ބާނެބެއު ސްޓޭޑިއަމްގައި 19 އަހަރަށް ފަހު ސެލްޓަ ވީގޯއިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ވިލިއޮޓް ސްވެޓްބާގް ޖެހި ދެ ލަނޑާ އެކު ސެލްޓަވީގޯ މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ސެވިޑެންގެ ސްވެޓްބާގް ފުރަތަމަ ލަނޑު ޖެހީ ގޯލާ ދިމާލަށް ބަލައިވެސް ނުލައި އޭނާގެ ފުންނާބުންނެވެ.
ބާނެބެއުގައި ސެލްޓައިން ރެއާލްގެ މައްޗަށް މީގެ ކުރިން ކުރި ހޯދީ މީގެ 19 އަހަރުން ކުރިން 2006 ގަ އެވެ. ސެލްޓަގެ މި މޮޅާ އެކު ކުރިން 14 ވަނައިގައި އޮތް ޓީމު ވަނީ 10 ވަނަ އަށް ޖެހިލާފަ އެވެ. ރެއާލް ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.
ރެއާލްގެ އަނިޔާގެ ލިސްޓަށް ރޭ އިތުރުވި ކުޅުންތެރިޔަކީ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ. ފުރަތަމަ ހާފުގައި އޭނާ އަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލު ކުރަން ޖެހުނެވެ. ރެއާލްގެ ސެންޓްރަރަލް ޑިފެންޑަރުގެ ތެރެއިން ތިން ކުޅުންތެރިން މިހާރު ތިބީ އަނިޔާ އެވެ. އެއީ މިލިޓާއޯގެ އިތުރުން ޑީން ހައުސަން އާއި ޑޭވިޑް އަލަބާ އެވެ. އެންޓޯނިއޯ ރޫޑިގާ އަނިޔާއިން ރަނގަޅުވީ ދާދި ފަހުންނެވެ. ރޭގެ މެޗުގައި ބެންޗުގައި އޭނާ ބައިދަން ކޯޗު ޒަބީ އަލޮންސޯ ނިންމިއަސް، މިލިޓާއޯ އަށް އަނިޔާވުމާ އެކު ރޫޑިގާ އަށް ފުރުސަތު ދޭން މަޖުބޫރުވި އެވެ.
އަލްވާރޯ ކަރޭރަސް އާއި ފްރާން ގާސިއާ އަށް ރަތް ކާޑް ދެއްކުމުން، ރެއާލުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. މެޗުގައި އެ ޓީމަށް ކުރިމަތިވި ހާލަތާ ހެދި ކޯޗު ޒަބީ ހުރީ ރުޅި ގަދަ ވެފަ އެވެ.
"އަހަރެމެން މި ތިބީ ރުޅި އައިސްފައި. އަހަރެމެން ކުޅުނީ އަހަރެމެން ބޭނުންވި ގޭމެއް ނޫން. ބޭނުންވި ނަތީޖާއެއް ނޫން. މިލިޓާއޯ އަށް ކުރިމަތިވި އަނިޔާގެ ސަބަބުން އަހަރެމެންނަށް ވަރަށް ކަންކަން އުނދަގޫވެއްޖެ. ބ ބަލިން ރަނގަޅުވާން އުނދަގޫވީ. އަހަރެމެން މަސައްކަތް ކުރީ ކަންކަން ހަމަޔަކަށް އަޅުވަމުން ކުރިއަށްދާން އެކަމަކު އެއީ އަހަރެމެން ބޭނުންވި ގޭމެއް ނޫން. އަހަރެމެން އެބަޖެހޭ ވީހާ ވެސް އަވަހަކަށް ކުރިއަށް ދާން، ބާކީ އޮތީ ވަރަށް ގިނަ މެޗުތަކެއް،" ޒަބީ ބުންޏެވެ.
އޭނާ ބުނީ ރެއާލްގެ ކަރުބުޑުގައި ލީ ހިތި ރަހަ ފިލުވާލަން، އޮތް މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކަމަށެވެ.
"އަނގައިގައި ލީ ރަހަ ފިލުވާލަން އޮތް މެޗަކީ ސިޓީއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗު،" ޒަބީ ބުންޏެވެ.