މީހަކާ ބައްދަލުވެ, ދެ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ އެ ގުޅުން ލޯތްބާ ދިމާލަށް ދާއިރު ވެސް އެ ގުޅުން "އޮފިޝަލް" ކުރަން އުނދަގޫވާ ފަހަރު އާދެ އެވެ. މި ޒަމާނުގަ ދެ މީހުން ރައްޓެހިވެގެން އުޅޭ ދެ ލޯބިވެރިންހެން އުޅޭއިރު ވެސް, އެކަކު ހުންނަނީ އެ ގުޅުމަށް ރިލޭޝަންޝިޕެކޭ ކިޔަން ބިރުންނެވެ.

އަނެކަކު ހުންނަނީ އެ ގުޅުމަށް ރިލޭޝަންޝިޕްގެ ލޭބަލް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

މިހެން ދިމާވުމުގައި އެކި މީހުންނަށް އެކި ސަބަބުތައް ހުރެދާނެ އެވެ.

އެހެން މީހުންނާ ގުޅުން ބާއްވަން ބޭނުންވުން

ބައެއް މީހުން ރިލޭޝަންޝިޕަކަށް ދާން ބޭނުން ނުވަނީ "މިއަށްވުރެ ރަނގަޅު މީހަކު ފެނޭތޯ" އޮޕްޝަންސްތައް އޯޕަންކޮށް ބާއްވާށެވެ. ކިތަންމެ ގާތް ގުޅުމެއް މީހަކާ އެކު އޮތަސް އެޔަށް "ރިލޭޝަންޝިޕެކޭ" ނުކިޔާ ނަމަ, އެހެން މީހުން ކައިރިއަށް ޗީޓާއެއްގެ ލޭބަލް ނުލިބި ދެވޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. މިއީ "މޮޑާން ކެޝުއަލް ޑޭޓިން"ގެ ސަބަބުން ބައެއް މީހުންގެ ވިސްނުން މިހާރު ބައްޓަންވެފައިވާ ގޮތެވެ.

ކުރީގެ ތަޖުރިބާތަކާ ހެދި "ކޮމިޓްމަންޓް އިޝޫޒް" ހުރުން

އެންމެ ގިނަ މީހުން ރިލޭޝަންޝިޕް ލޭބަލް ދެކެ ބިރުގަނެ, ދެ މީހުންގެ މެދުގައި އޮންނަ ގުޅުމަށް ރިލޭޝަންޝިޕެކޭ ކިޔަން ބޭނުންނުވަނީ އެ މީހެއްގެ ހުންނަ ކޮމިޓްމަންޓް އިޝޫޒްތަކާ ހެދި އެވެ. އާއްމުކޮށް އެންމެ ގިނަ މީހުންގެ ކޮމިޓްމަންޓް އިޝޫޒް ހުންނަނީ ކުރީގެ ރިލޭޝަންޝިޕެއްގައި ކުރެވިފައި ހުރި ތަޖުރިބާއަކުންނެވެ. ނުވަތަ އާއިލާ ތެރެއިންނާއި ގާތް މީހުންގެ ފަރާތުން ލޯބީގެ ރަނގަޅު މިސާލެއް ނުފެނި އަބަދު ކޯޅުމާއި އަރައިރުމުގެ މަންޒަރުތައް ފެންނާނީ އެވެ. އަދި އިތުބާރުކުރަން އުނދަގޫވުމާއި ރިލޭޝަންޝިޕަކަށް ދިއުމުން އަންނާނެ އެކްސްޕެކްޓޭޝަންތައް ދެކެ ބިރުންނެވެ.

އަދިވެސް ކުރީގެ ރިލޭޝަންޝިޕުން މޫވްއޮން ނުކުރެވި ހުރުން

ބައެއް މީހުންނަށް ރިލޭޝަންޝިޕަކަށް ދާން އުނދަގޫ އަނެއް ސަބަބަކީ ކުރީގެ ލޯބިވެރިޔާ ލިބޭނެ ކަމަށް އިންތިޒާރުކުރެވުމެވެ. އަދި އެ ރިލޭޝަންޝިޕުން އަރައިނުގަނެވުމެވެ. ގިނަ ފަހަރު މި ކަހަލަ މީހުން އެހެން މީހުންނާ އެކު ގާތް ގުޅުމެއް ބާއްވަނީ ވެސް "ޑިސްޓްރެކްޝަނެއް"ގެ ގޮތުގަ އެވެ.

ކޮންމެ ސަބަބަކާ ހުރެ ވިޔަސް, ދެ މީހުން ރައްޓެހިވެގެން އުޅޭ ދެ ލޯބިވެރިންހެން އަބަދު ފޯނުގައި އޮވެ, އެކުގައި އެތައް ވަގުތެއް ހޭދަކުރަނީ އެ ގުޅުމުގައި ލޭބަލެއް ޖަހަން ފަސް ޖެހޭ މީހަކާ އެކު ނަމަ އެންމެ ރަނގަޅު ވާނީ އެ މީހަކު ދޫކޮށްލުމެވެ. އާދޭސް ކޮށްގެން ފަށާ ރިލޭޝަންޝިޕެއް ރަނގަޅު ގޮތުގައި ކުރިއަށް ގެންދަން އުނދަގޫވާނެ އެވެ.