މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައިވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމް އިން ހުޅުވާލައިފި އެވެ.

އެފްއޭއެމުން ގެޒެޓުކުރި އިއުލާނެއްގައި ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓާކޮށްފައިވާ ކްލަބް، ޖަމިއްޔާ ޖަމާއަތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ މެންދުރުފަހު 3 ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް އެފްއޭއެމަށް އަންގަން ވަނީ އެދިފަ އެވެ.

އެފްއޭއެމުން ބުނީ މުބާރާތް ކުޅޭނެ ގޮތަކާއި، ފޯމެޓް ނިންމާނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ.

އެފްއޭއެމްގެ އާ ލީގު ސިސްޓަމުގެ ދަށުން ތިން ވަނަ ޑިވިޝަނަކީ، ރާއްޖޭގެ ހަތަރު ރީޖަނަލް ލީގުގެ ތެރެއިން މާލޭ ލީގު ކޮލިފިކޭޝަން ބުރެވެ. އަނެއް ތިން ރީޖަނަލް ލީގަކީ  ނޯތު ލީގު، ސެންޓްރަލް ލީގު، އަދި ސައުތު ލީގެވެ. އެއް ވަނަ ޑިވިޝަން ނުވަތަ ދިވެހި ޕްރިމިއާ ލީގަށް ޓީމުތައް ކޮލިފައިވާނީ ރީޖަނަލް ލީގުތަކުންނެވެ.