މުއްދަތު ޖެހުމަށް ފަހު ގާސިމް ދޫނިދޫއަށް ގެންދަނީ: އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
22 އެޕްރީލް 2017 - 15:01
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރުމަށް ވާން ޖެހޭ ތައްޔާރީތައްވެ، މާދަމާ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމި ސަބަބުތައް ފަހުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުުގައި ހިމެނިވަޑައިގަންނަވާ ހިސާން (ކ) އާއި މާރިޔާ ކޯޓުން ނިކުމެ ވަޑައިގަންނަވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
ގާސިމް ބަންދުގެ މުއްދަތު އިތުރުކުރަން ހުއްދަ ދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. ގާސިމް ހައްޔަރުކުރުމުގެ އަމުރު ވެސް ނެރުއްވީ އޭނާ ކަމަށް ވާތީ، ބަންދުގެ މަޖިލިހުގެ ރިޔާސަތުގައި އިންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގާސިމްގެ ވަކީލުން އިއްޔެ ކޯޓުގައި ފާހަގަކުރެއްވި އެވެ. ނަމަވެސް ބާރީ އެކަމުން ތަނާޒިލްވެވަޑައިގަންނަވަން އިންކާރު ކުރެއްވި ކަމަށް ވަކީލުން ވިދާޅުވި އެވެ.
މިފަހަރު ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. އެކަމަކު އެންމެ ފުރަތަމަ ގާސިމް ހައްޔަރުކުރީ، ޕީޖީގެ ރޯލެއް ނެތި، ފުލުހުން އެދުނު އެދުމަކަށް، އިސް ގާޒީ ބާރީ ދެއްވި އަމުރަކަށެވެ. އެފަހަރު ބަންދަށް ހަ ދުވަސް ދިން ފަހުން، އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް، ހައި ކޯޓުން ނިންމައި، ގާސިމް ދޫކޮށްލި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގާސިމް އަލުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ހައްޔަރުކުރުމުގެ އަމުރު އިސް ގާޒީ ބާރީ ދެއްވީ ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކަށް ބައްލަވާފަ އެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފެއްދި ކޯލިޝަންގެ އެންމެ އިސްވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ. ގާސިމް ވަނީ އެކި ފަހަރު މަތިން ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ.
ގާސިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ މިނިވަން ކުރަން ގޮވާލައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެއާ
23 April 2017
ގާސިމް ގެންދަވާ ލާންޗްގަވެސް ހަމަ 42..
ޛަޑިބު
22 April 2017
ކުރީފަހަރު ގާސިމް ހައްޔަރުކުރީމާ އިސްތިއުނާފް ކުރީމާ އެ ޝަރީއަތުގައި ޕީޖީ އޮފީހުން ބުނިތަ އެކަންކުރީ ގާނޫނާ ޚިލާފަށޭ؟
ޑަޑިބު ގެ ކަޅު އަމާ
22 April 2017
ޕީ ޖީ އެއްނޫން ބުނަން ޖެހޭނީ، ބުނަން ޖެހޭފަރާތުން އެއޮތީ ބުނެފައި އެއީ ދިވެހި ރާއްޖޭގެ ހައިކޯޓު... ކަލެއައް ސާފުވެއްޖެތަ.؟؟