ދޯހާ (ނޮވެމްބަރު 23) - ލަނޑެއް ނުޖެހި މެޗު އެއްވަރުކޮށް މޮރޮކޯއިން ވޯލްޑް ކަޕްގެ އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ މާޔޫސްކޮށްލައިފި އެވެ.
މެޗު ފަށައިގެން ފުރަތަމަ 20 މިނެޓް ތެރޭގައި ކްރޮއޭޝިއާއިން ވަނީ މޮރޮކޮގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. އެކަމަކު ރެއާލް މެޑްރިޑްގެ ތަރި ލުކަ މޮޑްރިޗް ލީޑް ކުރި ޓީމަށް މޮރޮކޯގެ ގޯލް ފޫއަޅުވައި ލުމުގައި ކާމިޔާބެއް ނުހޯދުނެވެ.
ކޮރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފުގައި މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ދިފާއު ކުރި އެވެ. ދެވަނަ ހާފުގައި ފެނުނީ އެއާ ދެކޮޅަށެވެ. މޮރޮކޯގެ ކުޅުންތެރިން ދިޔައީ ކްރޮއޭޝިއާގެ ފަހަތަށް ބާރު ބޮޑު ކުރަމުންނެވެ.
މޮރޮކޯއިން އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައެއް ދިފާއު ކުރުމުގައި ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗަށް އުނދަގޫވި އެވެ. އޭނާ ހިފަން އުޅުނު ބޯޅަ ޕަންޗުކޮށްލުމުން ބޯޅަ ދިޔައީ އޭރިއާގެ އަރިމައްޗަށެވެ.
ރެއާލްގައި މޮޑްރިޗް ފާހަގަ ކުރެވުނީ ހިލޭ ޖެހުންތަކަށާއި ކޯނަރުތަކުގައި ނުރައްކާ ކުރާ ކުރާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މި މެޗުގެ ދެވަނަ ހާފުގައި އޭނާ ވަނީ ރަނގަޅު ބޯޅައެއް މޮރޮކޯގެ އޭރިއާގެ ތެރެއަށް ނަގައިފަ އެވެ. އެކަމަކު ކްރޮއޭޝިއާގެ ފޯވާޑުންނަށް އެ ބޯޅަ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.