ލޯތްބަކީ ވެވޭ އެއްޗެއް ބާއެވެ. ނުވަތަ ވާ އެއްޗެއް ބާއެވެ. މީހެއް ދެކެ ގަޔާވެ ހިތްކިޔަނީ ދުރާލާ މެނުއަލް އެއް ދީފަބާއެވެ. އެ މީހެއްގެ ހަސަބާއި ނަސްލާއި، ސީވީ ފެނިގެންބާ އެވެ. ކޮންމެއަކަސް މީހެއްގެ އަންބެއް ދެކެ، ފިރިއެއް ދެކެ ނުވަތަ ލޯބިވެރިއެއް ދެކެ ހިތްކިޔައިގެން، އަޅައިގަނެގެން ނުވަތަ ލޯބިވެގެން އުޅުމަކީ އިއްޔެއަކު މިއަދަކު އަހަރެމެން ތެރެއަކު ހިނގާކަމެއް ނޫނެވެ. މާ ކުރިއްސުރެ ވެސް ކަން ހިނގަމުން އަންނަ ގޮތެވެ. ފަހަރުގައި އެއްބަޔަކަށް ކަމުދަނީ ވެސް ލިބެން އުނދަގޫ ތަދު މިފަދަ އުނދަގޫ ބައެއް ހާލަތްތަކުގައި ތިބޭ މީހުން ކަމުގައި ވެސް ވެދާނެއެވެ. ކޮންމެއަކަސް މިފަދަ ހާލަތެއްގައި ތިމާ ހުރިނަމަ ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރިން މިކަންކަމާއި ވިސްނާލާށެވެ.

ތިމާގެ އިޙްސާސްތައް ވަޒަންކުރުން: ތިމާގެ އިހުސާސްތަކާއި މޮޓިވޭޝަންތައް ދެނެގަތުމަށް ވަގުތުކޮޅެއް ހޭދަކުރާށެވެ. އެ މީހާދެކެ ތިމާ އަސްލު ލޯބި ވަނީ ހެއްޔެވެ، ނުވަތަ ތިއީ އެމީހަކާއެކީ ދިރިއުޅުމެއް ބިނާކުރެވިއްޖެ ނަމަ ވާނެގޮތުގެ އުފާވެރިކަމުގައި ކުރެވޭ ޚިޔާލީ އިހުސާސްތަކެއް ހެއްޔެވެ؟ ފަހަތަށް ފިޔަވަޅެއް އަޅާ، ކުރަން ތިޔަ ގަސްތު ކުރާ ކަމެއްގެ ކުޑަ ބޮޑު މިނާއި ދޭތެރޭ ވިސްނާ، ކައިވެންޏެއްގެ މަތީގައި ހުރި މީހަކާއި ގުޅިއްޖެ ނަމަ ނުކުމެދާނެ ނަތީޖާތަކާމެދު ރަނގަޅަށް ފިކުރު ކޮށްލާށެވެ.

ބައުންޑަރީސް ތަކަށް އިހުތިރާމް ކުރުން: ތިމާ ޝައުގުވެރިވާ މީހާއާއި އެ މީހުންގެ ބައިވެރިއާއާ ދެމެދު އޮންނަ ކޮމިޓްމަންޓް ދެނެގަނެ އިހުތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ މީހުންނާ ލޯބީގެ ގުޅުމެއް އުފެއްދުމަކީ އެ މީހުންގެ ކައިވެންޏަށާއި އާއިލާ އަށް ގެއްލުން ލިބިދާނެ ކަމެއްކަން ވިސްނާށެވެ. އަދި ތިފަދަ ގުޅުމަކާ މެދު އަނެކާގެ ހިތުގައި އޮތީ ކޮންކަހަލަ ނިޔަތެއްކަން ސާފުކޮށްލާށެވެ. ފަހަރުގައި ފަހުން ބުނާ ބުނުމަކުން ލިބިދާނެ ހިތާމައަކުން ދުރާލާ ސަލާމަތްވެ ތިބުން ބުއްދިވެރިއެވެ.

ނަތީޖާއަށް ވިސްނާށެވެ: ތިމާގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާ މެދު ވިސްނާށެވެ.ކުރިއަށް އޮތީ ހުސް ވެސް ޑްރާމާ ކަމުގައި ވެދާނެއެވެ. ކައިވެނިކޮށްގެން އުޅޭ މީހަކާ ގުޅުން ހިންގުމަކީ އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޖަޒުބާތީ ގޮތުން ހަލަބޮލިވުމުގެ އިތުރުން އަބުރާއި ގުޅުންތަކަށް ގެއްލުން ލިބިދާނެ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ދަރިން ތިބިކަމުގައިވާ ނަމަ ޖެހޭ މައްސަލަތައް އިތުރުވާނެއެވެ. ކައިވެނިނުކޮށް އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ އެމީހެއްގެ ވަފާތެރިކަމާއި މެދު ސުވާލުކޮށްލާށެވެ. މާދަމާ ތިބާއަށް ވެސް އެހެން ނުހަދާނެކަމާ މެދު އެއްވެސް ޔަގީންކަމެއް އެބައޮތް ހެއްޔެވެ؟

ސަޕޯޓް ހޯދުން: މިފަދަ އުނދަގޫ ކަނޑެއްގައި ގިނިކަންޏާ ދަތުރުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އިތުބާރު ހުރި ރައްޓެއްސަކަށް ނުވަތަ ތެރަޕިސްޓަކަށް ތިމާގެ އިހުސާސްތައް ހިއްސާކުރާށެވެ. އެހެން މީހެއްގެ ޕާސްޕެކްޓިބް ލިބި ތިމާގެ އިހުސާސްތައް ބޭރުކޮށް ޝުއޫރުތައް އަޑުއަހާނެ މީހެއް ހުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ވެސް މުހިންމު ކަމެކެވެ.

ދިގުމުއްދަތުގެ އަސަރަށް ވިސްނާށެވެ: ތިމާގެ އަމަލުތަކުގެ ސަބަބުން ދިގުމުއްދަތަކަށް ކުރާނެ އަސަރުތަކާ މެދު ވިސްނާށެވެ. ތި ގުޅުމަކީ ދިގު މުއްދަތުގައި ދެމެހެއްޓެނިވި އަދި ފުރިހަމަ ގުޅުމެއް ހެއްޔެވެ، ނުވަތަ ހިތްދަތިކަމާއި މާޔޫސްކަމަށް އަމިއްލައަށް ސެޓް ކުރަނީ ހެއްޔެވެ؟

އަމިއްލަ އަށް ފަރުވާތެރިވުމަށް ފޯކަސްކުރުން: މި މުޅި ޕްރޮސެސްގައި އަމިއްލަ ޖަޒުބާތީ ދުޅަހެޔޮކަމަށް އިސްކަން ދޭށެވެ. ތިމާގެ އަގު ދަށްވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުނަ ނުދޭށެވެ. އަމިއްލަ ނަފްސަށް އަޅާލުމުގެ ހަރަކާތްތަކުގައި ބައިވެރިވެ، ޖަޒުބާތުތަކާ ކުރިމަތިލާން އުނދަގޫވާ ނަމަ ޕްރޮފެޝަނަލް ސަޕޯޓް ހޯދުމަށް ވިސްނާށެވެ.