ޕެރޫގެ ރައީސް ދީނާ ބޮލުއަރްތޭގެ ޑިކްލެއާ ނުކުރައްވައި ގެންގުޅުއްވާ ލަގްޒަރީ ގަޑިތަކެއްގެ މައްސަލައިގައި ރައީސްގެ ގެޔަށް ތަހުގީގީ އިދާރާތަކުން ވަދެ އިއްޔެ ފާސްކޮށްފި އެވެ.
އޭއެފްޕީ އަށް ލިބިފައިވާ ފުލުހުންގެ ޑޮކިއުމެންޓެއްގައިވާ ގޮތުން ފުލުހުންނާއި ޕްރޮސިކިއުޓަރުންގެ ސާޅީސް އޮފިޝަލަކު ބައިވެރިވި ރެއިޑްގައި ހޯދަން މަސައްކަތްކުރީ ބޮލުއަރްތޭ އޭނާގެ މިލްކިއްޔާތުގައި ހުރިކަން އަދި މިހާތަނަށް ހާމަކުރައްވާފައި ނުވާ ރޮލެކްސް ގަޑިތަކެކެވެ.
"ފާސްކުރީ އެ ގަޑިތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން،" ފުލުހުން ބުންޏެވެ.
ގެ ފާސްކުރަން ވަން ވަގުތު ރައީސް ގެޔަކު ނޫޅުއްވަ އެވެ.
ފުުލުހުން މި ތަހުގީގު ފަށާފައިވަނީ ބޮލުއަރްތޭ އާންމު އެކި އިވެންޓްތަކަށް ވަޑައިގަންނަވާއިރު ރޮލެކްސް ގަޑި އަޅުއްވާ ކަމަށާއި އެކި އިވެންޓްތަކުގައި ހުންނަވީ އެކި ގަޑި އަޅުއްވައިގެންކަން ނޫހަކުން ހާމަކުރުމާ އެކުގަ އެވެ.
ކުރިން އެންގުމަކާ ނުލައި ހެނދުނުގެ ވަގުތެއްގައި ގެ ފާސްކުރީ ޕްރޮސިކިއުޓަރުންގެ އެދުމަށް ސުޕްރީމް ކޯޓުން ދިން އަމުރަކަށެވެ. މި އަމުރު ހޯދީ ރައީސް މި ގަޑިތައް ބައްލަވައިގަތީ އަމިއްލަ ފައިސާއިން ކަމުގެ ހެކި ހުށަހެޅުއްވުމަށް ދިން ފުރުސަތުގައި އެކަން ނުކުރެއްވުމުންނެވެ.
މަގުބޫލުކަން ކުޑަވެފައިވާ ބޮލުއަރްތޭގެ މުއްސަނދިކަން ހޯއްދެވީ ވެރިކަމުގައި ހުންނަވައިގެންތޯ ނާޖާއިޒް ގޮތުގައި ބެލުމުގެ ތަހުގީގެއް ވެސް ދަނީ ކުރިއަށެވެ. އެކަމަކު ޕެރޫގެ ގާނޫނުއަސާސީ ބުނާ ގޮތުން މި މައްސަލަތަކުގައި ހެކި ހުއްޓަސް ޝަރީއަތެއް ހިންގޭނީ ޖުލައި 2026 ގައި ރިޔާސީ ދައުރު ހަމަވުމުން ނުވަތަ އޭގެ ކުރިން އިމްޕީޗްކޮށް ރައީސްކަމުން ދުރުކުރުމަށް ފަހުގަ އެވެ. -- އޭއެފްޕީ