(އާދިއްތަ ދުވަހާ ގުޅޭ)
"ކުރާ ކަމެއް ކުރަންޖެހޭނީ ކުއްލިއަކަށް،" ވާހަކަ ދެއްކި މީހާ ބުންޏެވެ. "މީގެ ފަހުން ތި ކަން އަހަންނަށް ދޫކޮށްލާފަ ބާއްވާ! ކަމެއް ކުރަން ޖެހެންޏާ އެ ގަޑިއަކަށް އަހަރެން އެ ކަމެއް ކުރާނަން."
"އޭރުން ޖިންނީންނަކަށް ނޭނގޭނެ؟" ނިޒާރު އެހިއެވެ. "ހިތުގަ އޮންނަ އެއްޗެއް ވެސް އެވެރިންނަށް އެނގެއެއް ނޫންތަ؟ އަހަރެން އަޑުއަހަނީ އެހެން. ވާން ހުންނަ ކަންކަން ވެސް.."
"އިރެއްގެ އުޑަށް އެރުނަސް މިހާރަކު ޖިންނީންނަކަށް އެ ކަމެއް ނުކުރެވޭނެ،" އޭނަ ކިޔައިދިނެވެ. "ވާން ހުންނަ ކަންކަމެއް ވެސް ނޭނގޭނެ. އެކަމަކު، ސިކުނޑީގަ ހުންނަ ބައެއް ހަނދާންތައް ބެލޭނެ. ހަނދާންތަކާ ކުޅެ، ވަސްވާސް ދެވޭނެ. އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެނުކުމެ ވެސް ހެދޭނެ. ޖިންނީންނަކީ އިންސީންނަށް ވުރެ އެތައް ސަތޭކަ އަހަރެއް އުމުރު ދިގު، ދަރިފަސްކޮޅު ގިނަ ބައެއް. އާއިލާއެއްގަ ތިބެދާނެ އެތައް ހާސް ބަޔަކު ވެސް. އެހެންވީމަ އެ މީހުންގެ ނެޓްވޯކް ވަރަށް ވަރުގަދަވާނެ. ތިބޭނީ ސިއްރުން އަޑުއަހަން. މިސާލަކަށް ތި ގޭދޮށުގަ ފޯރިމަރަން ވެސް ތިބެދާނެ ބަޔަކު. ތި ގެޔަށް މީހަކު ވަންނަންޏާ، ތި ތާ ހުންނަ ޖިންނިއަށް އެ ޚަބަރު ފޮނުވާނެ. އޭގެ މާނައަކީ، ވާން ހުންނަ ކަންތައް އެނގެނީއެކޭ ނޫން. ވަމުންދާ އިރު އެނގެނީ. އެއީ އަލިފާނުން އުފެދިފަ ތިބޭ ބައެއް ވީމަ އެ މީހުންގެ ދުވެލި ދަތުރު ކުރާނީ ސިގުނަލު ދަތުރުކުރާ ބާރުމިނުގައި. ފާރަކަށް ވެސް، ބިއްލޫރިއަކަށް ވެސް އެ ސިގުނަލު މަތައެއް ނުކުރެވޭނެ."
"މަތަކުރެވޭނެ ހަމަ އެކަނި ބާރަކީ ޤުރުއާން." ނިޒާރު ބުންޏެވެ.
"ރަނގަޅު،" އޭނަ ވެސް އެއްބަސްވިއެވެ. "ކިޔަވާލާ އެންމެ އާޔަތަކުން ޖިންނިސައިތާނުންގެ ފައިގަ ކަސްތަޅު އަޅުވާފަ ބިންމައްޗަށް އެ ވައްޓާލަނީ. އަލިފާނުން އުފެދިފަ ތިބޭ ބައެއްގެ ފައިގަ ހިލިހިލާޖަހާނީ ކިހިނެއް؟ އަލިފާނުން އުފެދިފަ ތިބޭ ބަޔަކު އަންދާލާނީ ކިހިނެއް؟ އަހަރުމެންނަކަށް ނުވިސްނޭނެ."
ތާމިރުގެ ފަޔަށް ބޭސްކުރަން ބޭރަށް ފުރި ފަހުން އަންޖަލްއަކަށް ތާމިރުގެ ޚަބަރެއް ނުވެއެވެ. ހަމަ އެހެންމެ، ބަރުގާން އާއި އަތީލާގެ ޚަބަރެއް ވެސް ނުވެއެވެ. އަންޖަލް ލަފާކުރި ގޮތުގައި، ނިޒާރު ދިން އެއްޗެއް ދިނީ އަންޖަލްއަށެވެ. ސާރާއަކަށް އެއްޗެއް ނުދެއެވެ. އޭގެ ސަބަބުން، ބަރުގާން ބުނި ފަދައިން، ބަރުގާންއަށް އަންޖަލް ގެއްލުނީއެވެ. އޭގެ ބަދަލު ބަރުގާންއަށް ހިފުނީހެވެ. ނިޒާރުއަށް ވަރުގަދަ އަދަބެއް ދެވުނީހެވެ. ކާފައަށް ކަމެއް ނުވީ ބަރުގާން ކަމެއް ނުކުރީމައެވެ. ކަމެއް ނުކުރީ ކީއްވެ ކަމެއް އަންޖަލްއަކަށް ނޭނގެއެވެ.
ސާރާ އާއި ބަރުގާންގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ބުރުލެއް އެރި ހެނެއް އަންޖަލްއަކަށް ހިޔެއް ނުވެއެވެ. ހޭލައިފިއްޔާ ސާރާ އޮންނަނީ ކޮޓަރީގެ ވަކި ކަނަކަށް ބަލަހައްޓައިގެންނެވެ. އެ އުމުރުގެ ކުއްޖަކަށް ދެއްކޭ ގޮތަށް ވާހަކަ ދައްކަން ސާރާ މަސައްކަތް ކުރެއެވެ. އަންޖަލް ކިތަންމެ ބޮޑަކަށް ސަމާލުކަން ދީގެން އިނަސް، ސާރާ ކިޔާ އެއްވެސް އެއްޗެއް އަންޖަލްއަކަށް ނޭނގެއެވެ. ސާރާ ލައްވާ އަޑުތައް ކުޑަކޮށް ތަފާތެވެ. ސާރާއަކީ އާންމު އިންސާނުން ކަހަލަ ކުއްޖެއް ނޫން ވީމައި އެހެން ވަނީބާއެވެ؟ އެހެން ވެސް އަންޖަލް ހިތަށްއަރައެވެ.
އެއްރެއަކު ދަރިފުޅަށް ބުއްދޭން އަންޖަލް އޮއްވައި، ކުއްލިއަކަށް ބުއް ބުއިން ހުއްޓާލައިފައި ސާރާ އެނބުރުނެވެ. އެ ފަހަރު ސާރާ ބެލީ ކޮޓަރީގެ މަތީ ކަނަކަށް ނޫނެވެ. ސާރާ ބަލާ ގޮތުން ހީވަނީ އެނދު ކައިރީގައި މީހަކު ހުރި ހެންނެވެ.
ސާރާ ހަރަކާތްތަކެއް ކުރަން މަސައްކަތް ކުރިއެވެ. ހީވަނީ ތެދުވަން އުޅޭ ހެންނެވެ. އެހެނަސް ނުއެއް ތެދުވެވެއެވެ. ސާރާ އަތްދިއްކޮށްލިއެވެ. ހީވަނީ އަތުގައި މީހަކު ހިފީ ހެންނެވެ. ނޫން ނަމަ، ސާރާ ވަރުގެ ތުއްތުކުއްޖަކަށް އަތް އުފުލައިގެން ނުތަޅުވައި އޮވެވޭނެ ހެއްޔެވެ؟ އަންޖަލް ހިތަށް އެރީ އެހެންނެވެ. ވަރަށް މީރު ވަހެއް ވެސް ދުވަން ފެށިއެވެ. މަލެއްގެ ވަސް ހެން ހީވާ އެ ވަހަކީ، ބަރުގާންގެ ގައިން ދުވާ ވަހެކެވެ.
"އަހަރެން ފެނޭތަ؟" އަންޖަލް އެހިއެވެ.
ޖަވާބެއް ނުލިބުނެވެ. އެކަމަކު ބަރުގާން އައިސް އަންޖަލް ކައިރީގައި ހުއްޓުނެވެ. އަންޖަލްއަށް އެހެން ހީވަނީ ސާރާގެ މޫނު އެނބުރުނު ގޮތުންނެވެ. ކުރިން ސާރާގެ އުފުލައިގެން ހުރި އަތް ވެސް ތިރިވިއެވެ.
"އަހަރެން ފެނިފަ އަހަންނާ ވާހަކަ ނުދެއްކެނީތަ ނޫނީ އަހަރެންގެ އަޑު ވެސް ނީވެނީތަ؟" އަންޖަލް އެހިއެވެ. "އަހަރެން ނުފެންނަންޏާ ކިހިނެއް ތި ތާ ހުންނަން އެނގެނީ؟ އަހަންނަށް ބަލަން ދޯ ތި ހުންނަނީ؟"
"އެބަ އަޑުއިވޭ!" ބަރުގާން ބުނިހެން އަންޖަލްއަށް ހީވިއެވެ.
ހިތުން ވާހަކަ ދެއްކުމަކީ، ކުރިން ވެސް އަންޖަލް ކުރި ކަމެކެވެ. އެ ބާރާއި ހުނަރު އަންޖަލްގެ ހުރެއެވެ. އެ އަޑު އިވޭ އިރު ހީވާނީ ކުރިން ބުނެފައިވާ އެއްޗެއް ހަނދާންވާ ހެންނެވެ.
"އެކަމަކު ނުއެއް ފެނޭ؟" އެ ފަހަރު އަންޖަލް ވެސް ވާހަކަދެއްކީ ހިތުންނެވެ.
"ނުފެނޭ!" ބަރުގާން ބުނިކަން އަންޖަލްއަށް އިހުސާސް ކުރެވުނެވެ. "އަހަރެން ބޭނުން ނަމަ ކާފަ ހުއްޓުވުނީސް. ތާމިރުގެ ދެފައި ބަނދެލި ގޮތަށް ކާފަގެ ދެއަތް ވެސް ބަނދެލެވުނީސް. އެކަމަކު އަހަރެން ހިތަށް އެރީ، އެންމެ ރަނގަޅު ގޮތަކީ އަންޖޫ ނުފެނުމޭ! އިރެއްގަ އަހަރުމެންގެ ގުޅުމެއް އޮތަކަސް މިހާރަކު ނެތް. އަހަރެން މި އަންނަނީ އަބާޝާ ދެކިލަން. އޭނަ އެބަ ފެނޭ. އަހަންނަށް އެނގޭ އަންޖޫ އޮތީ އެނދުގަކަން. އެހެން ނޫން ނަމަ އަބާޝާ އެހާ ރީތިކޮށެއް ނޯންނާނެ."
"ކީއްވެތަ އަބާޝާ ތި ކިޔަނީ؟" އަންޖަލް ސުވާލުކުރިއެވެ. "މިހާރު ސާރާއަށް ނަން ކިޔައިފީމޭ! ތިހާ ބޯހަރުވާކަށް ނުވާނެ."
"އަހަރެންތަ ބޯހަރީ؟" ބަރުގާން ބުންޏެވެ. "ދުރުހިލޭ މީހެއްގެ ނަން އަބާޝާގެ ނަމާ ގުޅުވާ މީހުން ބޯހަރެއް ނޫން؟ ތި ކަހަލަ މޮޔަވާހަކަ ދައްކާތީއޭ އަންޖޫއާ ވާހަކަ ނުދައްކަން ހުންނަނީ."
"ދެން މިރޭ ކީއްކުރަން ތި ވާހަކަ ދެއްކީ؟" އަންޖަލް އެހިއެވެ.
"މޮޔަވެގެން. އެހެން ކޮން ކަމެއް؟" ބަރުގާން ބުންޏެވެ. "ކުރީ ފަހަރު ވެސް އަހަރެން އައީ ވާހަކައެއް ބުނަން. އެ ވާހަކަ ނުބުނި ނަމަ އަބާޝާއަށް މަންމަ ގެއްލުނީސް. މި ފަހަރު ވެސް މި އައީ ވާހަކައެއް ބުނަން. އަބާޝާގެ ދުލުގަ ތަޅެއް ލެވިފަ އެހެރީ. ޑޮކްޓަރަށް ދައްކާ. އެހެން ނޫނީ އަހަރުމެންގެ ދަރިފުޅަކަށް ވާހަކައެއް ނުދެއްކޭނެ."
ބަރުގާން ބުނީ އަންޖަލްއަށް ޝައްކުވެފައި އޮތް ކަމެކެވެ.
"ބަރުގާންއަކަށް އެ ކަން ރަނގަޅެއް ނުކުރެވޭނެ؟" އަންޖަލް ސުވާލުކުރިއެވެ.
"އަހަރުމެންނަކަށް ވެސް ހުރިހާ ކަމެއް ނުކުރެވޭނެ،" ބަރުގާން ބުންޏެވެ. "ވަރަށް ކުޑަ އޮޕަރޭޝަނެއް ކުރަން ޖެހޭނީ. ދޫ ދަށުގަ ހުރި ހިމަހިމަ ހަންފަށަކުން ދުލާ، ތިރީ ތައްޔާ ގުޅިފަ އެހެރީ. އެ ހަންފަށް ޖެހޭނީ ކަނޑާލަން. އޭރުން ދުލުގެ ހުރިހާ ހަރަކާތްތަކެއް ކުރެވޭނީ. މި ރަށުން ވެސް ތި ކަން ކޮށްލެވޭނެ. އެ ވާހަކަ ބުނަން މި އައީ."
ބަރުގާން ދިޔުމުން އަންޖަލް ވަރަށް ރަނގަޅަށް ސާރާގެ ދޫ ބެލިއެވެ. ބެލި އިރު، ކަން ހިނގާފައި ހުރީ ބަރުގާން ބުނި ގޮތަށެވެ. އެ ވަގުތުން ފެށިގެން އަންޖަލްއަށް އެ ކަން ވަރަށް ބޮޑުކަމަކަށްވިއެވެ.
ޖެހިގެން އައި ދުވަހު، ހެނދުނުހެނދުނާ ސާރާ އުރަން ނިޒާރު އައެވެ. އަންޖަލް ފުރަތަމަ ހިތަށް އެރީ، ކަން ހިނގި ގޮތަށް ނިޒާރުއަށް ކިޔައިދޭށެވެ. އެކަމަކު އޭރުން ބަރުގާންއަށް ސާރާ ވެސް ނުފެންނަ ގޮތް ހަދައިފާނެތީ އަންޖަލް ބިރުގަތެވެ.
"ކާފާ! އަހަރެން ބޭނުން ސާރާ ޑޮކްޓަރަށް ދައްކަން،" އަންޖަލް ބުންޏެވެ. "ސާރާގެ ދުލުގަ މައްސަލައެއް އުޅޭ ހެން ހީވަނީ. ކޮންމެވެސް ގޮތެއްވެފަ ހުރީ."
"ދަނޑިވަޅު ކިހާ ރަނގަޅު؟" ހޭލައި އޮތް ސާރާ އުރައިލަމުން ނިޒާރު ބުންޏެވެ. "އިންޑިޔާއަށް ދާނީ. ތާމިރު ރޭގަ ގުޅާފަ ބުނެފި އިންޑިޔާއަށް އަންނާށޭ! އަހަރުމެން އަތަކުން އެންމެ ލާރިއެއް ނުވެސް ނުދާނެ. ތާމިރު ބުނި ބަލާ މީހަކު ފޮނުވާނަމޭވެސް."
ތާމިރު ގާތަށް ހިނގައްޖެއްޔާ ވާނެ ގޮތް އަންޖަލްއަށް އެނގެއެވެ. އަންޖަލް މާލެ އަންނަން ޖެހޭނީ ހުސްއަތާއެވެ. ތާމިރު ފަތުރައިފައިވާ މަޅީގެ މައްޗަށް އަމިއްލައަށް އަރާކަށް އަންޖަލް ބޭނުމެއް ނޫނެވެ.
"އޭނަގެ ފައި ރަނގަޅުވީ؟" އަންޖަލް އެހިއެވެ.
"އެއްކޮށް ރަނގަޅެއް ނުވޭ!" ނިޒާރު ބުންޏެވެ. "ޑޮކްޓަރު ބުނީ ފަޔަކު މިހާރު މައްސަލައެއް ނެތޭ! އެކަމަކު ފަޔަށް ތަދުވަނީއޭ ތާމިރު ބުނަނީ. ތާމިރު ކުރިން ވެސް ބުންޏޭ އޭނަޔާ އެއްކޮށް ދަރިފުޅު ބޭރަށް ފޮނުވާށޭ! އޭރުން ސާރާގެ މައްސަލައެއް ހުރިތޯ ވެސް ބަލާލައި، ކުރީބައިގަ ޑޮކްޓަރަށް ދައްކާލާ، ފަރުވާ ވެސް ކޮށްލެވޭނޭ. ދަރިފުޅު އެއްބަސް ނުވީމަ ކާފަ އަޅާނުލީ!"
"މާލެއިން ވެސް ކުރެވެން އޮތް ކަމެއް ބޭރުން ކުރަނީ ކީއްކުރަން؟" އަންޖަލްއަށް ބުނެވުނެވެ.
"ކިހިނެއް ދަރިފުޅަށް އެނގެނީ މާލެއިން ކުރެވޭ ކަމެއް ކަމެއް؟" ނިޒާރު ސުވާލުކުރިއެވެ. "އަދި މި އުޅެނީ ވެގެން އުޅޭ ގޮތެއް ނުވެސް އެނގިގެން."
އަންޖަލްއަކަށް ޖަވާބެއް ނުދެވުނެވެ.
"ތާމިރު ހުރީ އިންޑިޔާގަ. ހުރިހާ ހަރަދެއް އޭނަ ބަލަހައްޓާނެ،" ނިޒާރު އެ ގޮތަށް ނިންމިއެވެ. "ކާފަ ވެސް ދާނަމޭ! ބޮޑު ކަމެއް ކުރަން ނުޖެހިއްޖެއްޔާ، ތާޖުމަހަލު ބަލައިލާފަ އަންނާނީ."
"ނުދާތި އަންޖޫ!" ވަގުތުން ބަރުގާންގެ އަޑު އަންޖަލްއަށް އިވުނު ކަހަލައެވެ. "އޭނަ ހުރީ ހުރިހާ ކަމެއް ރާވައި ނިންމައިގެން. ނުދާތި! ދެފައި ބަނީމަ ވެސް އޭނަ މަތައެއް ނުވިޔޭ ދޯ؟ ވަޅުލަންވީ!"
"ނޫން!" އަންޖަލްއަށް އެހެން ބުނެވުނީ ބާރަށެވެ.
"އެއީ ކީއްވެ؟" ނިޒާރު ސުވާލުކުރިއެވެ. "އެ ތާ ތިބޭ ޑޮކްޓަރުންނާ، ބޭސް ވެސް މާ މޮޅުވާނެ."
"ގޯހެއް ތި ހަދަނީ." ބަރުގާން ބުންޏެވެ.
"ފުރަތަމަ މި ކޮޅުން ޑޮކްޓަރަކަށް ދައްކާލަމާ!" އަންޖަލް އެދުނެވެ. "ވަރަށް ކުޑަކުޑަ ކަމަކަށް ވެސް ވެދާނެއްނު!"
"ތީ ވެސް ރަނގަޅު ގޮތެއް." ނިޒާރު އެއްބަސްވިއެވެ.
މާލެއިން ޑަކުޓަރަށް ދެއްކުމުން، ސާރާގެ އަނގަ ތެރެއަށް އަލިކޮށްގެން ޑަކުޓަރު ބެލިއެވެ.
"އަންކިލޮގްލޯސިޔާ!" ޑަކުޓަރު ބުންޏެވެ. "އާންމުކޮށް ކިޔާ ނަމަކީ ޓަންގް ޓައީ. އެ ހަންފަށް ޖެހޭނީ ކަނޑާލަން. ހަންފަށް ހިމަވީމަ، ވަރަށް ކުޑަކުޑަ ސާޖަރީއެއް ހަދަންޖެހޭނީ. އެހާ ބޮޑުކަމެއް ނޫން."
ޑަކުޓަރާ ނިޒާރު މަޝްވަރާކުރި ގޮތުން އަންޖަލް ހީކުރީ، މާލެއިން އެ ކަންކުރަން ނިޒާރު ރުހުނީ ކަމަށެވެ. އެހެން ނަމަވެސް، ނިޒާރު ބޭނުންވާ ގޮތް އެނގުނީ ގެއަށް ވަދެވުނީމައެވެ.
"އިންޑިޔާއަށް ދާނީ!" ނިޒާރު ބުންޏެވެ. (ނުނިމޭ)