އިމިގްރޭޝަނުން ފެށި ބޯޑަ މައިލްސް ޕްރޮގްރާމްގައި ބައިވެރިވި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރައިފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވި ގޮތުގައި މިއީ އެ ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވީ، އިމިގްރޭޝަންގެ އެންމެ ބޮޑު އަމާޒަކީ ޓޫރިސްޓުންނަށް ރާއްޖެއަށް އަންނަ ވަގުތު ފުރަތަމަ މުއާމަލާތްކުރާ ފަރާތް، އިމިގްރޭޝަނުން ފުރިހަމަ ހިދުމަތެއް ދިނުން ކަމަށެވެ.
ހަނަފީ ވިދާޅުވީ، މިއަހަރު ނިމުމުގެ މާ ކުރިން އެއް މިލިއަން ހަމަވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މިއީ ޖެނުއިން ޓްރެވަލާސްއަށް އޮންނަ ޕްރޮގްރާމެއް. އަޅުގަނޑުމެއްނަށް ފާހަގަކުރެވޭ ރާއްޖެއަށް 14 ވަރަކަށް ފަހަރު އައިސްފައި ތިބި ޓޫރިސްޓުން. އެހެންވެ، އެފަދަ ފަރާތްތަކަށް ލޯޔަލްޓީ ހިދުމަތްތަކެއް ދިނުން މުހިއްމު ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމު ޕްރޮމޯޓްކުރުމުގެ ގޮތުން އިމިގްރޭޝަނުން ވަނީ ތިން މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ހިންގައިފަ އެވެ.
ހަނަފީ ވިދާޅުވީ، ޓޫރިސްޓުންނަށް އިމިގްރޭޝަނުން ދޭ ހިދުމަތްތައް މިހާރަށްވުރެ، ޕާސަނަލައިޒް ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމަށް އައި ހީނަރުކަމުން އަރައިގަނެ އިތުރަށް ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގުޅިގެން ހިންގި މި ޕްރޮގްރާމުގައި އަންނަ އަހަރު ވެސް އެއް މިލިއަން ހަމަކުރުމަކީ އިމިގްރޭޝަންގެ އެންމެ ބޮޑު އަމާޒެވެ.
މި ޕްރޮގްރާމު ފެށީ ޖެނުއަރީ 1، 2021 ގަ އެވެ. ބޯޑާ މައިލްސް ޕްރޮގްރާމުގެ މެންބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް އޮވެ އެވެ. އެ ޕްރޮގްރާމް ބިނާވެގެން ވަނީ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާ އަދަދާއި ހޭދަކުރާ މުއްދަތަށެވެ.
އެ ޕްރޮގްރާމްގެ ބައިވެރިންނަށް ތިން ދަރަޖައެއްގެ ފައިދާ ލިބެ އެވެ. ކޮންމެ ދަރަޖައެއް ހާސިލް ކުރާ ޓޫރިސްޓަށް ހާއްސަ ފައިދާތަކެއް ލިބޭއިރު ޕޮއިންޓު އިތުރުވާ ވަރަކަށް އެ ފައިދާތައް ވެސް އިތުރުވަމުން އަންނާނެ އެވެ.