ފެނަކަ ކޯފަރޭޝަންގެ ޗެއާމަން އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކޮށްފި އެވެ.
ޝަހީރުގެ އިތުރުން ފެނަކައިގެ ބޯޑުގެ މެމްބަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރީ އަހުމަދު އީހާބާއި އިބްރާހިމް ނާއިފެވެ.
އެ ބޭފުޅުން ވަކިކުރި ސަބަބާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބަހެއް ނުލިބެ އެވެ.
ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެއީ 2015 އިން 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ހަމައަށެވެ.
ޝަހީރު ބޮޑު ބައެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު ހޭދަ ކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ.