ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓު "ސްވައިޕް" ގެ ބީޓާ ޓެސްޓިންގެ މަރުހަލާ ފަށައިފި އެވެ.

އެ ބޭންކުން މިއަދު ބުނީ "ސްވައިޕް"ގެ ބީޓާ ޓެސްޓިން މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ "ސްވައިޕް"ގެ ހިދުމަތް އާއްމުކޮށް ހުޅުވައިލުމުގެ ކުރިން، އެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރާ މުހިންމު ޓެސްޓިންއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ވޮލެޓް "ސްވައިޕް" އަށް ވިޔަފާރިތައް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭގެ އިތުރުން އަންނަ މަހު، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުން މިހާރު އަންނަނީ "ސްވައިޕް" އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ކާމިޔާބުކަމާ އެކު އެ ހިދުމަތް ތައާރަފު ކުރުމަށް ފަހު، މިހާރު ބީޓާ ޓެސްޓިން މަރުހަލާ ކުރިއަށް ގެންދާއިރު އަންނަ އަހަރުގެ ކުރީކޮޅު ޕޭމަންޓުތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ހިދުމަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާ އެކު ސްވައިޕްގެ ހިދުމަތް ފުޅާކޮށް، ސްވައިޕް މެދުވެރިކޮށް ދުނިޔޭގެ މާކެޓާ ރާއްޖެ ގުޅުވައިލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ބީއެމްްއެލްގެ އެމްޑީ ޝަރީފް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ.
ބީއެމްްއެލްގެ އެމްޑީ ޝަރީފް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްވައިޕްގެ ހިދުމަތްތައް ބޭރަށް ފުޅާކުރުމަކީ އަމާޒެއް ކަމަށް ވާއިރު، ބީއެމްއެލް އިން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހިންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

"ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ އެވެ. މިއާ އެކު، ސްވައިޕް ވެގެންދާނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށާއި ރާއްޖެ އިން ބޭރުގެ މުއާމާލާތް ކުރާ ދިވެހިންނަށާއި ދިވެހިރާއްޖެއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށް ވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށެވެ،" ބީއެމްއެލް އިން ބުންޏެވެ.

"ސްވައިޕް" އަކީ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާ އެކު ތަރައްގީ ކޮށްފައިވާ، ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމަ އަށް ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ކޮންމެ ގައުމަކުން ވެސް އެ މީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބެލޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.