އަންޖަލް ​ މޭޒު ތެޅިގަތުމާ އެކު، ނިކަން ބާރަށް މޭޒުގައި އެއްޗެއް ޖެހުނު އަޑުއިވުނެވެ. ނިޒާރު ސިއްސައިގެންދިޔައެވެ. ވީ ކިހިނެއްކަމެއް ނޭނގުނެވެ. ދެން އިވެން ފެށީ، ތޫނު އެއްޗެއް ބިއްލޫރީގައި ހޭކުމުން އިވޭ ކަހަލަ އަޑެކެވެ. ކަންފަތަށް އުނދަގޫވާ ވަރަކަށް އެ އަޑު ބާރެއް ނޫނެވެ. އަޑު އަންނަ ދިމާއެއް ނޭނގެއެވެ. ނިޒާރު ފޯނުން ބައްތި ދިއްލައިގެން ގޮސް އުއްބައްތިއެއް ހޯދިއެވެ. ބައްތި ރޯކުރަން ބަލައިލި އިރު އެ ކަން ކުރެވޭނެ ގޮތެއް ނެތެވެ. ގޭސް އުނދުން ރޯކުރަން އޮތް ލައިޓަރުގައި ހުޅުކޮޅެއް ނުހުރެއެވެ. ފުރަތަމަ ރޯކުރަން ޖެހުނީ އުނދުނެވެ. ހަމަ ރޯކޮށްލާ އިރަށް ހުޅުގަނޑު ތެޅެން ފެށިއެވެ. ހީވަނީ ވަރަށް ބާރަށް ފަންކާ ޖަހައިފައި ހުރި ހެންނެވެ. ކަރަންޓެއް ނެތެވެ. ވީމާ، އެއްވެސް ފަންކާއެއް ނޭނބުރެއެވެ. ހުޅުގަނޑު މައިތިރި ނުވާތީ ނިޒާރަކަށް އުއްބައްތި ރޮލެއް ނުކުރެވުނެވެ.

"ނުކުރެވޭނެ!" ތާމިރު މަޑުމަޑުން ބުނިހެން ނިޒާރަށް ހީވިއެވެ. ނިޒާރުގެ ފޯނުން ތާމިރަށް އަލިކުރިއެވެ. އޭނަ އިނީ އިސްޖަހައިގެންނެވެ.

"ތާމިރު އެއްޗެކޭ ބުނިންތަ؟" ނިޒާރު ސުވާލުކުރިއެވެ.

ތާމިރު ޖަވާބެއް ނުދިނެވެ. ނުވެސް ބެލިއެވެ. ހަރަކާތް ހުއްޓިފައި އިނީއެވެ.

"މުޅި މާލެއިން ކަރަންޓު ދިޔައީ!" ޓީވީ ކައިރީގައި އިން ދިމްނާ ބުނި އަޑު އިވުނެވެ.

ފޯނުން އަލިކޮށްގެން ހުރެ ތާމިރު ގާތަށް ނިޒާރު ދިޔައެވެ. ނިޒާރަށް ފެނުނީ ހައިރާންވާ ކަހަލަ މަންޒަރެކެވެ.

ތާމިރުގެ ނިތްކުރިން ލޭތިއްކެއް ފައިބައިގެން އައިސް ނޭފަތުގެ ކުރިޔާ ހިސާބަށް ހުއްޓުނެވެ. "ތާމިރު؟" ނިޒާރު ގޮވައިލިއެވެ.

"ބޮލަށް ކިހިނެއްވީ؟ ތާމިރު!" ތާމިރު ތެދުވިއެވެ.

ނިދީގައި މީހަކު ހިނގާ ހެން ހިނގައިގަތެވެ. އަތެއް ނުހަލުވައެވެ. އެއްވެސް ފަރާތަކަށް ބޮލެއް ނުހޫރައެވެ. އޭނައަށް ކޮންމެވެސް ކަމެއް ވެއްޖެކަން ނިޒާރަށް ކަށަވަރުވިއެވެ. ތާމިރަށް ގޮވަމުން ނިޒާރު ފަހަތުން ހިނގައިގަތެވެ. ތާމިރު ދިޔަ ގޮތަށް ނުކުމެގެން ދިޔައީއެވެ. ނިޒާރު ފޯނުކުރިއެވެ. ވަރަށް އަވަހަށް ތާމިރު ފޯނު ނެގި ނަމަވެސް ވާހަކައެއް ނުދައްކައެވެ. ދެތިން ފަހަރަކު ގުޅައިގެން ވެސް ވީ އެހެންނެވެ. ދެ ގަޑިއެއްހައި އިރު ފަހުން ކަރަންޓު އައެވެ. ތަން އަލިވުމުން އިތުރު ދެ އެއްޗެއް ފެނުނެވެ. އެކައްޗަކީ، މޭޒު މަތީގައި ހުރި ހައެއްކަ ތިކި ލެއެވެ. ކުދީންނަށް ފެނިގެން ސުވާލުތައް ކުރުމުގެ ކުރިން ނިޒާރު އެ ތަން ފުހެލީއެވެ. ނުފުހެވުނީ ސިކުނޑީގައި ހުރި ސުވާލުތަކެވެ.

ތާމިރަށް ވީ ކިހިނެއް ހެއްޔެވެ؟ އިވުނީ ކޮން އަޑެއް ހެއްޔެވެ؟ ބިއްލޫރިގަނޑު ބެލި އިރު ކަންކުތި ރޮނގެއް ހުއްޓެވެ. އެއީ ކުރިން ނެތް، ފުން ރޮނގެކެވެ. ދަންވިދަންވިހެން އިތުރު އަޑުތައް އިވުނެވެ. އެންމެ ބާރަށް އިވުނު އަޑަކީ، ދެ އަހަރެއް ވަރު އުމުރުގެ ކުޑަކުއްޖަކު ހޭއަޑެވެ. އިވެނީ ކައިރިންނެވެ. ޖެހިގެން ހުރި ގެއިން ހެން ވެސް ހީވެއެވެ. އެ އަޑުގެ ކުރިން ނުވަތަ ފަހުން ވެސް އެހެން މީހަކު ވާހަކަ ދައްކާ އަޑެއް ނީވެއެވެ. ގޭގައި ތިބި އެންމެންނަށް އެ އަޑު އިވުނެވެ. އަންޖަލް ފިޔަވައި އެހެން މީހުން ވަރަށް ހައިރާން ވެގެން އެ ވާހަކަ ދެއްކިއެވެ.

ތަޅުންގަނޑުގައި ޖަހާފައި ހުރި ތަށިމުށިތައް މައްޗަށް ރޭޒާފުކެއް ކަހަލަ އެއްޗެއް ވެއްޓޭ އަޑު ވެސް އިރުއިރުކޮޅާ އިވެއެވެ. އަޑުއަންނަ ދިމާއެއް ނޭނގެއެވެ. ދަގަނޑު ހޮޅިއެއްގައި، ދަގަނޑުކޮޅަކުން ނިކަން ބާރަށް ޖެހީމައި އިވޭ ކަހަލަ އަޑެއް ވެސް އިވެއެވެ. ޖަހަނީ ދޭއް ނުވަތަ ތިން ފަހަރުއެވެ. ގަޑިއަކު ނުވަތަ ދެގަޑިން އެއް ފަހަރު އެ އަޑެއް ވެސް އިވުނެވެ. އެއްވެސް އަޑަކީ، ބޮލަށް ތުރާވާ ކަހަލަ އަޑެއް ނޫނެވެ. ބޮލަށް ފަސޭހަ އަޑެއް ވެސް ނުމެ ނޫންމެއެވެ.

އެންމެ ފަހުން ދަންވަރު ދޭއް ޖަހަން އުޅެނިކޮށް އަންޖަލްއަށް ނިޒާރު ފޯނުކުރިއެވެ. އާންމު ގޮތެއްގައި އަންޖަލް ފޯނެއް ނުނަގާނެއެވެ. އެ ރޭ ނެގިއެވެ.

"ކޮންހާ އަޑުތަކެއްތަ މި އިވެނީ ދަރިފުޅާ؟" ނިޒާރު އެހިއެވެ. "އަޑެއް އެބަ އިވޭތަ؟" ނިދީގެ އެއްވެސް އަސަރެއް ނެތް އަޑަކުން އަންޖަލް ބުންޏެވެ. ހަމަ އެހެން ބުނި ތަނާ ކުޑަކުއްޖާ ހީނގަތް އަޑާއި ތަޅުންގަނޑު މައްޗަށް އެ ވެއްޓޭ އެއްޗެއް ވެއްޓުނު އަޑު ވެސް ކައިރިކައިރީގައި އިވުނެވެ.

"އެ އިވުނީނު!" ނިޒާރު ބުންޏެވެ.

"ދެން ވަށައިގެން ގެތައް ހުންނަ އިރު އަޑުއަޑުއިވޭނެއްނު ކާފާ!" ވަރަށް ހަމަޖެހިލާފައި އަންޖަލް ބުންޏެވެ.

"ދަރިފުޅަށް ރަނގަޅަށް އެނގޭނެ އެއީ އާދައިގެ އަޑެއް ނޫންކަން،" ނިޒާރު ބުންޏެވެ. "ކޮންމެވެސް ބޮޑުކަމެއް ވާން އެ އުޅެނީ. ކޮންމެ ފަހަރަކު ވެސް އަޑުއަޑުއިވިފަ ކަމެއް ވާނީ. ތާމިރު ގާތުގަ ދަރިފުޅު ކީކޭ ކިޔައިގެން ތި އުޅެނީ؟ ކާކު ތާމިރު ކޮއްޕާލީ؟ އޭނަގެ ބޮލަށް ކޮންމެވެސް ކަމެއް ވެފަ ހުރީ." އަންޖަލް އެއްޗެއް ނުބުންޏެވެ.

އެހެނަސް، ސިއްރުސިއްރުން ހާސަރުތަކެއް ކިޔާ އަޑު ކަހަލަ އަޑެއް ނިޒާރަށް އިވުނެވެ. ވަރަށް ވިސްނީމައި ވެސް އެ ކިޔާ އެއްޗެއް ނޭނގެއެވެ. "ކީކޭ ތި ކިޔަނީ؟" ނިޒާރު ސުވާލުކުރިއެވެ. "އެނގޭ ގޮތަށް ކިޔާބަލަ ދަރިފުޅާ!"

"އަހަރެން ދައްކާ ވާހަކަ އެކަކު ވެސް ގަބޫލެއް ނުކުރާނެ،" އަންޖަލް ބުންޏެވެ. "އެކަމަކު ކާފަ ވެސް ތި ބުނަނީ އަހަންނަށް އެނގޭނޭ! މީ އަދި ފެށުން. ގޭގަ ނޫޅެވޭ ވަރު ވެސް ކުރާނެ. މި ގޭގަ އުޅޭ މީހުންނަށް ފާޑުފާޑުގެ ގޮތްގޮތް ވެސް ވާނެ. އެއްޗެހި ވެސް ފެންނާނެ. އަޑުތައް ކަނޑުވަން ބޭނުންތަ؟ ތާމިރު ކައިރީގަ ބުނިން މި ގެއަށް ރުގުޔާ ކުރާ މީހުން ގެނެސްގެން ފާޑުފާޑުގެ ކަންތައް ނުކުރައްޗޭ! ބުނީ ކާފަ ވެސް ބުންޏޯ ގެންނާށޭ! ބުނަންތަ ކާފާ ވާހަކައެއް؟ ބަޔަކަށް އުނދަގޫ ކުރަންޏާ އެ ބަޔަކު ވެސް އުނދަގޫ ކުރާނެ. ހަމަ ތެދެއް މި ބުނަނީ. ކާފަ ކީއްވެގެންތަ ގަބޫލު ނުކުރަނީ؟"

"ކިހިނެއް ގަބޫލު ކުރާނީ ދަރިފުޅާ؟" ނިޒާރު ބުންޏެވެ. "ތި ބުނަނީ ދަރިފުޅު އިނީ ޖިންނިއަކާއޭ!" "އާނއެކޭ ކާފާ!" އަންޖަލް އަޑަށް ބާރުލާފައި ބުންޏެވެ. "އިރުއިރުކޮޅާ އަހަރެން ގެއްލިގެން ތި އުޅެނީނު. ހަސްބަރާޒާއަށޭ އަހަރެން ދަނީ."

"ކޯޗެކޭކޯޗެކޭ؟" ނިޒާރަށް ބުނެވުނެވެ. "ހަސް.. ބަ.. ރާ.. ޒާ!" ލަސްލަހުން އަންޖަލް ބުންޏެވެ. "ބަރުގާން އޭނައަށް ކިޔާނީ. އަހަންނަކަށް ނޭނގޭ ކިތައް ފަހަރު ކާފަ ގާތުގަ އެ ނަން ވެސް ބުނެވިއްޖެ ކަމެއް. އަތީލާއާ މިހާރު އޭނަ އިނދެގެން އުޅެނީ."

"ހޫނ! ދެން ދަރިފުޅު ނިދަން އުޅޭ!" ނިޒާރު ބުންޏެވެ.

ނިޒާރު ފޯނުކަނޑައިލިއެވެ. އަންޖަލް ދައްކާ ވާހަކަ ކާފަ ގަބޫލު ނުކުރާނެކަން މާ ކުރިން ވެސް އަންޖަލްއަށް އެނގެއެވެ. އެހެން ނަމަވެސް، ފަހު ފަހަރަށް އަނެއްކާ ވެސް ކާފައަށް ވިސްނައިދެވޭތޯ ބަލައިލީއެވެ. ޖިންނީންގެ ދުނިޔެއަކީ އިންސީންގެ ބުއްދިއަށް ވަޒަން ކުރަން ފަސޭހަ ދުނިޔެއެއް ނޫނެވެ. އެންމެ ފަހުން މޮޔައަކަށް ވާނީ އެ ވާހަކަ ދައްކާ މީހާއެވެ. ކިތަންމެ ތަފުސީލުކޮށް، ހެއްކާ އެކުގައި ކިޔައިދިނަސް ވެހެވެ. އަންޖަލް ފުން ނޭވައެއް ބޭރުކޮށްލިއެވެ. އެހެނަސް އެ ރެޔަކީ އަންޖަލްއަށް ވެސް ކުރު ރެޔަކަށް ނުވިއެވެ. ތުއްތުކުއްޖެއްގެ ރުއިމުގެ އަޑުން ގޭތެރެ ގުގުމައިލިއެވެ.

ފުރަތަމަ ހޭލެވުނީ ޝާފިޔާއަށެވެ. އެ ރެޔަކީ، ތަފާތު އެކި އަޑުއަޑު އިވުނު ރެޔެއްކަމުން ޝާފިޔާ ހީކުރީ އެއީ ވެސް އެ ފަދަ އަޑެއް ކަމަށެވެ. ތަފާތަކީ، ކުރިން އިވުނު އަޑުތަކާ ހިލާފަށް، އެ އަޑު އަންނަ ދިމާ ޝާފިޔާއަށް ވަކިވާ ކަމެވެ. ނިދިފައި އޮތް ނިޒާރަށް ވެސް ވީ އެހެންނެވެ. ނުތެދުވަން ވެސް އިރުކޮޅަކު އޮވެވުނެވެ. އަންޖަލް ބަނޑު ބޮޑަސް، ވިހާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ދުވަހެއް ނުޖެހެއެވެ. ޔަގީންކަމާ އެކުގައި ތާމިރުގެ ހިތް ބުނަމުންދިޔައީ އެހެންނެވެ.

"މީ ދެން ކިހާ..." މަޑުމަޑުން އެހެން ބުނެފައި، އެހެން އަޑެއް އިވިގެން ނިޒާރު ހުއްޓައިލިއެވެ. ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ތަޅައިގަތް އަޑު އިވުނެވެ. ނިޒާރު ހިތަށް އެރިއެވެ. ދަންވަރު ދޮރުގައި ތަޅާނީ ކާކު ހެއްޔެވެ؟

"ކާފާކާފާ!" ދިމްނާގެ އަޑުއިވުނެވެ. "ދޮންތަ ވިހައިފި!" "އޭނ؟" ފުންމައިގެން ތެދުވަމުން ނިޒާރަށް ބުނެވުނެވެ. ގެއަށް އިރު އެރީ ދަންވަރު ދެގަޑި ބައިވަނިކޮށެވެ. ހޮސްޕިޓަލަށް ފޯނުކޮށް، އެންބިއުލަންސު އައިސް، އަންޖަލް އާއި ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔައެވެ. ނިދާ ހެދުން ބަދަލުކޮށްލަން ހަނދާންވީ ދިމްނާ އެކަންޏެވެ. އެންމެ ހަމަޖެހިލައިގެން އޮތީ އެންމެ ހާސްވާންޖެހޭ މީހާއެވެ. އަންޖަލްއެވެ. އާންމުކޮށް ކުއްޖަކު ވިހެއުމުން ވާން ޖެހޭ އެއްވެސް ކަމެއް އަންޖަލްއަކަށް ނުވެއެވެ. ދަރިފުޅު ގޮވައިގެން އެންބިއުލަންސަށް އަންޖަލް އެރީ އަމިއްލައަށެވެ. ހޮސްޕިޓަލުގެ އެނދުގައި އޮށޯވެގެން އޮންނާކަށް ވެސް އަންޖަލް ބޭނުމެއް ނޫނެވެ. ޑަކުޓަރު ބުނީތީ އޮތީއެވެ.

ކުއްޖާ އާއި އަންޖަލްގެ ވެސް އެއްވެސް މައްސަލައެއް ނެތެވެ. ދޭންޖެހޭ އިތުރު ފަރުވާއެއް ނެތެވެ. ޑަކުޓަރުންނާއި ނަރުހުން ހައިރާންވެގެން އެ ވާހަކަ ދެއްކިއެވެ. ވިހޭ ވަގުތު ރުއި ނަމަވެސް ދަރިފުޅު ދެނެއް ނުރޮއެވެ. އަބަދު ވެސް އޮންނަނީ ކޮޓަރީގެ މަތީ ކަނަކަށް ބަލަހައްޓައިގެންނެވެ. އެހެން ދިމާއަކަށް ނުބަލައެވެ.

"އަޅުގަނޑު މި ކަމުގަ އުޅޭތާ ތިރީހަކަށް އަހަރު މި ވަނީ،" ޑަކުޓަރު ބުންޏެވެ. "މި ކަހަލަ ކޭސްއަކާ ދިމައެއް ނުވޭ! މެޑިކަލް ގޮތުން ބުނާ ނަމަ މީ ހަމަ މިރެކަލްއެއް، އަޖައިބެއް. އެހެން މީހަކު ބުނި ނަމަ އަޅުގަނޑަކަށް ގަބޫލެއް ނުވެސް ކުރެވޭނެ."

ޑަކުޓަރުގެ ކޮޓަރީގައި، މޭޒުގެ އަނެއް ފަރާތުގައި އިށީނދެގެން އިން ނިޒާރު ބުނަން ބޭނުން ބައިވަރު ވާހަކަ ހުއްޓެވެ. އަމިއްލަ ދަރިފުޅަށް ދިމާވި ކަންތައްތަކާއި ގޭތެރޭގެ ހާލަތާއި ވިހެއުމުގެ ކުރިން އެ ރޭ ދިމާވި ކަންތައްތަކާއި އަންޖަލްގެ ގަބޫލުކުރަން އުނދަގޫ ވާހަކަތަކެވެ. މައްސަލައަކީ ނިޒާރުގެ ހިތުގައި އޮތް ބޮޑު ސުވާލެވެ. ނިޒާރަށް ގަބޫލު ނުކުރެވޭ ވާހަކައެއް ޑަކުޓަރަށް ގަބޫލު ކުރެވޭނެ ހެއްޔެވެ؟

"ދެން ކިހިނެއްތޯ ހަދަންވީ؟" ނިޒާރު އެހިއެވެ. "ކިތައް ދުވަހު މި ކޮޅުގަ މަޑުކުރަން ޖެހޭނެތޯ؟" "ޕޭޝަންޓް މި ތާ ބޭއްވުމުގެ އެއްވެސް މާނައެއް ނެތް،" ޑޮކްޓަރު ބުންޏެވެ. "ހުރިހާ ކަމެއް ނޯމަލް. އެކަމަކު ވެސް ސައުވީސް ގަޑިއިރު ބާއްވާފަ ދޫކޮށްލާނީ."

ރޭގަނޑުގެ އެންމެ އަނދިރި ވަގުތަކީ ފަތިސްވުމުގެ ކުރިއެވެ. ވަގުތަކީ އެ ވަގުތެވެ. އާދައިގެ މަތީން، ކޮޓަރީގެ މަތީ ކަނަށް ބަލަހައްޓައިގެން ހޭން ދަރިފުޅު އޮތެވެ. އަންޖަލްއަށް ލޮލުފިޔަ ޖެހުނީ މިނިޓެއް ހައި ވަގުތުކޮޅަކަށެވެ. ހޭލެވުނު އިރު ދަރިފުޅު ހޭނ އަޑެއް ނީވެއެވެ. އަންޖަލް ބަލައިލީ އެނދަށެވެ. ދަރިފުޅު އެނދަކު ނެތެވެ. (ނުނިމޭ)