އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް މި އަހަރު 63 މިލިއަން ރުފިޔާގެ ބަޖެޓެއް ރޭ ފާސްކޮށްފި އެވެ.
އެމްއޯސީގެ ބަޖެޓްގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރެވެ. އެމްއޯސީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ތަމޫހް ސައީދު ވިދާޅުވީ ގޭމްސްތަކަށް ކުރާ ހަރަދުގެ އިތުރުން ބައެއް އެހެނިހެން ޕްރްޖެކްޓްތަކަށް ސަރުކާރުން ބަޖެޓް ސަޕޯޓް ފޯރުކޮށްދޭނެ ކަމަށެވެ.
މީރުމާ ހޮޓެލްގެ ކާނިމާ މާލަމްގައި ބޭއްވި ކޮންގްރެސްގައި ފާސް ކުރި ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރާނީ ރާއްޖޭން މި އަހަރު ވާދަކުރާ ގޭމްސްތަކަށެވެ.
ރާއްޖެ އަށް މިއަހަރު އެންމެ ބޮޑު ގޭމްސްއަކީ ޕާކިސްތާނުގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އެވެ. އެކަމަކު އެކި ފަހަރުމަތިން ފަސް ކުރަމުންދިޔަ ގޭމްސް ބާއްވާނެ ތާރީހެއް އަދި ވެސް އެ ގައުމުން އިއުލާނެއް ނުކުރެ އެވެ.
އެ ގޭމްސް މި އަހަރު އެ ގައުމުގައި ނުބާއްވައިފިނަމަ އެ ފުރުސަތު ޕާކިސްތާނު އަތުން ނަގާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.