޫ، އަދި ފީއަލިން ނެރޭ ޓީމެވެ. އެހެން ނަމަވެސް މަގޫދޫ އާއި ފީއަލި ޑިސްކޮލިފައި ވެފައި ވާތީ، ކުޅޭނީ ނިލަންދޫ އާއި ކުޑަހުވަދޫ އެކަންޏެވެ.

މަގޫދޫ އިން މުބާރާތުގައި ވާދަކުރާ ޓީމު ލިސްޓު ފޮނުވާފައި ނުވާ އިރު، ފީއަލި ޓީމަށް ރަޖިސްޓްރޭޝަން ސެޓިފިކެޓް ލިބިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން ކުޑަހުވަދޫ އާއި ނިލަންދޫ އަށް އެއް ވަނަ ޑިވިޝަންގެ ޖާގަ ވަނީ ޔަގީން ވެފަ އެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ގޯލުގެ ތަފާތުން ނިލަންދޫ ކުރީގައި އޮވެގެންނެވެ. މެޗުގެ 13 ވަނަ މިނިޓުގައި އަބްދުލް އަލީމް ހަމީދު ފުރަތަމަ ލަނޑު ޖަހައިދިން އިރު، ދެ ވަނަ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ބައްސާމް އަބްދުއްސަލާމް ސުލެއިމާން އަބްދުﷲ އެވެ.

ދެ ވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭ ކުޑަހުވަދޫގެ މުހައްމަދު އަޔާޒް ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިން ނަމަވެސް، ބިދޭސީ ކުޅުންތެރިޔާ އަބްދުއްރަހްމާން ޝާބަން އަބްދުލްހާދީ އަހުމަދު ކާމިޔާބު ކޮށްދިން ލަނޑަކުން ނިލަންދޫ އިން އަލުން ދެ ގޯލުގެ ލީޑު ރިކަވާ ކުރި އެވެ.

ކުޑަހުވަދޫ އިން އެއްވަރުކުރީ މެޗު ނިމެން ގާތް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިޔާ އާމިލް އަލީ ކާމިޔާބު ކޮށްދިން ދެ ގޯލުންނެވެ. އޭނާގެ ފުރަތަމަ ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިން އިރު، އެއްވަރު ކުރި ލަނޑު ޖެހީ 85 ވަނަ މިނިޓުގަ އެވެ.

ނިލަންދޫ ސްޕޯޓްސް ކުލަބަކީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ހޮވިގެން ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި ޓީމެކެވެ. އެޓީމުން ވަނީ 2018 އަދި 2019/2020 ސީޒަންގައި ޕްރިމިއާ ލީގުގައި ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ވެސް ހޯދި އެވެ. އެންމެ ފުރަތަމަ ސީޒަންގައި ލީގު ހަ ވަނައިގައި ނިންމި އިރު، ދެ ވަނަ ސީޒަންގައި ލިބުނީ އަށް ވަނަ އެވެ.

ނިލަންދޫ ޓީމު ޕްރިމިއާ ލީގުގައި ދެ ސީޒަން ކުޅުނު އިރު އެޓީމު ރެލިގޭޓެއް ނުވެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އަތޮޅު ފުޓުބޯޅަ މުބާރާތް ނުބޭއްވި ދިޔުމުގެ ސަބަބުން، އަތޮޅުތަކަށް ދޭ ޕްރިމިއާ ލީގު ސްލޮޓްތައް މަޑުޖައްސާލަން އެފްއޭއެމުން ނިންމީ އެވެ. އަދި މިއާ އެކު އޭރު އެންމެ މަތީ ފަންތީގައި ވާދަކުރަމުން ދިޔަ ނިލަންދޫ ސްޕޯޓްސް ކުލަބާއި ފޯކައިދޫ ފުޓުބޯޅަ ކުލަބަށް ޖާގަ ގެއްލުނެވެ.

ނިލަންދޫ ފުޓުބޯޅަ ދަނޑުގައި، ނިލަންދޫ އާއި ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ ނޮވެމްބަރު 7 ވާ ހޯމަ ދުވަހު ހަވީރެވެ.

ސެންޓްރަލް ލީގު ދެވަނަ ޑިވިޝަންގައި މުޅިއެކު ފަސް ގުރޫޕެއް ހިމެނެ އެވެ. މި ފަސް ގުރޫޕުން އެއް ވަނަ ޑިވިޝަނަށް ޖުމްލަ އަށް ޓީމެއް ހޮވޭނެ އެވެ. އެއީ ކޮންމެ ގުރޫޕެއްގެ އެއް ވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމެކެވެ.

އެހެން ނަމަވެސް ގުރޫޕް އޭ އަދި ގުރޫޕް ސީ، މިއިން ކޮންމެ ގުރޫޕެއްގައި ތިން ޓީމެއް ވާދަ ކުރަން އޮއްވައި، ކޮންމެ ގުރޫޕަކުން ވެސް ދެ ޓީމު ފަހު ވަގުތު ވާދަ ނުކުރަން ނިންމުމުން، ގުރޫޕް އޭ އިން ކުޅެން ތައްޔާރަށް ތިބި ބ. އޭދަފުށްޓާއި، ގުރޫޕް ސީ ގައި ވާދަކުރަން އޮތް އއ. މާޅޮހަށް ގުރޫޕުގެ އެއް ވަނަ ލިބުނެވެ.

ސެންޓްރަލް ލީގުގައި އެންމެ ފުރަތަމަ ކުޅުނީ ގުރޫޕް ބީ ގެ މެޗުތަކެވެ. ކ. އަތޮޅުގެ ޓީމުތައް (މާލެ ސަރަހައްދު ނުހިމެނޭހެން) ވާދަކުރި މި ގުރޫޕްގެ އެއް ވަނަ ހޯދީ ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ. އަދި ދެވަނަ ހޯދީ ގުޅި ފުޓްބޯޅަ ކްލަބެވެ.

ގުރޫޕް ޑީ ގެ ފީއަލި އަދި މަގޫދޫ ޑިސްކޮލިފައިވުމާ ގުޅިގެން ނިލަންދޫ އަދި ކުޑަހުވަދޫ އަށް އެއް ވަނަ ޑިވިޝަން ޔަގީން ވެފައި ވާއިރު، ފަހު ގުރޫޕް ކަމަށްވާ ގުރޫޕް އީ ގައި ހަތަރު ޓީމެއް އެބަ އޮތެވެ. އެއީ މ. އަތޮޅުގެ މުލައް، ވޭވަށް، މަޑުއްވަރި އަދި ނާލާފުށްޓެވެ.

ސެންޓްރަލް ލީގު އެއް ވަނަ ޑީވިޝަނުގެ ބާކީ ދެ ޖާގަ ލިބޭނީ ގުރޫޕް އީ ގެ އެއް ވަނަ އަދި ދެ ވަނައަށްދާ ޓީމަކަށެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮޅޭ

06 November 2022

ދެ ޓީމު ލީގު ކުޅެނީ. ދެ މެޗު ކުޅެގެން ޗެމްޕިއަން ހޮވަނީ. ގަވައިދުތައް މޮޅުކަމުން ތިހެން ތިވަނީ. ސާބަހޭ މުބާރާތް ހިންގާ މީހުނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454