ނޭމާގެ ހިއްސާއާ އެކު ބްރެޒިލްގެ ތާރީހީ ކްލަބް ސަންޓޯސް ރެލިގޭޝަނުން ސަލާމަތްވެއްޖެ އެވެ.
ކްރެޒޭރޯއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗު 3-0 ން ކާމިޔާބުކޮށް ސަންޓޯސް ވަނީ 20 ޓީމު ވާދަކުރާ ލީގުގެ 12 ވަނަ ހޯދައިފަ އެވެ.
ނާމޭ ކުޅުން ފެށީ ސަންޓޯސްއިންނެވެ. އަލުން އެ ކްލަބާ އޭނާ ގުޅުނީ ޖެނުއަރީ މަހު އެވެ.
ސަންޓޯސް އޮތީ އަލުން ބިނާ ކުރުމުގެ މަރުހަލާގަ އެވެ. މަޝްހޫރު ޕެލޭ ވެސް ކުޅުނު ކްލަބް 2023 ގައި ރެލިގޭޓްވި އެވެ. މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބުކޮށް ސަންޓޯސް އަލުން ބްރެޒިލްގެ މައި ލީގު ސެރީ އާ އަށް ޕްރޮމޯޓްވީ މި އަހަރު އެވެ.
އެ ޓީމު އަނެއްކާ ވެސް ރެލިގޭޓް ވެދާނެކަމުގެ ބިރު މި އަހަރު ވެސް ކުރިމަތިވި އެވެ.
އޭޕްރީލް މަހު ފެށި ލީގުގައި 38 ބުރުގެ ތެރެއިން ނޭމާ ވަނީ 19 މެޗުގައި ކުޅެފަ އެވެ. އަށް ލަނޑު އޭނާ ޖެހި އެވެ. އޭނާ ހިއްސާވެ ސަންޓޯސް ވަނީ ލީގުގައި ދެމިއޮތުން ކަށަވަރުކޮށްފަ އެވެ.
"އަހަރެން އައީ އެކަމަށް. އަހަރެންނަށް ވީ އެންމެ ބޮޑަށް އެހީ ވެވެތޯ މަސައްކަތް ކުރީ. އުނދަގޫ ހަފުތާތަކެއް އަހަރެމެން ތަހައްމަލު ކުރިން. އަހަރެންނަށް ހިތްވަރު ދޭން ތިބި މީހުންނަށް ޝުކުރުއަދާ ކުރަން. އެ މީހުން ނެތް ނަމަ މި އަނިޔާ އެކު އަހަރެން ނުކުޅޭނެ. ކަކުލުގެ މި މައްސަލަ. އަހަރެން ބޭނުން އަރާމުކުރަން އަދި އެއަށް ފަހު ކުކުލުގެ އޮޕަރޭޝަން ކުރުން،" މެޗަށް ފަހު ނޭމާ ބުންޏެވެ.
"އެކަމަކު ކަކުލުގެ އޮޕަރޭޝަން ކުރާނެ ވކި ދުވަސްވަރެއް ނޭމޭ ނުބުނެ އެވެ. އަންނަ ޖޫން ޖުލައިގައި ބޭއްވާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ޓީމުގައި ހިމެނުމަކީ ނޭމާގެ އުއްމީދެކެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފައި ވަނީ ނޭމާ ފިޓްކޮށް ހުރެއްޖެނަމަ ވޯލްޑް ކަޕް ސްކޮޑަށް އޭނާ ނަގާނެ ކަމަށެވެ. މެއި މަހު ބްރެޒިލްގެ ކޯޗު ކަމާ ހަވާލުވި އިޓަލީގެ އަންޗެލޮޓީގެ ކޯޗުކަމުގެދަށުން ނޭމާ އަދި ނުކުޅެ އެވެ.
ބްރެޒިލްގެ ލީގު ޗެމްޕިއަންކަން ހޯދީ ފްލެމެންގޯ އެވެ. އެ ކްލަބުން ބްރެޒިލްގެ ލީގު ޗެމްޕިއަންކަން އެ ހޯދީ ނުވަވަނަ ފަހަރަށެވެ.