ހުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދު ލ. އަތޮޅާއި ރ. އަތޮޅުގައި ގިނަ ވަނީ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހިގެން ލ. އަތޮޅާއި ރ. އަތޮޅުގެ ރަށްތަކުން ރިޕޯޓު ކުރަމުން އަންނަ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.


އެޗްޕީއޭ އިން ބުނި ގޮތުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުން ދާއިރު، ބައްޔަށް ޝައްކުކުރެވިގެން މިހާތަނަށް ޖުމުލަ 343 މީހަކު ޓެސްޓް ކޮށް، 108 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ހިސާބުތަކަށް ބަލާއިރު އެޗް1އެން1 އަށް މިދިޔަ އެއް ދުވަހުގެ ތެރޭގައި ޕޮޒިޓިވް ވީ އެންމެ ތިން މީހެކެވެ.

އެޗް1އެން1 ގައި މިހާތަނަށް މަރުވީ ދެ މީހުންނެވެ. އެއީ މި މަހުގެ ހަތަރުވަނަ ދުވަހު އައިޖީއެމްއެޗްގައި މަރުވި އުމުރުން 26 އަހަރުގެ ފިރިހެނަކާއި އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުދަދުވަހު މަރުވި އަންހެނެކެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ހުމުގައި އިއްޔެ އެންމެ ގިނައިން ފަރުވާ ހޯދީ ލ. އަތޮޅުންނެވެ. އެ އަތޮޅުން 167 މީހަކު ފަރުވާ ހޯދިއިރު، ރ. އަތޮޅުގެ އަދަދު އުޅެނީ 150ގަ އެވެ. ހދ. އަތޮޅުން 129 މީހަކާއި ކ. އަތޮޅުން 116 މީހަކު ހުމަށް ފަރުވާ ހޯދާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އިއްޔެ ހާމަކުރި ހިސާބުތައް ދައްކާ ގޮތުން ލ. އަތޮޅުން ހުމުގެ ރޯގޯ އަށް ފަރުވާ ހޯދީ 101 މީހެކެވެ. ރ. އަތޮޅުން 27 މީހަކު ފަރުވާ ހޯދިއިރު، ހދ. އަތޮޅުން 116 މީހަކު ފަރުވާ ހޯދި އެވެ. އަދި ކ. އަތޮޅުން 88 މީހަކު ފަރުވާ ހޯދި ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ހުމާއި ރޯގާގައި 1،153 މީހުން ޑޮކްޓަރަށް ދެއްކިއިރު، އެކި އަތޮޅުތަކުގެ އަދަދު އުޅެނީ 1،151ގަ އެވެ. އަދި އެޑްމިޓްކޮށްގެން ހަމައެކަނި އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ 15 މީހުންނަށް ކަމަށާއި އަތޮޅުތަކުގައި ފަރުވާދެނީ 34 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.

އެޗް1އެން1 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާއީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށް އަދި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ.