ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދޭން ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑް މާލެ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ޕްރޮގްރާމަކީ ކޯޑުކުރުމުގެ ދާއިރާއިން ކުރިން އެއްވެސް ތަމްރީނެއް ހާސިލްކޮށްފައި ނުވާ، ދާއިރާއަށް މުޅިން އާ އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާ އަށް ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ގާލްސް ޓު ކޯޑް މާލެ އެޑިޝަން ޕްރޮގްރާމް، 17 އަންހެން ކުއްޖަކު ވަނީ ފުރިހަމަކޮށްފަ އެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓު ދޭން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަހުމަދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަ ދާއިރާއަކީ ޓެކްނޮލޮޖީއަށް ވާއިރު، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި އަންހެނުން ބާރުވެރިކުރަން ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުން އަންނަ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ފާހަގަކޮށް ދެ ފަރާތުން ކުރަމުން އަންނަ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދާ ކަމަށެވެ.
"މި ފުރުސަތުގައި މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމި ހުރިހާ ބައިވެރިންނަށް ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރަން. މި ޕްރޮގްރާމްގެ ތެރެއިން ދަސްވި ހުނަރާއި މައުލޫމާތުގެ އެހީގައި، ބައިވެރިންގެ ތައުލީމީ އަދި މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލްކޮށް، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން،'' އޭނާ ވިދާޅުވި އެވެ.
ދިރާގު "ގާލްސް ޓު ކޯޑް" ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް ނަހްޒާ އިބްރާހިމް ވަނީ އެ ޕްރޮގުރާމުން ދަސްވި ހުނަރުތަކާއި މައުލޫމާތު ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ތަރައްގީކޮށް، ތައުލީމީ މާހައުލުތަކާއި މަސައްކަތުގެ ދާއިރާގައި ފުރިހަމަ ގޮތުގައި ބޭނުންކޮށް، އޭގެ ފައިދާ ހޯދަން ބައިވެރިންނަށް ގޮވާލައްވައިފަ އެވެ.
ދިރާގު "ވިމެން އިން ޓެކް" ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެ ފީލްޑްތަކުން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް އަދި އިންޑަސްޓްރީއާ ބޮޑަށް ގާތްކުރުމުގެ މަގުސަދުގައި މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފަ އެވެ. އަދި “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ކެރިއާ ގައިޑެންސް ހާއްސަ ވޯކްޝޮޕެއް، ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގައި މި އަހަރު ވަނީ ތައާރަފްކޮށްފަ އެވެ.
އެ ވޯކްޝޮޕް މެދުވެރިކޮށް ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ތަޖުރިބާތައް ބައިވެރިންނާ ވަނީ ހިއްސާކޮށްފަ އެވެ.
ދިރާގު "ގާލްސް ޓު ކޯޑު" ޕްރޮގްރާމްގެ ބައިވެރިންނަށް ފަންޑަމެންޓަލް ކޯޑިން ސްކިލްސް ވަނީ ދަސްކޮށްދީފަ އެވެ. އަދި ކުރިން ކޯޑުކުރުމުގެ ތަޖުރިބާ ލިބިފައި ނުވިޔަސް، ޕްރޮގްރާމް ނިމުނުއިރު އަމިއްލައަށް ކޯޑުކޮށް، މިނީ ޕޯޓްފޯލިއޯ ވެބްސައިޓްތައް އުފެއްދުމުގެ ހުނަރު ބައިވެރިން ހޯދި އެވެ. އަދި އެ ހުނަރު އަމަލީގޮތުން ބޭނުންކޮށް ކެޕްސްޓޯން ޕްރޮޖެކްޓް ތައްޔާރުކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ މެންޓާޝިޕް ވެސް އެ ފަރާތްތަކަށް ލިބުނެވެ.
މާލޭގެ އިތުރުން ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ، ލާމު އަތޮޅު އަދި ދިއްދޫގައި މި ޕްރޮގްރާމް ހިންގާފައިވާ އިރު، މިހާތަނަށް މި ޕްރޮގްރާމް މެދުވެރިކޮށް ޖުމްލަ 108 ބައިވެރިން ވަނީ ތަމްރީނުކޮށްފަ އެވެ.