ބީއެމްއެލްގެ އެޕްލިކޭޝަނަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފި އެވެ.
އެ ބޭންކުން ސޯޝަލް މީޑިއާގައި އާންމުކުރި ގޮތުގައި ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކޮށް، އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ޓޫ ފެކްޓާ އޮތެންޓިކޭޝަންގެ އަޕްޑޭޓެއް ކަސްޓަމަރުންނަށް ފޮނުވަމުން އަންނަ ކަމަށެވެ. އެ އަޕްޑޭޓް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
ޓޫ ފެކްޓާ އޮރެންޓިކޭޝަން ހޯދުމަށް، މިހާރު ބޭނުން ކުރާ އެޕްލިކޭޝަން އަޕްޑޭޓް ކުރުމަށް ބޭންކުން އެދުނެވެ.
އެ ސެކިއުރިޓީ ފީޗާއާ އެކު، އެކައުންޓްގެ ޔޫޒާނޭމް ފޮނުވާނީ، މޯބައިލް ނަންބަރަށެވެ. ޕާސްވާޑް ފޮނުވާނީ އީމެއިލް އެޑްރެހަށެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތަކެއް ދާދި ފަހުން ވަނީ ދިމާވެފަ އެވެ. އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ނަގާ މައްސަލަތައް ހައްލު ކުރުމަށް މީގެ ކުރިން ވެސް ބޭންކުން ވަނީ ސެކިއުރިޓީ އިތުރު ބަދަލުތައް ވެސް ގެނެސްފަ އެވެ.
ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވައިލި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.