ސެންޓްރަލް ލީގުގައި ވާދަކުރާ ބ. އޭދަފުށްޓާއި އއ. މާޅޮސް، ދެ ވަނަ ޑިވިޝަނުގައި މެޗެއް ނުކުޅެ، ދެ ޓީމު ނިސްބަތްވާ ގުރޫޕު އޭ އަދި ސީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި އެއް ވަނަ ޑިވިޝަނުން ޖާގަ ލިބިއްޖެ އެވެ.

ގުރޫޕް އޭ ގެ އެއް ވަނަ ކްލަބް އޭދަފުށްޓަށް ލިބުނީ، އެ ގުރޫޕުގައި ދެން ވާދަކުރަން އޮތް ޅ. ނައިފަރު ޖީޖީ ސްޕޯޓްސް އާއި ހިންނަވަރު ސްޕޯޓްސް ކްލަބް ވާދަ ނުކުރާތީ އެވެ.

ސެންޓްރަލް ޒޯނުން އޯޕަން ޑިވިޝަން ކުޅެފައި ވަނީ ހަމައެކަނި އޭދަފުށީގަ އެވެ. އޭދަފުށިން ދެ ޓީމެއް އޯޕަން ރައުންޑުގައި ވާދަކުރި އެވެ. އެއީ ކްލަބް އޭދަފުށްޓާއި އޭދަފުށީ ފުޓުބޯޅަ ކުލަބެވެ. ކްލަބް އޭދަފުށިން ދެ ވަނަ ޑިވިޝަނުގެ ޖާގަ ހޯދީ، ދެ ލެގަށް ކުޅުނު އޯޕަން ރައުންޑް މެޗު 2-2 ގެ އެގްރިގޭޓުން އެއްވަރު ވެގެން ޕެނަލްޓީ ގައި ކުރި ހޯދައިގެންނެވެ.

ގުރޫޕް ސީ ގައި ވެސް ތިން ރަށަކުން ވާދަކުރާ ގޮތަށް އޮތް ނަމަވެސް އއ. އުކުޅަހާއި އދ. ފެންފުށިން ވާދަ ނުކުރާތީވެ، މާޅޮހަށް އެއް ވަނަ ޑިވިޝަނުގެ ޖާގަ ޔަގީން ވިއެވެ.

ހިންނަވަރާއި ފެންފުށިން މުބާރާތުގައި ވާދަ ނުކުރާ ކަން ރަސްމީކޮށް އެފްއޭއެމަށް އަންގާފައި ވީ ނަމަވެސް، ނައިފަރާއި އުކުޅަހުން މުބާރާތުގައި ވާދަ ނުކުރާނެކަން ރަސްމީ ސިފައެއްގައި އެފްއޭއެމަށް އަންގައިފައެއް ނުވެ އެވެ. މިއާ އެކު ނައިފަރާއި އުކުޅަހުގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވަން ނިންމާފައި ވާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

ގުރޫޕް ބީ ގެ ކުޅުން ނިމިފައި ވާއިރު، އެ ގުރޫޕުގައި ހިމެނޭ ކ. ހިންމަފުށިން ވެސް މުބާރާތުގައި ވާދަ ނުކުރާން ނިންމި އެވެ. އެ ޓީމުން ވެސް މުބާރާތުން ވަކިވީ، އެފްއޭއެމަށް ރަސްމީކޮށް އެންގުމަށް ފަހު އެވެ.

ސެންޓްރަލް ލީގު ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތައް ވަނީ ފަސް ގުރޫޕަކަށް ބަހާލައިފަ އެވެ. ފަސް ގުރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ދެ ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަކަށް ވެސް އެއް ވަނަ ޑިވިޝަނުގެ ފުރުސަތު ލިބެ އެވެ.

ގުރޫޕް ބީ ގެ ދެ ވަނަ ހޯދި ގުޅި އަށް އެއް ވަނަ ޑިވިޝަނުގެ ޖާގަ

ގުރޫޕް އޭ އަދި ސީ އިން ވެސް އެންމެ ޓީމެއް ފިޔަވައި ހުރިހާ ޓީމެއް ވާދަ ނުކުރާން ނިންމުމުން، ބާކީ ތިން ގުރޫޕުގެ ދެ ވަނައަށް ދާ ޓީމުތަކަށް އިތުރު އިންތިޒާރަކާ ނުލައި، އެއް ވަނަ ޑިވިޝަނުގެ ޖާގަ ޔަގީން ވާނެ އެވެ.

މިއާ އެކު، ގުރޫޕް ބީ ގެ ދެވަނަ ހޯދި ކ. ގުޅި ފުޓްބޯޅަ ކުލަބުން އެއް ވަނަ ޑިވިޝަނުގެ ޖާގައަކަށް ކުރި އިންތިޒާރު މިވަނީ ނިމިފަ އެވެ. މި ގުރޫޕުގެ އެއް ވަނަ ހޯދައިގެން އެންމެ ފުރަތަމަ އެއްވަނަ ޑިވިޝަނުން ޖާގަ ހޯދީ ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ.

ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގައި ބާކީ އޮތް ދެ ގުރޫޕުގެ ކުޅުން ވެސް ތާވަލް ކުރެވިފައި ވަނީ އަންނަ ނޮވެމްބަރު މަހަށެވެ. މިއިން ކޮންމެ ގުރޫޕެއްގައި ވެސް ހަތަރު ރަށަކުން ވާދަކުރަން ހަމަޖެހިފައި ވެއެވެ.