ގޯލު ޖެހުމުގައި ހުޝިޔާރު ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) މިވަނީ ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި އަނެއްކާ ވެސް އޭނާގެ ނަން ފަވާލައިފަ އެވެ. ދިވެހި ލީގުގެ ނަން ދިވެހި ޕްރިމިއާ ލީގަށް ބަދަލުކޮށް، މިހިނގާދިޔަ 10 އަހަރުވީ ތާރީހުގައި އަނެއްކާވެސް ރިޒޭ، މި ވަނީ އައު ރެކޯޑެއް ހަދައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ގޮތުގައި، ރާއްޖޭގެ އެންމެ މަތީ ލީގު ތައާރަފްކުރި ފަހުން އެއް ކްލަބެއްގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއަކީ ވެސް ކ. ދިއްފުއްޓަށް އުފަން ރިޒޭ އެވެ. ކްލަބް އީގަލްސް އަށް 100 ގޯލު ޖަހައިދީ، ރިޒޭ ވަނީ އެ ޝަރަފް ހާސިލުކޮށްފަ އެވެ.
ލީގުގައި، ރިޒޭ އީގަލްސް އަށް 100 ވަނަ ލަނޑު ޖަހައިދީފައިދިނީ މިދިޔަ މަހުގެ 28 ގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ވިކްޓަރީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، އީގަލްސްއިން 2-2 އެއްވަރުކުރީ ރިޒޭ ޖެހި ދެ ގޯލުންނެވެ. އޭނާގެ 100 ވަނަ ލަނޑުޖަހަން އެސިސްޓް ކުރީ އޭނާގެ ދެބެންގެދެދަރި ކޮއްކޮ، ޒައިން ޒަފަރެވެ. އެ ވަގުތު އިސްމާއިލް އީސާ (މެސީ) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވެސް އީގަލްސްގެ ޖޯޒީގައި ދަނޑުމަތީގައި ތިއްބެވެ.
އީސައަކީ 2015 ވަނަ އަހަރު މަހިބަދޫއާ ދެކޮޅަށް، އީގަލްސް ކުޅުނު މެޗުގައި އޭރު އުމުރުން 19 އަހަރުގެ ރިޒޭ އަށް، އޭބާގެ ފުރަތަމަ ޕްރިމިއާ ލީގު ފުރަތަމަ ލަނޑު ޖަހަން އެހީތެރިވި ކުޅުންތެރިޔާ އެވެ. އަދި ފޭދޫ އިއްބެ ވަނީ މިދިޔަ ސީޒަންގައި ސުޕަ ޔުނައިޓެޑް (ސަސް) އާ ދެކޮޅަށް ޢީގަލްސް ކުޅުނު މެޗުގައި ޕްރިމިއާ ލީގުގައި ރިޒޭ ޖެހި 100 ވަނަ ލަނޑަށް އެސިސްޓްކޮށް ދީފަ އެވެ.
އީގަލްސްގެ ޔޫތު ޓީމުން ކުރިއެރުން ހޯދައި، އީގަލްސްގެ ސީނިއާ ޓީމާ އެކު ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި އޭނާ ކުޅެން ނުކުތީ 2015 ގައި ދިވެހި ޕްރިމިއާ ލީގަށެވެ.
ރިޒްވާން ވަނީ މިހާތަނަށް ލީގުގައި 106 ގޯލު ޖަހައިފަ އެވެ. އޭގެތެރެއިން ހަ ގޯލު ޖެހީ 2017 ވަނަ އަހަރު، ލޯނު އުސޫލުން ގދ. ތިނަދޫ ޓީމަށް ކުޅެމުންނެވެ. އެ އަހަރުގެ މާލީ ލީގުގެ ގަދަ ހަތަރަކަށް އީގަލްސް އަށް ނުވަދެވުމުން، ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް އެ ޓީމަށް އެ އަހަރު ނުލިބުނެވެ. އީގަލްސްގެ ބައެއް އެހެން ކުޅުންތެރިންނާ އެކު ރިޒޭ ވެސް ލޯނު އުސޫލުން އެ ސީޒަނުގެ ބާކީބައިގައި ކުޅުނީ ތިނަދޫ ޓީމަށެވެ.
ރިޒޭ ޕްރިމިއާ ލީގުގައި އީގަލްސް އަށް ޖަހައިދިން ގޯލު:
• 2015: 4 ގޯލު
• 2016: 3 ގޯލު
• 2018: 31 ގޯލު
• 2019/20: 28 ގޯލު
• 2020/21: 1 ގޯލު
• 2022: 6 ގޯލު
• 2023: 23 ގޯލު
• 2025/26: 4 ގޯލު
ރިޒޭއަކީ އެއް ފަހަރަށް ވުރެ ގިނައިން ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރު އޭނާ މި މގާމު ހޯދީ ލީގުގައި އަދިވެސް ރެކޯޑް އަދަދެއް ކަމަށްވާ 31 ގޯލު ޖަހައިގެންނެވެ. އެ ސީޒަންގައި އޭނާ ވަނީ ވިދިވިދިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، ދުނިޔޭގެ ރެކޯޑަކާ ވެސް އެއްވަރު ކޮށްފަ އެވެ.
ޖެހިގެން އައި 2019/2020 ސީޒަންގައި ރިޒުވާން ވަނީ ލީގުގައި 28 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެންމެ ފަހުން އޭނާ ވަނީ މިދިޔަ ސީޒަން (2023) ގައި 23 ގޯލާ އެކު ލަނޑު ލިސްޓުގެ އެއްވަނަ ހޯދައިފަ އެވެ.
މިދިޔަ ސީޒަނުގައި ރިޒުވާން ވަނީ ލީގުގައި އެ ޓީމު ކުޅުނު 13 މެޗުގެ ތެރެއިން ފުރަތަމަ 12 މެޗުގައި ލަނޑު ޖަހައިފަ އެވެ. ލަނޑު ނުޖެހިނީ، ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށެވެ. އެއީ އީގަލްސް އެ ފަހަރު ލީގުގައި ބަލިވި ހަމައެކަނި މެޗު ވެސް މެއެވެ.
މިދިޔަ ސީޒަނުގައި އޭނާ ދެއްކި ކުޅުމާ އެކު، މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވެސް ރިޒޭ ހޯދި އެވެ.
އީގަލްސްގެ ކުރީގެ ކެޕްޓަން ހުސައިން ސިފާއު ޔޫސުފް (ކުރޯ) 2020/2021 ވަނަ ސީޒަނަށް ފަހު ކްލަބް ދޫކޮށް މާޒިޔާ އަށް ބަދަލުވުމުން ކްލަބްގެ ކެޕްޓަންކަމުގެ ޒިންމާ ހަވާލު ކުރީ ރިޒޭ އަށެވެ އޭނާގެ ކެޕްޓަންކަމުގައި ފުރަތަމަ ދެ ސީޒަންގައި ވެސް ވަނީ ލީގުގެ ދެވަނަ ހޯދައިފަ އެވެ.
މި ސީޒަން ވެސް އީގަލްސްގެ ފެށީ ރިޒޭގެ ކެޕްޓަންކަމުގެ ދަށުންނެވެ. ނަމަވެސް ލީގުގެ 10 މެޗަށް ފަހު، ލޯނު އުސޫލުން ރިޒޭ ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ. މި ސީޒަންގެ ބާކީބައި އޭނާ ހޭދަކުރާނީ ވިކްޓަރިގަ އެވެ.
ލޯނު އުސޫލުން އޭނާ ބަދަލުވާނީ ނިއު ރޭޑިއަންޓަށް ބެލެވުނު ނަމަވެސް ފަހު ވަގުތު ވިކްޓަރީ އަށް ބަދަލުވެ، ރިޒުވާން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ނިއު އާ ދެކޮޅަށް އޭނާ ފުރަތަމަ ފަހަރަށް ވިކްޓަރީ އަށް ކުޅެފަ އެވެ. ނިއުއިން ލީޑް ނަގާފައި ވަނިކޮށް ވިކްޓަރީ އަށް ނަތީޖާ ހަމަޖމަކޮށް ދޭން ސްލޮވާކިއާގެ ފޯވާޑް މިލޯސް ލަޗްނީ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ރިޒޭ އެވެ. ވިކްޓަރީން އެ މެޗު ކާމިޔާބު ކުރީ ފަހަަތުން އަރައި 3-1 ންނެވެ.