އަހަރަކު ހަ މަސް ދުވަހަށް ބިޒްނަސް ވިސާ ދޫކުރެވޭ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
ވިޔަފާރީގެ ބޭނުމަށް ރާއްޖެއަށް ބިދޭސީން އައުމުގެ ހުއްދަ ދިނުމަށް އޮންނަ ބިޒްނަސް ވިސާ ގަވާއިދު ކުރިން އޮންނަ ގޮތުން ބިޒްނަސް ވިސާ ދޫކުރެވެނީ އަހަރަކު ގިނަވެގެން ތިން މަހަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ވިސާގެ މުއްދަތު އިތުރު ކުރެވޭނީ އެއް މަހަށް ވުރެ އިތުރުނުވާ ގޮތަށެވެ.
ބިޒްނަސް ވިސާ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އަހަރަކު 180 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ބިޒްނަސް ވިސާ ދޫކުރެވޭނެ އެވެ. އަދި އެ ވިސާގެ މުއްދަތު އިތުރު ކުރާއިރު ވެސް، 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ވިސާ އިތުރުކޮށް ދެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ބިޒްނަސް ވިސާ ލިބޭތާ ހަ މަސް ތެރޭގައި ރާއްޖެ ނައިސްފި ނަމަ، ވިސާ ބާތިލްވާ ގޮތަށް ގަވާއިދުގައި ކުރިން އޮތަސް، މިއަދު ގެނައި އިސްލާހުގައި އެ މުއްދަތު ވަނީ ތިން މަހަށް ކުރުކޮށްފަ އެވެ.
ބިޒްނަސް ވިސާ ކުރެވެނީ ސަރުކާރުން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށްޓަކަ އެވެ. އެހެން ނަމަވެސް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން އޭގެ ތެރޭގައި ނުހިމެނެ އެވެ.