ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަޔުޝްމަން ކުރާނާ އާއި ސާރާ އަލީ ހާން އެކުގައި ކުޅޭ ފުރަތަމަ ފިލްމުގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް އިއްޔެ ދޮގުކޮށްފި އެވެ.
އާކާޝް ކޯޝިކް ޑައިރެކްޓްކުރާ އެ އެކްޝަން ކޮމެޑީ ފިލްމުގެ މަސައްކަތް ހުއްޓި، ރިލީޒްކުރާ ތާރީހު ލަސްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ހިންދުސްތާން ޓައިމްސް އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ކަރަން ބުނީ އެ ފިލްމުގެ ޝޫޓިން ނިންމެން ބާކީ އޮތީ އެންމެ 10 ދުވަސް ކަމަށާއި މި އަހަރު ފިލްމު ސިނަމާއަށް ގެންނާނެ ކަމަށެވެ.
މިހާތަނަށް ނަން ހާމަކޮށްފައި ނުވާ އެ ފިލްމަކީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނާއި ގުނީތު މޮންގާގެ ސިކްޔާ އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ފިލްމެކެވެ. އެ ފިލްމު ކުރިން ވެސް ރިލީޒްކުރާ ގޮތަށް ނިންމާފައި އޮތީ މި އަހަރެވެ.
އަޔުޝްމަން މިހާރު އަންނަނީ ސޫރަޖް ބަރްޖަތިޔާގެ "ޔޭ ޕްރޭމް މޯލް ލިޔާ" ކިޔާ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ. އަދި އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕަތީ، ޕަތުނީ އޯރް ވޯ 2" އަންނަ މާޗު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.
އަޔުޝްމަން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ހޮރޯ-ކޮމެޑީ ފިލްމު "ތައްމާ" އެވެ.
ސާރާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "މެޓްރޯ... އިން ދިނޯ" އެވެ.