ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް އީލޮން މަސްކް ހޯދައިފި އެވެ.
"ބްލޫމްބާގް" ގެ ތަފާސް ހިސާބާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކުރި ގޮތުގައި، އެންމެ މުއްސަނދި ލިސްޓުގެ ދެ ވަނަ އަށް، ދެ މަސް ދުވަހު އޮތުމަށް ފަހު، އީލޮންގެ އޮޓޮމޯޓިވް ކުންފުނި ޓެސްލާގެ ހިއްސާގެ އަގު އުފުލުމާ އެކު، މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ އޭނާ އެވެ.
މީގެ ކުރިން ވެސް އެ މަގާމުގައި ހުރި އީލޮން، މިދިޔަ އަހަރުގެ ފަހުކޮޅު މަގާމު ގެއްލި އެއް ވަނަ ލިބުނީ ފްރާންސްގެ ލަގްޒަރީ ބްރޭންޑް "އެލްވީއެމްއެޗް" ބެނާޑް އާނޯލްޓަށެވެ.
"ބްލޫމްބާގް"ގެ ހިސާބުތަކުން ދައްކާ ގޮތުގައި، އާނޯލްޓުގެ މިލްކިއްޔާތު 185.3 ބިލިއަން ޑޮލަރުގައި ހުރި އިރު، މިދިޔަ ހޯމަ ދުވަހު އީލޮންގެ އަގު ވަނީ 187.1 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
ޓެސްލާގެ އިތުރުން ސެޓަލައިޓް އިންޓަނެޓް ކުންފުނި "ސްޓާލިންކް" އަދި މަގްބޫލް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްވިޓާ" އަކީ ވެސް އީލޮންގެ ކުންފުނިތަކެވެ. އީލޮން 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެފައިވަނީ މިދިޔަ އަހަރު ތެރޭގަ އެވެ.
އޭނާ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލުނު އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ އަހަރު ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމެވެ.