މިދިޔަ އަހަރު ބާތިލް ކުރި، ޓެސްލާގެ 139 ބިލިއަން ޑޮލަރުގެ ހިއްސާގެ އޮޕްޝަންތައް ޑެލަވެއާގެ ސުޕްރީމް ކޯޓުން އިއާދަކުރުމާ އެކު އެ ކުންފުނީގެ ސީއީއޯ އީލޮން މަސްކްގެ މިލްކިއްޔާތު 749 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ފޯބްސްގެ ބިލިއަނާސް އިންޑެކްސް އިން ދައްކައިފި އެވެ.

މިއީ ޓެސްލާ އިން މަސްކަށް 2018 ވަނަ އަހަރު ކަނޑައެޅި 55.8 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ކޯޓުން ހުއްޓުވި މައްސަލައަކާ ގުޅޭ ނިންމުމެކެވެ.

މި ނިންމުމާ އެކު މަސްކް ވެފައިވަނީ މިލްކިއްޔާތަށް 700 ބިލިއަން ޑޮލަރު ހަމަވި ފުރަތަމަ މީހާއަށެވެ.

މިދިޔަ ހަފްތާގައި ވަނީ މަސްކުގެ ސްޕޭސް އެކްސް ކުންފުނިން އާންމުންނަށް ހިއްސާ ވިއްކަން އުޅޭ ކަމަށް އަޑު އެރުމާ އެކު ހިއްސާގެ އަގުތައް މައްޗަށް ގޮސް އޭނާގެ މިލްކިއްޔާތު 600 ބިލިއަން ޑޮލަރުން މައްޗަށް ވެސް ގޮސްފަ އެވެ.

މަސްކް، ޓެސްލާ ކުންފުނީގެ ހިއްސާއިން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ހިއްސާ ގަނެފައިވާކަން ރެގިއުލޭޓަރީ ލިޔެކިޔުންތަކުން މިދިޔަ ސެޕްޓެމްބަރު މަހު ހާމަވުމާ އެކު ޓެސްލާގެ ހިއްސާގެ އަގު އުފުލުނެވެ. އެ ހިއްސާތައް މަސްކަށް ދީފައިވަނީ ޓެސްލާ އިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވެއްޖެ ނަމަ، 2035 ވަނަ އަހަރުގެ ނިޔަލަށް 1 ޓްރިލިއަން ޑޮލަރު މަސްކަށް ބަދަލުގެ ގޮތުގައި ދިނުމަށް ހުށަހަޅާފައިވާ ޕްލޭނެއްގެ ދަށުންނެވެ.

ފޯބްސް މަޖައްލާއިން ނެރެފައިވާ ބިލިއަނަރުންގެ ލިސްޓުން ދައްކާ ގޮތުގައި މަސްކްގެ މިލްކިއްޔާތުގައި މިހާރު ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ގޫގުލްގެ ކޯ ފައުންޑާ ލެރީ ޕޭޖް އަށް ވުރެ 500 ބިލިއަން ޑޮލަރު އިތުރުވެފަ އެވެ.